ކުޅިވަރު

އަލްބޭނިއާ: މުސްލިމުންގެ އުއްމީދުތަކާ ގުޅިފައިވާ ދިފާއީ ޓީމެއް


ގާތްގަނޑަކަށް 2.8 މިލިއަން މީހުން ދިރިއުޅޭ އަލްބޭނިއާ އަކީ ޔޫރަޕުގެ ދެކުނުގައި އޮތް ބޯލްކަން ގައުމެކެވެ. ގައުމުގެ އާބާދީގެ ތިންބައިކުޅެ ދެ ބަޔަކީ މުސްލިމުންނެވެ. އެއީ ޔޫރަޕުގެ އެންމެ ފަގީރު އެއް ގައުމެވެ. އިގްތިސާދީ ގޮތުން މިހާރު ވެސް ގިނަ ބަޔަކު ތިބީ ކެކުޅުމުގެ ތެރޭގަ އެވެ. އަލްބޭނިއާގެ ކޮންމެ މީހަކާ މެހުމާނަކު ވާހަކަ ދައްކާލިޔަސް އޭނާ އަށް މެހުމާންދާރީ އަދާކުރުމަކީ އެމީހުންގެ މަތިވެރި ސިފައެކެވެ.
އަލްބޭނިއާގެ އެންމެ މަޝްހޫރު ކުޅިވަރަކީ ފުޓްބޯޅަ އެވެ. 2016 ވަނަ އަހަރުގެ ޔޫރޯ އަކީ އެމީހުންގެ ފުރަތަމަ ބޮޑު މުބާރާތެވެ. ސަޕޯޓަރުންގެ މެދުގައި އަލްބޭނިއާގެ ނަމަކީ ދަ ރެޑް އެންޑް ބްލެކް އެވެ. މިއީ އަލްބޭނިއާގެ ގައުމީ ދިދާގައިވާ ނިޝާނާއި ކުލައަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ. ފުޓްބޯޅައިގައި އަލްބޭނިޔާގެ އެންމެ ބޮޑު ވާދަވެރިއަކީ ކޮސޯވޯ އެވެ. އެކަމަކު ކޮސޯވޯގެ މިނިވަންކަމަށް ވާކަލާތު ކުރި ދުވަސްވަރު މި ދެ ގައުމުން އެއްބަޔަކު އަނެއް ބަޔަކަށް ގައުމީ ޓީމުގެ ކުޅުންތެރިން ބަދަލުކޮށްގެން ވެސް މެޗުތައް ކުޅެފައިވެ އެވެ. އެއީ އެއްބައިވަންތަކަން ދެއްކުމުގެ ގޮތުންނެވެ.

މި ފަހަރުގެ ޔޫރޯ އަށް އަލްބޭނިޔާ ކޮލިފައިވީ ޕޮލެންޑާއި ޗެކްރިޕަބްލިކް ފަހަތަށް ޖައްސާލުމަށްފަހު އެވެ. އެމީހުން ބަލިވީ އެންމެ މެޗަކުންނެވެ. މި ފަހަރަކަށް އައިސް ޔޫރަޕުގެ މަޝްހޫރު ލީގުތަކަށް އެމީހުންގެ ހުނަރު އެކްސްޕޯޓް ކުރުމަކީ އަލްބޭނިއާއިން ފަށާފައިވާ ހާއްސަ ކެމްޕޭނެކެވެ. މި ގޮތުން ގިނަ ކުޅުންތެރިން ކުޅެނީ އިޓަލީގެ ލީގުގަ އެވެ. ޔޫރޯގެ ގުރު ނެގިއިރު އަލްބޭނިއާ ލައްވާލީ އިޓަލީ އާއި ކްރޮއޭޝިޔާ އަދި ސްޕޭނާއެކު މަރުގެ ގްރޫޕުގަ އެވެ. މި ހިސާބުން ގައުމު އެތެރޭގައި އުފެދުނީ މަސްހުނި ހިޔާލުތަކެކެވެ. އެއްބަޔަކު ދެކުނީ މި ގްރޫޕު ފަނަހައަޅައި ކުރިއަށް ނުދެވޭނެ ކަމަށެވެ. އަނެއް ބަޔަކު ދެކުނީ އަލްބޭނިއާ އަކީ ބޮޑު މުބާރާތްތަކުގައި އަވަސް އަވަހަށް ކުޅުމުގެ ފުރުސަތު ނުލިބޭ ޓީމަކަށްވުމުން ކޮންމެ މެޗަކީ ވެސް ފައިނަލަކަށްވާނެ ކަމަށެވެ. ހާއްސަކޮށް އިޓަލީ މެޗަކީ އެމީހުންނަށް ކޮންމެހެން ބަލަން މަޖުބޫރު މެޗެއްގެ ގޮތުގަ އެވެ. ސަބަބަކީ ގިނަ ކުޅުންތެރިން އިޓާލިއަން ލީގުގައި ކުޅޭތީ އެވެ.

މިހެންވެ އަލްބޭނިއާ ޖަރުމަނަށްދާނީ ވާނެ ގޮތެއް ނޭނގޭ ޓީމުތަކުގެ ލިސްޓުގައި ހިމެނިގެންނެވެ. ސަބަބުތައް ބައިވަރެވެ. ކޯޗު ބްރެޒިލްގެ ސިލްވީނިއޯ ޓީމާ ހަވާލުވިއިރު އަލްބޭނިއާއިން ކުޅެނީ ދިފާއީ ގޭމެކެވެ. ފަހަތާއި މެދަށް ފަސް ކުޅުންތެރިން ލައިގެން ކުޅުވުމަކީ ސަޕޯޓަރުން ބޭނުންވި ގޮތެއްނޫނެވެ.

ސިލްވީނިއޯގެ ސްޓައިލަކަށްވީ 4-2-3-1 ފޯމޭޝަނެވެ. މިއީ އެޓޭކިން ސްޓައިލެކެވެ. އޭނާ ވަނީ ކޮލިފައިން މެޗުތަކުން ފެށިގެން ގިނަ އަދަދަކަށް ޒުވާން އައު ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދީފަ އެވެ. މި ކުޅުންތެރިން ދެއްކި މޮޅު ކުޅުމާއި ގައުމީ ޓީމުގައި މިހާރު އޮތް ވާދަވެރިކަމުގެ ސަބަބުން އެންމެން ވެސް މިހާރު އެއްބަސްވާ ކަމަކީ 2016 ވަނަ އަހަރުގެ ޔޫރޯ އަށްވުރެ ހުރިހާ ގޮތަކުން ވެސް އަލްބޭނިއާ ޓީމަކީ ހުނަރުވެރިވެފައި ވަރުގަދަ ޓީމެއް ކަމެވެ.

ވަކިވަކި ކުޅުންތެރިންގެ ތެރެއިން ކްރިސްޓިއަން އަސްލާނީ އަކީ މި ޓީމުން ނެގިދާނެ މިސާލެކެވެ. އޭނާ ކުޅެނީ އިޓަލީގެ ޗެމްޕިއަންކަން ހޯދި އިންޓަމިލާނަށެވެ. މަރާޝް ކުމްބުﷲ އާއި އާމަންޑޯ ބަރޯހާގެ އަނިޔާ ރަނގަޅުވިޔަސް އެމީހުންގެ މޮޅު ކުޅުން ފެންނާނީ ފޯމަކަށް އެޅިއްޖެނަމަ އެވެ. ފޯވަޑުގެ ފަހަތުން ކުޅެން ތިބި ނަދީމް ބެހްރާމީ އާއި މާޓޯ އުޒޫނީގެ ވިދުން ގަދަ މެޗުތަކުގައި ފަނޑުކޮށް ފެނުމަކީ ސިލްވީނިއޯ އާއި ސަޕޯޓަރުންގެ ވެސް ކަންބޮޑުވުމެކެވެ. މި ދެ ކުޅުންތެރިން ކޮލިފައިންގައި ވެސް ދެއްކީ އާދައިގެ ކުޅުމެކެވެ. އެކަމަކު ދެ ފަރާތުގެ އަރިމަތިން ކުޅޭ ޖާސިރު އަސާނީ އާއި ޓައުލަންޑް ސެފޭރީ އަކީ ކޮލިފައިންގައި ވެސް މޮޅު ކުޅުމެއް ދެއްކި ދެ ކުޅުންތެރިންނެވެ.

ކޮލިފައިންގައި އަލްބޭނިއާ ފެނުނީ ދިފާއީ ގޮތުން ވަރުގަދަ، އެޓޭކްގައި ވެސް މޮޅު ޓީމެއް ގޮތުގަ އެވެ. އެކަމަކު ޔޫރަޕުގެ އެންމެ ވަރުގަދަ ގައުމުތަކާ ދެކޮޅަށް ފަހަތަށް ނުބަލައި އަރައިގެންފިނަމަ އަނގަވަތަށް ވެއްޓިދާނެކަމަށް ކޯޗު އެއްބަސްވެއެވެ. މިހެންވެ ސަޕޯޓަރުން ރުހުނަސް ނުހުނަސް އެޓޭކިން އަށްވުރެ ބޮޑަށް ކޯޗު ސިލްވީނިއޯ އިހްތިރާކުރާނީ ދިފާއީ ގޭމެކެވެ. އޭނާ ބުނީ ހާލަތު އެގޮތަށް މަޖުބޫރުކޮށްފި ކަމަށެވެ.

"
"އަހަރުމެން މި އޮތީ އެންމެ ވަރުގަދަ ގްރޫޕްގައި. މުބާރާތާއި ކޮލިފައިން ވަރަށް ތަފާތުވާނެ. ފުރަތަމަ މެޗުގައި އިޓަލީއާ ދެކޮޅަށް ދައްކާ ކުޅުމެއްގެ މައްޗަށް މުޅި މުބާރާޓް ބިނާވެދާނެ. އަހަރުމެން އެންމެން އެއް ރޫހެއްގައި ތިބެގެން މެނުވީ ކަމެއް ހާސިލް ނުވެދާނެ. ފުޓްބޯޅައިގައި ކޮންމެ ކަމެއް ވެސް ވެދާނެ. އަހަރުމެން ކުރިއަށްދާން ޖެހޭނީ އެގޮތަށް ގަބޫލުކޮށްގެން،"
އަލްބޭނިއާގެ ކޯޗު ސިލްވީނިއޯ