ޚަބަރު

ޢީދު ފާހަގަކުރުން: ސަގާފީ އެތައް ކުޅިވަރެއް އާލާވެ އެއްބައިވަންތަކަން ފެނިގެންދޭ


  • ޢީދުގެ ހަރަކާތްތަކުން ދިވެހިންގެ އެއްބައިވަންތައްކަން ފެނިގެންދޭ

  • މި އަހަރު ޤައުމީ ފެންވަރުގައި 3 ރަށެއްގައި ޢީދު ފާހަގަކުރޭ

ރާއްޖޭގައި ކޮންމެއަހަރަކު ކުލަ ގަދަކޮށް އަޟްޙާ ޢީދު ފާހަގަކުރަމުންދާއިރު، އަހަރަކަށްވުރެ އަހަރެއް ޢީދު ފާހަގަކުރުމުގެ ފޯރި އަންނަނީ ގަދަވަމުންނެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ ޘަގާފީ ހަރަކާތްތަކަކީ އަޅުގަނޑުމެން ދިވެހީންގެ ތެރެއިން ފިލައިގެން ނުދާ އާދަކާދަތަކެކެވެ.

ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި ކުރިއެރުންތަކާއެކު އަޅުގަނޑުމެން ދިވެހިންގެ އުޅުމާއި ކުރަމުންއައި ކަންކަމަށްވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެހެންނަމަވެސް ބަދަލުނުވާ އެއް ކަމެއް އަޅުގަނޑުމެންގެ ތެރޭގައި އެބައޮތެވެ. އެއީ ދިވެހިންނަށް ޢީދު އައުމުން އެ ލިބޭ އުފާވެރިކަމާއި، ހިތްހަމަޖެހުމާއި އެ ނަގާ ފޯރިއެވެ.

ޢީދު ފާހަގަކުރުމަށް ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ކޮށްއުޅުނު ކަންކަން ކޮންމެވެސް ވަރަކަށް ބަދަލުވި ނަމަވެސް ޢީދުގެ ފޯރިއަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

ފަހަކަށް އައިސް ސަރުކާރުން އެކި ރަށްރަށުގައި ޤައުމީ ފެންވަރުގައި ޢީދު ފާހަގަކުރުމަށް ނިންމުމުން މި ފޯރި އިތުރަށް ވަނީ ގަދަވެފައެވެ. ކޮންމެ ރަށަކުންވެސް އެއް ރަށަށް ވުރެއް އަނެއްރަށުގައި ކުލަގަދަކޮށް ޢީދު ފާހަގަކުރުމަށް މަސައްކަތް ކުރަމުންދެއެވެ. އެގޮތުން މި އަހަރުގެ އަޟްޙާ ޢީދުވެސް ޤައުމީ ފެންވަރުގައި 3 ރަށެއްގައި ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ރ. އުނގޫފާރު، ދ. ކުޑަހުވަދޫ އަދި ގއ. ވިލިގިލީގައެވެ.

ތާރީޚުގެ ތެރަށް ފީނާއިރުވެސް ދިވެހިންގެ ތެރޭގައި ޒަމާނުންސުރެއް ކުޅެމުން އަންނަ ދަފިނެގުމާއި، ކޯޑި ކެނޑުމާއި، މާލި ނެރުމާއި، ބޮޑުމަސް ބޭނުން ފަދަ ކުޅިވަރުތަކަކީ ހުއްޓުމެއްނެތި ކުޅެމުން އަންނަ ކުޅިވަރުތަކެކެވެ. އަދި ކުލަ ޖެހުމާއި ފެންކުޅިކުޅުމަކީވެސް ފޯރިގަދަކޮށް ކުރިއަށްގެންދާ ހަރަކާތްކެކެވެ. މި ހުރިހާ ހަރަކާތްތަކެއްގައިވެސް ކުދި ބޮޑު އެންމެ ބައިވެރިވުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

ޢީދު ނަމާދުން ފޭބުމަށްފަހު ނަމާދުން އަންނަ މީހުންނަށް ސައިހެދުމުގައި އަންހެން ވެރިން އުޅޭއިރު އެވަގުތަކީ ހަދިޔާ ބަދަލުކުރުމުގެ ވަގުތެއްވެސްމެއެވެ. މިއީ މިހާރުވެސް ބައެއް ހިސާބުތަކުގައި ކުރަމުން އަންނަކަމަކަށް ވާއިރު އޭރުވެސް މިހާރުވެސް ރަށްރަށުގައި އެއް ގެއިން އަނެއް ގެއަށް ސައިބޯ އެއްޗެހި ގެންދިއުމާއި، ޢީދު ބޯކިބާ ގެންދިއުމަކީ ކޮށްއުޅޭ ކަންކަމެވެ.

ޢީދާ އެންމެ ބޮޑަށް ގުޅިފައިވާ އެއް ކަމަކީ ހަމަ ޔަޤީނުންވެސް ކެއުމެވެ. ކެއުމުގެ ތެރެއިން ވެސް މެންދުރުގެ ކެއުމަކީ ޚާއްސަ ވަގުތުކޮޅެކެވެ. އެވޭލާ ޒަމާނަށް ބަލާއިރު އާންމު ގޮތެއްގައި ގިނަ ގޭގޭގައި ކުކުޅު ގެންގުޅެއެވެ.

ކުކުޅު ނުގެންގުޅޭ ގޭގެއިން އެހެން މީހުން އަތުން ކުކުޅު ގަނެގެން ވެސް ކުކުޅު ކަތިލައެވެ. އަދި އެއަށްފަހު އަވަށްޓެރިނާ އެކު ރިހަ ކެއްކުމަށް ފަހު ބޮޑު ކޭމެއް ތައްޔާރު ކުރެއެވެ. މިއީ އާޢިލީ ގުޅުމާއި އަވަށްޓެރިކަމުގެ ގުޅުންވެސް ބަދަހިކުރުމަށް ލިބޭ ފުރުޞަތެކެވެ.

ޢީދު ފާހަގަކުރުމަށް ފޯރީގައި ކުޅިވަރުގެ އެކިއެކި ހަރަކާތްތައް ހިންގާއިރު ދަފި ނެގުމާއި ކޯޑި ކެނޑުމާއި މާލި ނެރުމަކީ އޭރުވެސް އަދި މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ. ދަފި ނެގުމުގައި އަންހެނުންނާއި ފިރިހެނުން ވެސް ނެށުމުގެ ފޯރީގައި ޖިންސު ތަފާތު ކުރުމެއް ނެތި ބައިވެރިވެއެވެ. މީގެ އިތުރުން ކޯޑި ކެނޑުމަށް ބަލާއިރު މިއީ ޢީދު ފާހަގަކުރުމަށް ރާއްޖޭގައި ކުޅެއުޅޭ އެންމެ ފޯރިގަދަ އެއް ކުޅިވަރުކަން ފާހަގަ ކޮށްލެވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ކުޅިވަރު ކުޅެމުން އަންނަނީ ތަފާތު ގޮތްގޮތަށެވެ.

މި ކުޅިވަރުތަކުން އަދި ޢީދުގެ ފޯރިއަކަށް ނިމުމެއް ނާދެއެވެ. ރޭގަނޑުގެ ވަގުތުގައި ޢީދު ޝޯވ ބޭއްވުމާއި ބޮޑުމަސް ދުއްވުމަކީވެސް ކުރަމުން އަންނަ ކަމެކެވެ. މިއީ ވެސް އެހާ ފޯރިގަދަ ކަންކަމެވެ.

ޢީދުގެ މުނާސަބަތާ ގުޅިގެން ކުޅިވަރުގެ ހަރަކާތްތައް ދެ ދުވަސް ނުވަތަ ތިން ދުވަހަށް ދެމިގެންދެއެވެ. މި ކަންކަމުން ދޭހަވަނީ ހަމަ އެންމެ ކަމެކެވެ. އެއީ އޭރުވެސް، މިހާރުވެސް ދިވެހިންނަކީ މުއްސަނދި ސަގާފަތެއްގެ ވެރި އެއްބައިވަންތަ ބައެއް ކަމެވެ.