ކުޅިވަރު

ކޮންމެ ޕޮއިންޓެއްވެސް ހޯދުމަށް މަސައްކަތް ކުރާނަން: އަލްބޭނިއާ ކޯޗު


މުބާރާތަށް އައީ ރަނގަޅު ވާދައެއް ކޮށް، ކޮންމެ ޕޮއިންޓެއް ހޯދުމަށް ގަދައަޅައި މަސައްކަތްކުރަން ކަމަށް އަލްބޭނިޔާގެ ކޯޗު ސިލްވީނިއޯ ބުނެފި އެވެ. މުބާރާތުގައި އަލްބޭނިޔާގެ ފުރަތަމަ މެޗުގައި މިރޭ ވާދަކުރަން ޖެހޭނީ އިޓަލީ އާއެވެ.

މެޗާ ގުޅޭގޮތުން އާސެނަލް އާއި ބާސެލޯނާ އަދި މެންޗެސްޓާ ސިޓީ ފަދަ ކުލަބުތަކަށް ކުޅެފައިވާ ސިލްވީނިއޯ ބުނީ އަލްބޭނިއާ އާއެކު މުބާރާތަށް އާދެވުމުން ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށެވެ. އަދި މުބާރާތަށް ކޮލިފައިވުމަށްޓަކައި އުނދަގޫ ރާސްތާއެއް ކަޑައްތުކުރަންޖެހުނު ކަމަށާއި، އެހެންނަމަވެސް އަމާޒަށް ވާސިލްވެފައިވާކަން ފާހަގަކުރިއެވެ. ސިލްވީނިއޯ ބުނީ އަލްބޭނިއާ ލައްވާލީ އުނދަގޫ ގްރޫޕެއްގައި ކަމަށާއި، މިއީ އުނދަގޫ މުބާރާތެއް ކަމަށެވެ.

ސިލްވީނިއޯގެ ވާހަކައިގައި ވަނީ އަލްބޭނިއާ ތަމްސީލުކުރުމަށްޓަކައި ކޮނޑުގައި އެޅިފައިވަނީ ބޮޑު މަސްއޫލިއްޔަތެއްކަން ވެސް ފާހަގަކޮށްފައެވެ. އަދި އޭނާގެ ވާހަކަ ނިންމާލުމުގެ ކުރީން ވަނީ އިޓަލީގެ ކޯޗު، ލޫސިއާނޯ ސްޕަލެއްޓީ އާއި އެ ޓީމުގެ ކުޅުންތެރިންނަށް ތައުރީފުކޮށްފައެވެ. އެގޮތުން، ސިލްވީނިއޯ ބުނީ އިޓަލީގެ ކޯޗު ސްޕަލެއްޓީ އަކީ މޮޅު ކޯޗެއް ކަމަށާއި، އެ ޓީމުގައި ހުނަރުވެރި މޮޅު ކުޅުންތެރިން އެބަތިބި ކަމަށެވެ.

އަލްބޭނިއާގެ ޑިފެންޑަރު ބެރާޓް ޖިމްޝީޓީ ބުނީ ދުވަސްތަކެއްވަންދެން އިޓަލީގައި ކުޅެފައިވާތީ އެ ޓީމުގެ ގިނަ ކުޅުންތެރިން އިނގޭކަމަށެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަނަށް ވުމާއެކު އެމީހުންނާ ދެކޮޅަށް ކުޅެން ފަސޭހަނުވާނެ ކަމަށް ވެސް ޖިމްޝީޓީ ބުންޏެވެ. ބޮޑެތި މުބާރާތްތަކުގައި އިޓަލީގެ ތަފާތު ކުޅުން ފެނިގެންދާކަން ވެސް ފާހަގަކުރި އެވެ.

މި މެޗުން ވަރަށް ބޮޑުއިތުބާރެއް އަލްބޭނިއާ ޓީމަށް ލިބޭނެ ކަމަށާއި، އޭގެ ސަބަބުން މުޅި މުބާރާތުގައި ދެން ކުރިއަށްގެންދާނެ ގޮތް އެނގިގެންދާނެ ކަމަށް ވެސް ޖިމްޝީޓީ ބުނެފައިވެއެވެ.

އަލްބޭނިއާ އާއި އިޓަލީގެ އިތުރުން މި ގްރޫޕުގައި ދެން ހިމެނެނީ ސްޕެއިނާއި ކްރޮއޭޝިއާ އެވެ. އިޓަލީއާ ދެކޮޅަށް އަލްބޭނިއާ ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.