ސްޕެނިޝް ލަލީގާގައި ރޭ ރަޔޯ ވަޔެކާނޯ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބާނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރެއާލް މެޑްރިޑް އިން ލީޑު ނަގާފައިވަނި މެޗުގެ 14 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކިލިއަން އެމްބާޕޭ އެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން އަލްވާރޯ ކަރެރާސް އަށް ފައުލް ކުރުމާއި ގުޅިގެން ރެއާލް މެޑްރިޑަށް ލިބިފައިވާ ޕެނަލްޓީ އެކެވެ.
ރެއާލް މެޑްރިޑް އިން ލީޑު ނެގިތާ ތިން މިނިޓު ފަހުން އެމްބާޕޭގެ އެސިސްޓަކުން އަލްވާރޯ ކަރެރާސް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.
ރެއާލް މެޑްރިޑް އިން ތިންވަނަ ލަނޑެއް މި މެޗުގައި ޖަހާފައިވަނީ މެޗުގެ 35 ވަނަ މިނިޓުގައި ޖޫޑް ބެލިންހަމް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުގެ ފުރަތަމަ 35 މިނިޓުގައި ތެރޭގައި ރެއާލް މެޑްރިޑް އިން ތިން ލަނޑު ޖަހާފައިވާއިރު އެ ޓީމުން ލީގުގައި މިދިޔަ ހަފްތާގައި ކުޅުނު މެޗުންވަނީ ރެއާލް ބެޓިސް އަތުން ބަލިވެފައެވެ.
ރަޔޯ ވަޔެކާނޯ އިން މި މެޗުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައިވަނީ މެޗުގެ 51 ވަނަ މިނިޓުގައި ސާޖިއޯ ކަމެއްލޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ރެއާލް މެޑްރިޑް އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި އެ ޓީމުން ވަނީ ހަތަރުވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ފުރަތަމަ މިނިޓުގައި އެމްބާޕޭ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.