މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި ފަތުރުވެރިކަމުން ހާސިލްކުރަން ކަނޑައެޅި އަމާޒުގެ %25 ހާސިލްވެފައިވާކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ފާޠިމަތު ތަޢުފީޤް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ބީބީސީގެ އެޑިޓް ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގައެވެ.
ބީބީސީއަށް ދެއްވި އިންޓަވިއުގައި އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ފާޠިމަތު ތަޢުފީޤް ވިދާޅުވީ، ފަތުރުވެރިކަމުގެ ސަބަބުން ރާއްޖޭގެ ރަށްތައް ކުރިއަރަމުން އަންނަކަމަށާއި، ފަތުރުވެރިކަން ފުޅާކުރުމަށް ޙާއްޞަ އިސްކަމެއްދޭކަމަށެވެ. އަދި ދިވެހިރާއްޖޭގެ ތިމާވެއްޓާއި އިޤްތިޞާދު ދެމެހެއްޓުމަށް ބާރުއަޅާކަމަށް ވަނީ ވިދާޅުވެފައެވެ.
ފާޠިމަތު ތަޢުފީޤް ވިދާޅުވީ، މިއަހަރު ރާއްޖެ ގެނައުމަށް ކަނޑައެޅި ފަތުރުވެރިންގެ އަމާޒުގެ %25 މިދިޔަ
4 މަސްދުވަހުގެ ތެރޭގައި ހާސިލްވެފައިވާކަމަށެވެ. މިއަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފާފައިވަނީ 2 މިލިއަން ފަތުރުވެރިންނެވެ.
"ފަތުރުވެރިން އަންނަ އަދަދުތައް ދަނީ އިތުރުވަމުން. މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި މިއަހަރު ރާއްޖެއަށް ގެނައުމަށް ކަނޑައަޅާފައިވާ ފަތުރުވެރިންގެ ޓާގެޓްގެ %25 ހާސިލްވެއްޖެ. އެއީ 5 ލައްކަ ފަތުރުވެރިން." އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ އިރާއި، މޫދާއި ވެއްޔަށްވުރެ އިތުރު ތަޖުރިބާތައް ކުރެވޭ ތަނެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ގެސްޓްހައުސްތަކާއި ހޮޓެލްތަކުން ފަތުރުވެރިންނަށް ދިވެހިވަންތަ އެތައް ތަޖުރިބާތަކެއް ފޯރުކޮށްދޭކަމަށެވެ. ދިވެހި ޘަގާފަތުގެ ސަބަބުން ފަތުރުވެރިންނަށް ތަފާތު ތަޖުރިބާތަކެއް ލިބުމުގެ އިތުރުން، ފަތުރުވެރިން ރާއްޖޭގައި އައިސް ހުރުމަށް ތަފާތު ފެންވަރުގެ ތަންތަން ޚިޔާރުކުރާކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި ރިސޯޓުތަކާއި، ލިވަބޯޑުތަކާއި ހޮޓެލް އަދި ރަށްރަށުގެ ގެސްޓްހައުސްތަށް ހިމެނޭކަމަށް ވިދާޅުވިއެވެ.
ފަތުރުވެރިކަމަކީ ޤައުމުގެ 80 ޕަސެންޓް އާމްދަނީ ހޯދައިދޭ ދާއިރާކަމަށާއި، މި ސިނާއަތުން ރައްޔިތުންނަށް ސީދާ ގޮތުންނާއި ނުސީދާގޮތުން އަސަރުކުރާކަމަށް އޭނާ ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ސަބަބުން ފޯރުކޮށްދޭ އެކިއެކި ޚިދުމަތްތަކުންނާއި ހޮޓެލް، ގެސްޓްހައުސްފަދަ ވިޔަފާރިތަކުން ރަށްތަކުގެ ރައްޔިތުންނަށް ފައިދާކުރާނެކަމަށް ފާހަގަކުރެއްވިއެވެ.