ޚަބަރު

މިއަހަރުގެ ފުރަތަމަ 3 މަހު ވަރީގެ އަދަދު ދަށަށް!


  • މިދިޔަ އަހަރުގެ ފުރަތަމަ 3 މަހު 618 ކައިވެންޏާއި 340 ވަރި

  • މި އަހަރުގެ ފުރަަތަމަ 3 މަހު 546 ކައިވެނި އަދި 329 ވަރި

މިދިޔަ އަހަރުގެ ފުރަތަމަ ތިންމަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ތިންމަހު ރާއްޖޭގައި ވަރި މަދުވެފައިވާކަމަށް ފެމެލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފެމެލީ ކޯޓުން ބުނީ މިއަހަރުގެ މިހާތަނަށް ވަރިވުމަށާއި، ވަރި ކުރުމަށް އެދުމާއި، ވަރި ސާބިތު ކުރުމަށް އެދި އެކޯޓަށް ހުށައެޅި ގިނަ މައްސަލަތަކެއް ނިންމާފައިވާކަމަށެވެ.

ފެމެލީ ކޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިއަހަރު މިހާތަނަށް ނިންމި ވަރީގެ މައްސަލަތަކާއި ކޮށްދިން ކައިވެނި ވަނީ މިދިޔަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހާއި އަޅާބަލާއިރު މަދުވެފައެވެ.

މިދިޔަ އަހަރުގެ ފުރަތަމަ 3 މަހުގެ ތެރޭގައި 618 ކައިވެންޏާއި ވަރީގެ 340 މައްސަލަ ވަނީ ނިންމާފައެވެ. މި އަހަރުގެ ފުރަަތަމަ 3 މަހަށް ބަލާލާއިރު 546 ކައިވެނިކޮށްދީފައިވާއިރު، ވަރީގެ 329 މައްސަަލައެއް ވަނީ ނިންމާފައެވެ.

އެހެންކަމުން މިދިޔަ އަހަރުގެ ފުރަތަމަ ތިންމަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ތިން މަހު ކައިވެނި ކުރި މީހުންގެ އަދަދު 12 އިންސައްތަ މަދެވެ. އަދި ވަރީގެ އަދަދުވެސް ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 3.2 އިންސައްތަ މަދުވެފައެވެ.

ފެމެލީ ކޯޓުގެ ތަފާސް ހިސާބުތައް:

ފެމެލީ ކޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖެނުވަރީމަހު ކައިވެނީގެ އަދަދު 174ގައި އުޅޭއިރު، ވަރީގެ އަދަދު އުޅެނީ 88 ގައެވެ.

ފެބްރުވަރީ މަހަށް ބަލާލައިރު 211 ކައިވެނި އަދި 131 ވަރި ހިމެނޭއިރު، މާޗް މަހު 161 ކައިވެނި އަދި 110 ވަރި ހިމެނެއެވެ.

ވަރިއާއި ކައިވެނީގެ އިތުރުން ފެމިލީ ކޯޓަށް މާޗް މަހުގެ ތެރޭގައި ހުށައެޅި މައްސަލަތަކުގެ ތެރޭގައި، ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކާއި، އާއިލީ މައްސަލަތަކާއި، ހަރަދުގެ މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތައް ހިމެނެއެވެ.

މިދިޔަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހު ވަރީގެ އަދަދު މަދުވެފައިވާއިރު ރާއްޖެއަކީ އާބާދީގެ ނިސްބަތުން ދުނިޔޭގައި އެންމެ ވަރި ގިނަ އެއް ޤައުމެވެ.