ދުނިޔެ

ސޫރިޔާގެ ޙަލަބްގައި ބަދަލުކުރަމުންދާ ޙަމަލާތައް މަދުވާން ފަށައިފި


ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމަށް އެގައުމުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ހަލަބްގެ ސަރަހައްދު ޝާމިލްކުރުމަށް އެމެރިކާއާއި ރަޝިޔާއިން އެއްބަސްވުމާއެކު ހަލަބްގައި ބަދަލުކުރާ ޙަމަލާތައް މަދުވަމުންދާ ކަމަށް ޚަބަރު ލިބިއްޖެއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ޙަލަބް ހިމެނުމަށް އެމެރިކާއާއި ރަޝިޔާ އެއްބަސްވީ ޙަލަބާއި އެސިޓީގެ ވަށައިގެންވާ ސަރަހައްދުތަކުގައި ހިނގާ ލޭއޮހޮރުވުންތައް ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ.

ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ހަލަބް ހިމެނުމަށް އެމެރިކާއާއި ރަޝިޔާ ނިންމުމުން އދ. ން ވަނީ އެކަމަށް މަރުޙަބާ ކިޔާފައެވެ. އދ. ގެ ސިޔާސީ އޮފީހުގެ ވެރިޔާ ޖެފްރީ ފިލްޓްމަން ވިދާޅުވީ ހަލަބްގައި ހިންގަމުންދަނީ އިންސާނުން މެރުމާއި އިންސާނުންގެ ލޭއޮހޮރުވުމުގެ ލާއިންސާނީ ޖަރީމާ ތަކެއްކަމަށާ އެއީ ލޮލަށް ބަލަން ނުކެރޭފަދަ ބިރުވެރި މަންޒަރުތަކެއް ކަމަށެވެ. މިއެއްބަސްވުމުގެ ދަށުން ހަލަބްގެ ގަތުލުއާންމުތައް ހުއްޓުވިއްޖެނަމަ އެތައްބައެއްގެ ފުރާނަ ސަލާމަތްކުރެވިގެންދާނެކަމަށާ އެއީ އުފާކުރުން ހައްގުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ފިލްޓްމަން ސޫރިޔާ ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށް ގޮވާލެއްވީ ހަމަލާތައް ވަގުތުން ހުއްޓާލުމަށެވެ. 

img:http://s4.psmnews.mv/images/660x400/14624236450105.jpg|ހަނގުރާމައިގެ ސަބަބުން ހަލަބްގެ ޢިމާރާތްތަކަށްވެފައިވާ ގެއްލުންތައް / ފޮޓޯ: ޒިންހުއާ

"ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ހަލަބް ޝާމިލްކުރުމަށް އެމެރިކާއާއި ރަޝިޔާ ނިންމި ނިންމުމާއި ބެހޭގޮތުން އެމެރިކާގެ ޚާރިޖީ ވުޒާރާއިން ދާދިދެންމެއަކު ނެރުނު ބަޔާން އަހަރެމެންނަށް ވަނީ ލިބިފާ، އޭގައި ހިމެނެނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ހަލްބްއާ ހަމައަށް ފުޅާކުރުމަށް، އެހެންކަމުން ކަމާބެހޭ ހުރިހާ ފަރާތްތަކަށް އަހަރެމެން ގޮވާލަނީ މިއާއެއްގޮތަށް އަމަލުކޮށް ޙަމަލާތައް ވަގުތުން ހުއްޓާލުމަށް." އދ. ގެ ސިޔާސީ އޮފީހުގެ ވެރިޔާ ޖެފްރީ ފިލްޓްމަން ވިދާޅުވިއެވެ. 

ސޫރިޔާގެ އުތުރުގެ ރަށެއްކަމަށްވާ ހަލަބް ގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެސިޓީގެ އާންމުންގެ އެތަށް ބަޔަކު ކޮންމެ ދުވަހަކު ވަރަށް އަނިޔާވެރި ގޮތްގޮތަށް މަރާލެވެމުންދާއިރު އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ އެއީ ހަނގުރާމައިގެ ޖަރީމާކަމަށް ބެލެވޭ ގަތުލުއާންމު ތަކެއްކަމަށް ސިފަކޮށްފައެވެ. ހަލަބްގެ ހަނގުރާމައާ ބެހޭގޮތުން އދ. ގެ ސަލާމަތީ މަޖިލީހުން ބޭއްވި އިސްތިސްނާއީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖެފްރީ ފިލްޓްމަން ވަނީ ހަލަބްގައި ހިންގަމުންދާ ގަތްލުއާންމުތަކުގެ މައްސަލަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމަށް އެމަޖިލީހުގެ ކިބައިން އެދިވަޑައިގެންފައެވެ. 

img:http://s1.psmnews.mv/images/660x400/14624237591815.jpg|ހަނގުރާމައިގެ ކުރިން ނަގާފައިވާ ހަލަބްގެ ފޮޓޯއެއް / ޒިންހުއާ

ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތަށް ހަލަބްގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ނިންމާފައިވަނީ ސޫރިޔާގެ ގަޑިން ބުދަދުވަހުގެ މެންދުރު ބާރަގަޑި ސުން މިނެއްޓުން ފެށިގެން ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާ އިން ބުނެފައިވެއެވެ. ނަމަވެސް އެގަޑިއަށްފަހުވެސް ހަލަބްގައި ހަމަލާތައް ބަދަލުކުރުން ހުއްޓުމަކަށް އައިސްފައިނުވާކަމަށް ޚަބަރުތައް ބުނެއެވެ. އދ. ގެ އިންސާނީ އެހީގެ ކަންތައްތަކާބެހޭ އިދާރާ ބުނާގޮތުން ހަލަބްގައި ބަދަލުކުރަމުން ގެންދާ ޙަމަލާތައް މަދުވެފައިވީ ނަމަވެސް ޙަމަލާތައް މުޅިން ހުއްޓުމަކަށް އައިސްފައެއް ނުވެއެވެ. ސޫރިޔާގެ ރަސްމީ ޓީވީ އިން ބުނެފައިވަނީ އެގައުމުގެ ސިފައިން ހަލަބްއަށް ދެމުންގެންދާ ޙަމަލާތައް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ. ހަލަބްގެ ބޮޑުބައެއް ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިއޮތް ނަމަވެސް އެރަށުގެ އަނެއްބައިވަނީ ބައްޝާރުގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކުގެ ކޮންޓްރޯލްގެ ދަށުގައެވެ. ހަލަބްގައި މިފަހަރު ހަނގުރާމަ ފެށިގެން މިދިޔައީ އިދިކޮޅު ޖަމާއަތްތަކުގެ އަތްދަށުގައިވާ ސަރަހައްދުތައް އަލުން ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށްޓަކައި ސޫރިޔާ ސިފައިން ފެށި ވަރުގަދަ އަސްކަރީ އޮޕަރޭޝަން އަކާ ގުޅިގެނެވެ.