ޚަބަރު

ރަށެއްގެ ހަޤީޤީ ތަރައްޤީއަކީ ޒުވާން ޖީލަށް ލިބޭ ތަޢުލީމީ ކުރިއެރުން: އާދަމް ޝަރީފް


  • ތުލުސްދޫއަކީ އަތޮޅުގެ މުހިންމު ރަށެއްގެ ގޮތުގައި ފާހަގަކުރެއްވި

  • މި ރަށުގައި ހުރި ޙިދުމަތްތައް ފުޅާކުރަން ޖެހޭ

ރަށެއްގެ ހަޤީޤީ ތަރައްޤީއަކީ އެ ރަށެއްގެ ޒުވާން ޖީލަށް ލިބޭ ތަޢުލީމީ ކުރިއެރުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ކައުންސިލްތަކުގެ ހާލަތު ދެނެގަތުމާއި ހުރި ދަތިތައް ހޯދުމަށް މާލެ އަތޮޅު 4 ރަށަކަށް ކުރެއްވި ދަތުރުގެ ތެރެއިން ކ. ތުލުސްދޫ ވަޑައިގެން އެރަށު ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުންނެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، ތުލުސްދޫއަކީ އަތޮޅުގެ މުހިންމު ރަށަކަށް ވާއިރު ގިނަ ޙިދުމަތްތަކެއް މިހާރަށް ވުރެއް ބޮޑަށް ފަހިކޮށް ތަރައްޤީކުރަން ޖެހޭކަމަށެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކައުންސިލްތައް ބާރުވެރިކުރުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާއިރު، މާލީ ގޮތުން އަތޮޅު ކައުންސިލްތައް ބާރުވެރިކުރުމަށް ގުދުރަތީ ވަސީލަތެއް ލިބޭނެ ގޮތް ފަހިކުރުމަށް ކައުންސިލުން އެދިފައިވާކަމަށެވެ. އެހެންކަމުން މިކަން ފަހިކުރުމަށް ސަރުކާރުގެ ތެރެއިންނާއި ވުޒާރާގެ ތެރެއިން މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތަކުގެ ތެރޭގައި ރަށްތަކުގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިނގުމަށް ނިންމާފައިވާކަމަށެވެ. އަދި ރައްޔިތުން ތިބީ ވަރަށް އުންމީދުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ތުލުސްދޫގައި ގިނަ ޙިދުމަތްތަކެއް ފުޅާކުރަން ޖެހޭއިރު އޭގެ ތެރޭގައި ސިއްހީ ޙިދުމަތް ހިމެނޭކަމަށެވެ. މީގެ އިތުރުން ތުލުސްދޫއަކީ މީގެ ކުރިން ތައުލީމީ ގޮތުން މަރުކަޒީ ރަށެއްގެ ގޮތުގައި ފާހަގަވެގެން ގޮސްފައިވާ ރަށެއްކަމުގައި ފާހަގަކުރެއްވިއެވެ.

ރަށެއްގެ ތަރައްޤީއަކީ އެ ރަށެއްގެ ދިރިއުޅޭ ޒުވާނުންނަށް ލިބޭ ތައުލީމީ ކުރިއެރުންކަމަށް ވަޒީރު ވިދާޅުވިއެވެ.

"ތައުލީމީ ނިޒާމަކީ އަޅުގަނޑުމެންގެ މިނިސްޓްރީއާއި ސީދާ ގުޅުން ހުރި ކަމަކަށް ނުވިއަސް އަޅުގަނޑުމެން ގަބޫލް ކުރަނީ އެ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ޙިދުމަތެއް މުނިސިަޕަލް ޙިދުމަތްކަމަށްވިއަސް ސިއްހީ ޙިދުމަތްކަމަށްވިއަސް ނުވަތަ ރަށުގެ ތަރައްޤީގެ މަސައްކަތެއްވިއަސް ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޅުގަނޑުމެން މި އަޑުއަހަނީ. އެކަމާއި ގުޅުން ހުރި އިދާރާތަކަށް އެ މެސެޖް ރައްދުކޮށްދޭނަން" ވަޒީރު ވިދާޅުވިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވީ އުންމީދަކީ ތުލުސްދޫއަކީ ކުރިއަތް އޮތްތާނގައި ދިރުންހުރި ވިލުންވެރި ރަށަކަށް ވެގެން ދިޔުންކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޒަޢާމަތުގައި ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި އެ ވުޒާރާއިން ކުރަން ޖެހޭ މަސައްކަތް ކުރުމުގައި ދެމިއޮންނާކަމަށް ވަޒީރު ވިދާޅުވިއެވެ.