ޚަބަރު

ހައްދުންމަތީ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ހިންގުން ހަރުދަނާކުރުމަށް މަޝްވަރާކޮށްފި


  • ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ޓީމުން ލ. އެފް.ސީ.އެސް.ސީ ގައި ހުރި ގޮންޖެހުންތައް އޮޅުންފިލުވި

  • ވުޒާރާގެ ޓީމުން ހިންގުން ހަރުދަނާ ކުރުމަށް އެފް.ސީ.އެސް.ސީގެ މުވައްޒަފުންނާއެކު މަސައްކަތް ކުރާނެ

ހައްދުންމަތީގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބަލަހައްޓާ މަރުކަޒުގެ ހިންގުން ހަރުދަނާ ކުރުމާއި ގުޅޭގޮތުން އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ހައްދުންމައްޗަށް ވަޑައިގެން މަޝްވަރާ ކުރައްވައިފިއެވެ.

އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ހައްދުންމައްޗަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އެ ވުޒާރާގެ ދަށުން ހިންގަމުންދާ ލ. ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރަށް ވަނީ ވަޑައިގެންފައެވެ.

ވަޒީރު އަދި އެ ވުޒާރާގެ އިސްވެރިންގެ ހިމެނިވަޑައިގަންނަވާ ޓީމެއް ހައްދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގެ ބޭނުމަކީ އެ ވުޒާރާގެ ދަށުން ހައްދުންމަތީގައި ކުރަމުންދާ މަސައްކަތްތައް ބައްލަވައި އެ ވުޒާރާގެ އުފާ ޕްރޮގްރާމް ފޮނަދޫގަައި އިފްތިތާޙް ކުރުމެވެ.

އެގޮތުން ލ. ފޮނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރަށް ވަޒީރު ވަޑައިގެން އެތަނުގެ މުވައްޒަފުންނާއި ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ތަން ހިންގުމަށް މިވަގުތު މުވައްޒަފުންނަށް ހުރި ދަތިތަށް ވަޒީރު އަދި އެ ވުޒާރާގެ ޓީމުން ވަނީ އޮޅުފިލުވާފައެވެ.


މީގެ އިތުރުން ތަނުގެ ހިންގުން މިހާރަށް ވުރެ ހަރުދަނާ ކުރުމާއި ވުޒާރާގެ ފަރާތުން މުވައްޒަފުންގެ ބިނާ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަޒީރު ވަނީ ހިއްސާކޮށްދެއްވާފައެވެ. އަދި މިވަގުތު ހުރި ގޮންޖެހުންތައް ހައްލުކޮށް އެތަނުގެ ހިންގުން ހަރުދަނާ ކުރުމަށް ކުރެވެން ހުރި ކަންކަމާއި މެދު ވަނީ މަޝްވަރާ ކޮށްފައެވެ.

ވުޒާރާގެ ޓީމުން ލ. އެފް.ސީ.އެސް.ސީގެ މުވައްޒަފުންނާއި ތަނުގެ ހިންގުން ހަރުދަނާ ކުރަން މަސައްކަތް ކުރުމަށް އެއް ދުވަސް އެކުގައި މަސައްކަތް ކުރުމަށް ވަނީ ރޭވިފައެވެ.

ހައްދުންމައްޗަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރައްވާ މި ދަތުރުފުޅުގައި، ހައްދުންމަތީ ފޮނަދޫ އަދި ގަމުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިތުރުން ފޮނަދޫގެ ތަންފީޒީ އިދާރާތަކާއި އެހެނިހެން މުޢައްސަސާތަކާއި ބައްދަލު ކުރައްވާނެއެވެ. މީގެ އިތުރުން އެ ވުޒާރާގެ އުފާ ޕްރޮގްރާމް ފޮނަދޫގައި އިފްތިތާޙް ކުރުމަށް ވަނީ ހަމަޖެހިފައެވެ.