ޖަރުމަނަށް ސްޕޭން ޓީމު ދަތުރުކުރީ މީގެ 18 މަސްދުވަސް ކުރިން މޮރޮކޯ އަތުން ބަލިވެ، ވޯލްޑްކަޕުން ކެޓި ޓީމަށްވުރެ ހުރިހާ ގޮތަކުން ވެސް މަތިވެރި އުއްމީދެއްގަ އެވެ. ޓީމުގެ ތަރި އަކީ ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި އުމުރުން 16 އަހަރުގެ ބާސެލޯނާގެ ފޯވަޑް ލަމީން ޔަމާލެވެ. މިރޭގެ މެޗާއެކު އޭނާ ވެގެންދާނީ ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތުގައި ކުޅުނު އެންމެ ހަނގު ކުޅުންތެރިޔާ އަށެވެ. ޔަމާލް އަކީ ސްޕޭން ޅަ ކުއްޖަކަސް އޭނާގެ މައިން ބަފައިންނަކީ އީކުއޭޓޯރިއަލް ގިނީ އާއި މޮރޮކޯގެ ބައެކެވެ. ބޮޑު މުބާރާތެއް ކުޅެން ގޮސް މާދުރުގައި ހުއްޓަސް އޭނާ އަކީ އަދިވެސް ކިޔަވާ ކުއްޖެކެވެ. މުބާރާތުގެ ތެރޭގައި ވެސް އޭނާ އަށް މަދަރުސާގެ ފިލާވަޅުތައް ދަސްކުރަންޖެހޭނެ އެވެ. މިވަރުގެ ކުއްޖަކު ސްޕޭން ލީޑް ކުރަން ނުކުންނައިރު ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޗް ވަނީ ގައުމީ ޓީމަށް ކުޅެން ފެށީ ޔަމާލް ވިހެއުމުގެ މާކުރިންނެވެ. މިހެންވެ މިރޭގެ މެޗަކީ ހުނަރާއި ސްޕީޑާއި ތަޖުރިބާގެ ތަފާތު ވެސް އިންތިހާ އަށް ފެނިގެންދާނެ މެޗެކެވެ.
މި މެޗަށް ނުކުންނައިރު ނުކުންނައިރު ސްޕޭނަށް ޔަގީން ނުވާ ކަމަކީ ޑިފެންޑަރު އެމެރިކް ލަޕޯޓްގެ އަނިޔާގެ މައްސަލަ. ބުރާސްފަތި ދުވަހުގެ ޓްރޭނިންތަކުގައި އޭނާ ބައިވެރިނުވީ މަސްގަނޑަށް ތަދުވެފައި ހުރުމުން. ލަޕޯޓް އަކީ ވާތު ފައިން ކުޅޭ ސެންޓަ ބެކަކަށްވުމުން ކިރިޔާ ވެސް ފުރުސަތެއް އޮތްނަމަ އޭނާ ބަހައްޓާފައި ކޯޗު ޓީމު އެކުލަވާނުލާނެ.
ސްޕޭނަށް އެންމެ ފަހުގެ ބޮޑު ދެ މުބާރާތުން ވެސް ނާކާމިޔާނުވީ ޓިކިޓަކާ ކުޅެން އުޅެގެންނެވެ. މިހެންވެ ކޯޗު ޑެލަފުއެންޓޭ ކޯޗުކަމާ ހަވާލުވެ ފުރަތަމަ ވެސް ކުރި ކަމަކީ މި ސްޓައިލް ބަދަލުކުރުމެވެ. މިހާރު އެއީ ހަމައެކަނި ބޯޅަ ޕާސްކޮށްލަކޮށްލައި ތިބޭނެ ޓީމެއްނޫން. ބޯޅަ ހިފަހައްޓައިގެން ހުސްތަން ހޯދުމަށްވުރެ ބޮޑަށް ހުސްތަނަށް ދުވެގެން ކުޅޭނެ ޓީމެކެވެ. މިހެންވެ ކްރޮއޭޝިޔާ އަށް މެޗު ފަސޭހަނުވާނެ އެވެ.
ގިނަ ބައެއްގެ ހަނދާނުގައި މި ވަގުތު ހުންނާނީ ކްރޮއޭޝިޔާއިން އެންމެ ފަހުގެ ދެ ވޯލްޑްކަޕުގައި ހޯދި ރަނގަޅު ނަތީޖާތަކެވެ. 2018ގެ ފައިނަލް ކުޅެ، 2022ގައި ތިން ވަނަ ހޯދި ވާހަކަ އެންމެންގެ ދުލުކުރީގައިވި ނަމަވެސް ޔޫރޯގައި އެއީ ކާމިޔާބު ޓީމެއްނޫނެވެ. މިހާތަނަށް މި މުބާރާތުގެ ނޮކްއައުޓެއް މެޗެއް ކްރޮއޭޝިޔާ އަށް ކާމިޔާބު ކުރެވިނެތެވެ.
ކޯޗު ލަޓްކޯ ޑަލިކްގެ ޕްލޭން އޭ އަކީ 4-3-3 ފޯމޭޝަނެވެ. ބެކަޕް ޕްލޭނަކީ 4-2-3-1 ފޯމޭޝަން އެވެ. ނަމަވެސް ތަޖުރިބާކާރުންގެ ނަޒަރުގައި ކްރޮއޭޝިޔާގެ ކޮމާންޑަރ އިން ޗީފް ލޫކާ މޮޑްރިޗް ދަނޑުމަތީގައި ބަހައްޓައިފިނަމަ މިއިން އެއްވެސް ފޯމޭޝަނަކީ މިހާރު ކްރޮއޭޝިޔާ އަށް ފެތޭ އެތުރުމެއްނޫނެވެ. ސަބަބަކީ ޓީމުގައި ހައިބްރިޑްކޮށް ކުޅެން ތިބި އެތައް ކުޅުންތެރިންގެ އަސްލު ރޯލު ނޭނގުމެއްގެ ތެރޭގައިވާނެތީ އެވެ.
ނަމަވެސް އުމުރުން 39 އަހަރަށް އެޅެމުން އަންނަ މޮޑްރިޗް ނުލައި ޓީމު ނެގޭ ވަރަށްވުރެ އޭނާގެ ނުފޫޒާއި ބާރު ވަނީ ގަދަވެފައެވެ. ކްރޮއޭޝިއާގެ ފަހުގެ ޖީލި ދުށް އެންމެ މޮޅު ކުޅުންތެރިޔާގެ ފައިން ބާރު ދާން ފެށި ނަމަވެސް މިރޭގެ މެޗަށް ކުޅުންތެރިން ނުކުންނާނީ އޭނާގެ ފަހަތުން ޒިންދާބާދު ކިޔަމުންނެވެ. ކްރޮއޭޝިޔާގެ އެންމެ ވަރުގަދަ ޑިޕާޓްމަންޓަކީ ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި މިޑްފީލްޑްލައިނެވެ. އެކަމަކު ކޮވަސިޗާއި ބްރޮޒޮވިޗްގެ ކިބައިގައި ވެސް 90 މިނިޓްގައި އެއްވާނެއްގައި ހިފަހައްޓާލެވޭނެ ވަރަށް ބުންވަރު ނެތުމަކީ ވަރަށް ބޮޑު މައްސަލައަކަށްވާނެ އެވެ.