ޚަބަރު

ގާފަރު ފަޅުން 16 ރަށް ހިއްކަން ޙަވާލުކޮށްފި


  • ގާފަރު ފަޅުގައި 14 ޕްރައިވެޓް އައިލެންޑް ތަރައްޤީކުރާނެ

  • 2 ލަގްޒަރީ ރިސޯޓުވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވޭ

  • ޖުމްލަ 106.91 ހެކްޓަރުގެ ބިން ހިއްކާނެ

  • މިއީ 36 މިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫޢެއް

ކ. ގާފަރު ފަޅުގައި 16 ރަށް ހިއްކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމަށްޓަކައި އެޓޯލް ވަރކްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ. މިއީ ކ. އަތޮޅުގައި މިފަދަ ގޮތަކަށް އެއް ފަޅެއްގައި މިހާ ބައިވަރު ރަށްތަކެއް ހިއްކިގެންދާ އެންމެ ފުރަތަމަ މަޝްރޫޢުކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެއެވެ.

މި އެއްބަސްވުމުގެ ދަށުން ކ.ގާފަރު ފަޅުގައި 14 ޕްރައިވެޓް އައިލެންޑް އަދި 2 ލަގްޒަރީ ރިސޯޓު ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެއެވެ. އަދި ގާފަރުގައި އިތުރު 40 ހެކްޓަރުގެ ބިންވެސް ހިއްކުމަށް މި މަޝްރޫޢުގައި ހިމެނެއެވެ. މިއާއެކު ޖުމުލަ 106.91 ހެކްޓަރުގެ ބިން ހިއްކިގެންދާނެއެވެ.

މި އެއްބަސްވުމުގެ ދަށުން ހިއްކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށް ޖުމްލަ 36.5 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވެއެވެ. އަދި ހިއްކުމުގެ މަސައްކަތަށް 3،747،792 ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެކަމަށް އަންދާޒާ ކުރެވޭއިރު، ކިއުބިކް މީޓަރަކަށް 7.8 އެމެރިކާ ޑޮލަރުގެ ރޭޓުން، ޖުމްލަ 29،232،774 އެމެރިކާ ޑޮލަރު ޚަރަދުވާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މި އަދަދަކީ ރާއްޖޭގައި މިވަގުތު ހިންގަމުންދާ ހިއްކުމުގެ މަޝްރޫޢުތަކަށް ދާ ޚަރަދަށްވުރެ ވަރަށް ބޮޑު ތަނުން ކުޑަ އަދަދެއްކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެއެވެ.

ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސިންގެ އުޞޫލުންކަމަށާއި އެޑްވާސްންސް ޕޭމަންޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ. އެހެންކަމުން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި، މި މަސައްކަތަށް ދާ ޚަރަދު ކޮންޓްރެކްޓަރަށް އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ، ރަށްތައް ހިއްކައި ނިންމާ، އެރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން ވިއްކައިގެން، އާމްދަނީ ހޯދައިގެންނެވެ.

ކ.ގާފަރު ފަޅަކީ ސަރުކާރުން އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ތަރައްޤީކުރުމަށް އެމް.އެފް.އެމް.ސީ އަށް ޙަވާލުކޮށްފައިވާ ފަޅެކެވެ.

މި ފަޅު ތަރައްޤީކުރުމުގެ ކޮންސެޕްޗުއަލް މާސްޓަރ ޕްލޭން ނިމިފައިވާއިރު، މި މަޝްރޫޢުއަކީ ދިވެހި ސަރުކާރުން އިސްނަގައިގެން އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްޤީކޮށް، ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން، ވިއްކިގެންދާނެ ގޮތަށް ފަރުމާ ކުރެވިފައިވާ ފުރަތަމަ މަޝްރޫޢުއެވެ.