ސާބިއާ އަކީ ކުރީގެ ޔޫގޯސްލާވިޔާ އެވެ. 1992 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް އެގައުމު ކުޅުނީ ސާބިއާ އެންޑް މޮންޓެނީގްރޯ ނަމުގަ އެވެ. މިއީ ސާބިއާގެ ނަމުގައި ޔޫރޯގައި ކުޅޭ ފުރަތަމަ ފަހަރެވެ. ހަނގުރާމައިގެ ތެރެއިން ޔޫގޯސްލާވިޔާ ބައިވެގެން އުފެދުނު ގައުމަކަށްވުމާއެކު ސާބިއާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ނިޝާނެއްގެ ގޮތުގައި ވެސް ފުރަތަމަ ކުރަހާފައިވަނީ ހުޅުކޮޅެކެވެ.
ނަމަވެސް ޓީމު މާކެޓުކުރުމަށް ފަސޭހަކުރުމުގެ ވިސްނުމެއްގެ ތެރެއިން 2002 ވަނަ އަހަރު މި ނިޝާން ވަނީ ބަދަލުކޮށްފަ އެވެ. ޓީމުގެ ވަ ނަމަކީ ދަ އީގަލްސް އެވެ. ޔޫގޯސްލާވިޔާ ބައިބައިވި ހަނގުރާމައިގެ ސަބަބުން ސާބިއާ އަށް ފުޓްބޯޅައިގައި ބޮޑެތި ގެއްލުންތަކެއްވި އެވެ. ގައުމީ ދިދަ އާއި ގައުމީ ސަލާމް ވެސް ފަހުން ބަދަލުކުރަން ޖެހުނީ ޔޫގޯސްލާވިޔާގެ ހަނދާންތަކަށް އެހެން ގައުމުތަކުން ސަޕޯޓަރުން ނުރުހުން ފާޅުކޮށް، ފުޓްބޯޅަ މާކެޓް ކުރުމަށް ދަތިތަކެއް މެދުވެރިވުމުންނެވެ. މި ފަހަރުގެ ޔޫރޯ އަށް ސާބިއާ ކޮލިފައިވީ ހަންގޭރީގެ ފަހަތުން ގްރޫޕް ޖީގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ޓީމުގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ރެއާލް މަޔޯކާގެ ކީޕަރު ރަޖަކޮވިޗާއި އިޓަލީގެ ޓޮރިނޯގެ ކީޕަރު މިލިންކޮވިޗާއި ޗެލްސީގެ ކީޕަރު ޕެޓްކޮވިޗާއި ޔުވެންޓަސްގެ ޑުސާން ވްލޮހޮވިޗަކީ ފާހަގަކޮށްލެވޭ ތަރިންނެވެ.
ކޯޗު ސްޓޮއިކޮވިޗްގެ ވިސްނުމަކީ އެހެން ޓީމުތަކަށް ވުރެ ގިނަ ގޯލު ޖެހުމެވެ. މިހެންވެ ސާބިއާ ކޮޅަށް ވަންނަ ގޯލުގެ އަދަދު މަދެއްނޫނެވެ. އޭނާގެ ސްޓައިލަކީ މަތިން ކުޅެ އިދިކޮޅު ޓީމުތަކަށް ބާރުބޮޑު ކުރުމެވެ. ކޮލިފައިންގައި ވަރުން އެޅިގެންނުވާ ވަރުގެ ބަޔަކާ ދެކޮޅަށް މިގޮތަށް ކުޅެ ނަތީޖާ ނެރުނަސް އިނގިރޭސިންނަކީ ތަފާތު ބައެކެވެ.
އެކަމަކު މަތިން ކުޅެން ފަށައިފިނަމަ އިނގިރޭސި ޑިފެންޑަރުންނަށް މި ފަހަރު ފަސޭހަނުވާނެ ކަމަށް ގަބޫކުރާ މީހުން އަދަދު ކުއްލިއަކަށް ވަނީ އިތުރުވާން ފަށައިފަ އެވެ. ސަބަބަކީ އިނގިރޭސިންގެ އެންމެ ބޮޑު ބަލިފަޔަކީ ވެސް ދިފާއީ ލައިން ކަމަށްވުމެވެ. މިހެންވީ ޔޫރޯގެ ކުރިން އިނގިރޭސި ޓީމަށް ކުރިމަތިވި އަނިޔާގެ ކާރިސާއަކަށް ފަހު އެވެ. މުބާރާތަށް އަންނަންޖެހުނީ މުހިންމު ގިނަ ކުޅުންތެރިން ބައިތިއްބާފަ އެވެ. ކޯޗު ގެރެތް ސައުތް ގޭޓް ނަގާފައިވާ ޓީމުގައި މިހާރު ގިނައިން ތިބީ ވެސް އެޓޭކަރުންނެވެ. މިހެންވެ ފަހަތަށް ދާ ބޯޅަތަކުގައި އިނގިރޭސިން ހަދާނެ ގޮތަކާމެދު އެންމެ ބޮޑަށް ބަހުސް ކުރަމުންދަނީ އެ ގައުމުގެ މީޑިއާއިންނެވެ.
ޖޫޑް ބެލިންހަމް ރެއާލް މެޑްރިޑްގައި ކިތަންމެ މޮޅަށް ކުޅުނަސް، އޭނާ އަށް އެހީވާން އެފަދަ ވަރުގަދަ މެދުތެރެއެއް އިނގިރޭސި ޓީމަކު ނެތެވެ. ހެރީކޭން އެއް އަހަރު ޖަރުމަނުގައި ހޭދަކުރިޔަސް އޭނާ އަށް އޮތް ޕްރެޝަރަކަކީ ތަށި ހޯދާ މީހެއް ނޫން ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކެވެ.
އިނގިރޭސި ޓީމުގެ އެންމެ ބޮޑު ބަލިފަޔަކީ މީޑިއާގެ ނުފޫޒެވެ. ޓީމަށް ފާޑުކިއުމުގައި މީޑިއާ ހައްދުން ނެއްޓޭ ކަމަށް ކޯޗު ގެރެތް ސައުތު ގޭޓް ވެސް މިހާރު ސިފަކޮށްފި އެވެ. މިފަދަ މިސާލަކީ ޓީމުގެ މި ފަހަރުގެ ޓީމަށް ބަލާއިރު މެދުތެރެއަށް 19 އަހަރުގެ ޒުވާން ކޯބީ މައިނޫ ނެގުމާއެކު އޭނާ އަކީ މާއަކީ މާޒުވާން ކުއްޖެއް ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކެވެ. ގައުމީ ޓީމަށް ނެގުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑްގައި މި ސީޒަނުގައި އޭނާ ދެއްކި ކުޅުމަށް ހަމަ އިނގިރޭސި މީޑިއާއިން އިމެއްނެތި ތައުރީފް ކުރި އެވެ. ހާއްސަކޮށް އެފްއޭކަޕް ފައިނަލް މެޗުގައި ގޯލު ޖަހައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ނަމަވެސް މިހާރު މައިނޫ ކަމުނުގޮސްގެން ބުނަމުންދާ ވާހަކަ އަކީ މިއީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕަށް އިނގިރޭސިން 17 އަހަރުގެ ތިއޯ ވޮލްކޮޓް ނެގުން ފަދަ ކަމެއް ކަމަށާއި އެގޮތަށް މި ފަހަރުވެސް އިނގިރޭސިން ދާނީ ކުދިވެރިންނާއެކު ފަނުފުލުން ކަމަށެވެ.