ޔޫރޯ އަށް ކޮލިފައިވުމަށް ޗެކްރިޕަބްލިކް ކުޅެން ޖެހުނު ފަހު މެޗަކީ އެސިސްޓެންޓް ކޯޗު ޖިރީ ޗީޓްރީ އަށް ނުނިދުނު ރެއެކެވެ. އެންމެ ފަހުން އޭނާ ނުކުތީ ހޮޓަލުގެ ކޮރިޑޯ އަށެވެ. ފަހުން އޭނާ އަށް އެނގުނީ ޓީމުގެ ބައެއް ކުޅުންތެރިން މުހިންމު މެޗެއް ކުރިމަތީގައި އޮއްވައި ޕާޓީކުރަން ބޭރަށް ގޮސްފައި އެނބުރި ނާންނަކަމެވެ. މިހިސާބުން ޓީމުތެރޭގައި ޖެހުނު މައްސަލައިގެ ނިމުމަކަށްވީ މުބާރާތަށް ކޮލިފައިވި ހިސާބުން ކޯޗު ސިލްހާވީ ވެސް އިސްތިއުފާދިނުމެވެ.
މިހާރުގެ ކޯޗު އައިވަން ހަސެކަށް ޓީމު ބައްޓަންކުރަން ކުރަން ލިބުނީ މިދިޔަ މާޗު މަހު އެވެ. ގައުމީ ޓީމަށް ހަވާލުވުމަށްފަހު ފުރަތަމަ ވެސް އޭނާ ބުނީ ނޭވީ ފުޓްބޯޅަ ނުކުޅެވޭނެ ކަމަށެވެ. މާނައަކީ ކުޅުންތެރިންނަށް ފާރަވެރިވެގެން، އަބަދު އެމީހުންގެ ފަސްފަހަތް ބަލައިގެން ކަސްތޮޅު އަޅުވައިގެން ފުޓްބޯޅަ ނުކުޅުވޭނެކަމަށެވެ. އެކައްޗެއްވެސް ހާސިލް ނުކުރެވޭނެ ކަމަށެވެ. މިހެންވެ އޭނާ ވަނީ ކުޅުންތެރިން މިނިވަންކޮށް އުޅެން ދޫކޮށްލައިފަ އެވެ.
ޗެކް ޓީމުގެ އަމާޒަކީ ޓީމާއެކު އެންމެ ދަށްވެގެން މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކުރުމެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއަތުން މޮޅުނުވުމުގެ ސިލްސިލާ އަށް ނިމުން ގެނައުމެވެ. ބޮޑު މުބާރާތެއްގައި މި ދެ ބައި މީހުން އެންމެ ފަހުން ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކުރީ ޕޯޗުގަލް އެވެ.
މި ފަހަރުގެ މުބާރާތާ ކުރިމަތިލާ ޕޯޗުގަލް ޓީމަކީ އެހެން އަހަރުތަކަށްވުރެ ހުރިހާ ގޮތަކުން ވެސް ބެލެންސް ޓީމެކެވެ. ހާއްސަކޮށް ޓީމުގެ ފޯވަޑް ލައިނަކީ ވަރުގަދަ ހުނަރުން ފުރިގެންވާ ޑިޕާޓްމަންޓެކެވެ. ރޮނާލްޑޯ ނުލައި ވެސް މޮޅުވެވޭނެ ހުނަރާއި ގާބިލްކަން ޕޯޗުގަލްގައި އެބަހުއްޓެވެ. އޭނާ ހުރެގެން މާ ފަސޭހައިން މޮޅުވެވޭނެ ކަމަށް ގަބޫލުނުކުރާ ހަމައެކަކު ވެސް ނެތެވެ. ކޮލިފައިންގައި އެކަނި ވެސް ރޮނާލްޑޯ 10 ލަނޑު ޖެހި އެވެ.
ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒަކީ ހައެއްކަ އަހަރު ބެލްޖިއަމްގެ އެންމެ ވަރުގަދަ ޓީމުގައި ހުރެ އެއްވެސް ކަމެއްނުވި ކޯޗެކެވެ. އެކަމަކު އޭނާ ދެކެނީ ޕޯޗުގަލްގެ ތަރިންނާއެކު މި ތާރީހު މުޅިން ބަދަލުކުރެވިދާނެ ކަމަށެވެ. މާޓިނޭޒްގެ މިހާރުގެ ސްޓައިލަކީ ކުޅުންތެރިންނަށް ވަރަށް ފްރީ ރޯލުތަކެއް ދިނުމެވެ.
ފަހަތުގައި ރުބެން ޑިއާސް އިސްކޮށް ބަލަހައްޓައިގެން ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭގެ ބޭނުން ހިފާއިރު ޓީމުގެ މެދުތެރޭގައި އޮތީ ބޯޅަ ގެއްލުމުން ނުހަނު ރަނގަޅަށް ޑިފެންޑަރުންނާ ބައިވެރިވާންޖެހޭނެ ފަދަ ވަރުގަދަ އަހުދުނާމާއެކެވެ. މެދުތެރެއިން ޓީމު ލައްވައި ކުޅުވުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ބުރޫނޯ ފެނާންޑޭޒަށެވެ. މާޓިނޭޒް ބުނީ ނިމިދިޔަ ސީޒަނުގެ ކުލަބު ފޯމު އެންމެ ރަނގަޅު ނޫސް ފެނާންޑޭޒް ގައުމީ ޖާޒީގައި މޮޅަށް ކުޅޭނެ ކަމާމެދު އޭނާ ޝައްކު ނުކުރާ ކަމަށެވެ.
ޕޯޗުގަލްގެ އެންމެ ވަރުގަދަ ޑިޕާޓްމަންޓަކީ ފޯވަޑް ލައިނެވެ. ޑިއެގޯ ޖޮޓާ އާއި ރަފޭލް ލިއާއޯ އާއި ބެނާޑޯ ސިލްވާ އާއި ޔާއޯ ފެލިކްސްއާއި ގޮންކާލޯ ރާމޯސްގެ އިތުރުން ރޮނާލްޑޯފަދަ ކޮންމެ ފޯވަޑަކީ ވެސް އެމީހެއްގެ ދުވަހެއްގައި މުޅި ޓީމު ކޮނޑުއަޅައިގެން އުޅެވޭހާ ވިދުންހުރި ތަރިންނެވެ. ނަމަވެސް މާޓިނޭޒް ބޭނުންވަނީ އެކަނި ކުޅެ ގޯލް ޖެހުމުގެ ބަދަލުގައި އޭނާގެ ފޯވަޑުން އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށެވެ.. އަމިއްލަ އެދުން އިސްނުކުރުމަށެވެ.