ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައި އޮތް ރެކޯޑަކާ ކްރޮއޭޝިއާގެ ކެޕްޓަން ލުކާ މޮޑްރިޗް އަރާ ހަމަކޮށްފިއެވެ. އެއީ އެންމެ ގިނަ ޔޫރޯ މުބާރާތުގައި ކުޅުމުގެ ރެކޯޑެވެ.
ރޮނާލްޑޯ ވަނީ ފަސް ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޔޫރޯ) ގައި ކުޅެފައެވެ. ޖަރުމަނުގައި މިހާރު ކުރިއަށްދާ މުބާރާތް ވާނީ ރޮނަލްޑޯގެ ހަވަނަ ޔޫރޯ އަށެވެ. މިހާރު ކުރިއަށްދާ މުބާރާތުގައި ސްޕެއިންއާ ދެކޮޅަށް ކްރޮއޭޝިޔާ ކުޅުނު މެޗާއެކު މޮޑްރިޗް ވަނީ ފަސްވަނަ މުބާރާތުގައި ކުޅެފައެވެ.
މިވަގުތަށް މޮޑްރިޗަށް ރޮނާލްޑޯއާ އެއް ހަމައެއްގައި ހުރެވުނަސް އަންގާރަ ދުވަހު ރޮނަލްޑޯ އަނެއްކާވެސް ރެކޯޑް އަމިއްލަ ކުރުމުގެ ފުރުޞަތު ބޮޑެވެ. އެއީ މިމުބާރާތުގައި ޕޯޗްގަލް ކުޅޭ ފުރަތަމަ މެޗުގައި އަންގާރަ ދުވަހުގެރޭ ޗެކްރިޕަބްލިކާ ދެކޮޅަށް ނިކުންނާނެއެވެ. ކެޕްޓަން ބޭންޑް އަޅައިގެން ރޮނާލްޑޯ މެޗުގައި ޕޯޗުގަލް ލީޑް ކުރަން ނިކުތުމުގެ ފުރުޞަތު ބޮޑެވެ. މުބާރާތަށް ތައްޔާރުވާން ޕޯޗުގަލް އެންމެ ފަހުން ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ވެސް ޖަހާފައެވެ.
ރޮނާލްޑޯ އެންމެ ފުރަތަމަ ޔޫރޯގައި ވާދަކުރީ 2004 ވަނަ އަހަރު އުމުރުން 19 އަހަރުގައެވެ. އޭގެފަހުން ފާއިތުވި ފަސް ޔޫރޯގައިވެސް ރޮނާލްޑޯ ވަނީ ކުޅެފައެވެ. އަދި ފަސް މުބާރާތުގައި ވެސް ރޮނަލްޑޯ ވަނީ ލަނޑު ޖަހާފައެވެ. ޔޫރޯގެ ގިނަ ރެކޯޑް ތަކެއް މިހާރުވެސް އޮތީ ރޮނާލްޑޯ އަތުގައެވެ. އެއީ އެންމެ ގިނަ މެޗު ކުޅުމާއި، އެންމެ ގިނަ ގޯލް ޖެހުމާއި، އެންމެ ގިނަ މުބާރާތުގައި ލަނޑު ޖެހުމާއި، އެންމެ ގިނަ ޔޫރޯ މުބާރާތުގައި ކުޅުމުގެ ރެކޯޑެވެ.
ރޮނާލްޑޯ އަށް މިއަހަރު 39 އަހަރު ފުރިއްޖެ އެވެ. މޮޑްރިޗަށް މިއަހަރު 39 އަހަރު ފުރޭނެއެވެ.
ރޮނަލްޑޯއާއެކު ޕޯޗްގަލް ގައުމީ ޓީމަށް ކުޅެމުން އަންނަ ޑިފެންޑަރ ޕެޕޭއަށް މިއީ އޭނާގެ ފަސްވަނަ ޔޫރޯ އެވެ. މިމުބާރާތުގައި ކުޅުމުން ޕެޕޭއާއި މޮޑްރިޗް މުބާރާތުގައި ކުޅުނު އަދަދު ހަމަހަމަ ވާނެއެވެ.