ޚަބަރު

މުވާސަލާތުގެ އެންމެ ޒަމާނީ ރަސްމަގަށް ރާއްޖެ ހުޅުވާލާނަން: ރައީސް


  • ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ މުވާސަލާތީ ދުވަހާއި ގުޅިގެން ކުރެއްވި ފޯސްޓެއްގައި

  • މާލީ މުޢާމަލާތްތަކާއި އީޖާދީ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފު ކުރުމަކީ ރައީސްގެ ވަޢުދުފުޅެއް

މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލައި، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ މުވާސަލާތާއި މައުލޫމާތުގެ ދާއިރާގެ ދުވަހާއި ގުޅިގެން ކުރެއްވި ފޯސްޓެއްގައެވެ.

ދުނިޔޭގެ މުވާސަލާތާއި މައުލޫމާތުގެ ދާއިރާގެ ދުވަހާއި ގުޅިގެން ކުރެއްވި ފޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުވާސަލްތުގެ އެންމެ ޒަމާނީ ރަސްމަގަށް ރާއްޖެ ހުޅުވާލައި، ދިވެހީންގެ ހުނަރާއި އުފެއްދުންތަކަށް ދުނިޔޭގެ މާރުކޭޓުތަކުން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދެއްވާނެކަމަށެވެ.


މާލީ މުޢާމަލާތްތަކާއި އީޖާދީ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން މިދިޔަ މާޗުމަހު ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް، ޑިޖިޓަލް ވޮލެޓު ހިމެނޭހެން އޮންލައިންކޮށް ފައިސާ ޓްރާންސްފަރކުރެވޭ ޕްލެޓްފޯމްތަކުން މުޢަމަލާތުކުރެވޭ ގޮތް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހަމަޖައްސަފައެވެ.

އަދި މީގެއިތުރުން ރާއްޖެއަށް އީ-ވޮލެޓުގެ ޚިދުމަތް ތައާރަފުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. މި ވޮލެޓާއެކު ޕޭޕާލް ފަދަ ޚިދުމަތްތައް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތަކަށް މަގުފަހިވެގެންދާނެއެވެ.

ދުނިޔޭގެ ބޮޑެތި ކުންފުނިތައް ކަމުގައިވާ ގޫގުލް، މައިކްރޯސްފޮޓް، އެމޭޒަން އަދި އައި.ބީ.އެމް ފަދަ ކުންފުނިތަކުގެ ސްޓޮކްސް ރާއްޖޭގައި ތިބެގެން ދިވެހިންނަށް ގަނެ ވިއްކޭނެ މަގު ފަހި ކޮށްދިނުމުގެ އިތުރުން ފޮރެކްސްޓްރޭޑިންގް އާއި ކްރިޕްޓޯ ކަރެންސީ ޕްލެޓްފޯމްތަކަށް ފަސޭހައިން އެކްސެސް ލިބި، އެ ޕްލެޓްފޯމްތައް ވެދުވެރިކޮށް ދިވެހިންނަށް ޓްރޭޑް ކުރެވޭނެގޮތް ހަމަޖައްސައިދިނުމަކީވެސް އަދުގެ ސަރުކާރުގެ ވަޢުދެކެވެ.