އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސަންޑަލޭންޑާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލީގުގައި އެ ޓީމު މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި އާސެނަލް ކުޅުނު މި މެޗުން މޮޅުވިއިރު އެ ޓީމުން ވަނީ ޕްރިމިއާ ލީގުގައި މި ސީޒަނުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް ޖުމްލަ 12 ޕޮއިންޓް ހޯދާފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ސަންޑަލޭންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު އާސެނަލް އަށް ލަނޑު ޖަހާނެ ރަގަޅު މާގިނަ ފުރުސަތުތަކެއް ހޯދިފައެއް ނުވެއެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ ވަނީ މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު އެ ޓީމަށް ދެ ބަދަލެއް ގެނެސްފައެވެ. އެގޮތުން ބެން ވައިޓް އާޢި ލެވިސް-ސްކެލީގެ ބަދަލުގައި ޖަސްޓިން ޓިމްބަރ އާއި ބްރޫނޯ ގުމަރޭސް ވަނީ ކުޅެން އަރުވާފައެވެ.
މި މެޗުގައި އާސެނަލް އިން ލީޑު ނަގާފައިވަނީ މެޗުގެ 58 ވަނަ މިނިޓުގައި ޑެކްލަން ރައިސްގެ އެސިސްޓަކުން ބްރޫނޯ ގުމަރޭސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މި ސީޒަނަށް އެ ޓީމާއި އަލަށް ގުޅުނު ގުމަރޭސް އާސެނަލްއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
އާސެނަލް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ އިންޖަރީ ވަގުތުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ބުކަޔޯ ސަކާ އެވެ. މި ޕެނަލްޓީ އަކުން ސަންޑަލޭންޑްގެ ރެއިނިލްޑޯ މަންޑާވާ އޭރިޔާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން އާސެނަލް އަށް ލިބުނު ޕެނަލްޓީއެކެވެ. އަދި މި ފައުލް ކުރުމާއިއެކު ރެފްރީ ވަނީ އޭނާއަށް ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.