ކުޅިވަރު

އިޓަލީގެ އަވަސް ކުޅުން ނުހުއްޓުވުމުން އަހަރެމެން ލަދުގަންނަން ޖެހޭ: ސިލްވީނިއޯ


"
އިޓަލީން ވަރަށް އަވަސް ސްޕީޑެއްގައި ބޯޅަ ގެންގުޅުނު، އަހަރެމެންނަށް އެކަން ނުހުއްޓުވުމަކީ ލަދެއް.
ސިލްވީނިއޯ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، އިޓަލީ އަތުން 2-1 އިން ބަލިވި މެޗަށްފަހު ނޫސްވެރިންގެ ބައްދަލުވުމުގައި އަލްބޭނިއާގެ ކޯޗު، ސިލްވީނިއޯ ވަނީ، އިދިކޮޅު ޓީމުގެ އަވަސް ކުޅުން ނުހުއްޓުމަކީ އޭނާގެ ޓީމަށް އޮތް ލަދެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ހިތްހަމަނުޖެހިފައި ހުރެ ސިލްވީނިއޯ ބުނީ، އޭނާގެ ޓީމު ކޮޅަށް ދެވަނަ ގޯލު ނުވަތްނަމަ ކައުންޓާއެޓޭކުގައި އިޓަލީ އަށް މައްސަލަތައް ކުރިމަތިކުރެވުނީސް ކަމަށެވެ. އެކަމަކު، އެކަން އެގޮތަށް ނުވި ކަމަށެވެ.

ސިލްވީނިއޯ ބުނީ، މި މެޗުން ރަނގަޅު ނަތީޖާއެއް ހޯދުމަށް މިދިޔަ 10 ދުވަހު ގިނަ މަސައްކަތެއްކޮށް، އެކަން ހާސިލްނުކުރެވުމުން ހިތްހަމަނުޖެހި މާޔޫސްވެފައިވާ ކަމަށެވެ. ދަނޑުތެރޭގައި އާއި ދަނޑު ބޭރުން ސަޕޯޓަރުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔައިރު ނަތީޖާ އެއްވަރުކޮށްނުލެވުމުން އޭނާ ލަދުގަންނަ ކަމަށެވެ.

އަވަސް ގޯލަކާއެކު އަލްބޭނިއާ އިން ރަނގަޅަށް ފެށި ކަމަށާއި، ފުރަތަމަ ހާފުގައި އެއަށްވުރެ ރަނގަޅަށް ކުޅެވެން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް ކޯޗު ސިލްވީނިއޯ ބުންޏެވެ. ސިލްވީނިއޯ ބުނީ، ފަހު ހާފުގައި އޭނާގެ ޓީމުން ކުޅުން ރަނގަޅުކުރިއިރު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރޭ މަނާއީ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ލިބުނު ކަމަށެވެ.

"އިޓަލީ އަށް މި މެޗުން މޮޅުވުން ހައްގު. އަހަރެމެންގެ ގޯލަށް ފަހު އެމީހުން އަހަރެމެންނަށް ހުއްޓުމެއްނެތި ޕްރެޝަރު ކުރިމަތިކުރުވި،" އަލްބޭނިއާގެ ކެޕްޓަން، ބެރާޓް ޖިމްޝީޓީ ބުންޏެވެ.

ޖިމްޝީޓީ ބުނީ، އޭނާގެ ޓީމުގެ ކީޕަރު، ސްޓްރަކޯޝާ މުހިއްމު ސޭވްތަކެއް ކޮށް، ޓީމު ހަމައަކަށް އެޅުވި ކަމަށެވެ. އަދި، ފަހުން ކުޅެން ނިކުތް މަނާއީ އަށް ނަތީޖާ ބަދަލުކޮށްލަން ރަނގަޅު ފުރުޞަތެއްލިބުނު ކަމަށެވެ.

މި މުބާރާތުގައި އަލްބޭނިއާ އަށް ދެން އޮތީ އަންނަ ބުދަ ދުވަހު ކްރޮއޭޝިއާ އާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ފަށާނީ އެ ދުވަހު ރާއްޖޭގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.