މ. މުލީގައި ތަރައްޤީކުރާ 50 އެނދުގެ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
އެކަމަށްޓަކާ މުލީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އައު ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމްއާއި އެމް.ޓީ.ސީ.ސީގެ ސީއީއޯ ޢަބްދުﷲ ޒިޔާދުއެވެ.
އާބާދީގައި 1000އަށް ގިނަ މީހުން ދިރިއުޅޭ މ. މުއްޔަކީ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. ޞިއްޙީ ޚިދުމަތާއި އެހެނިހެން ޙިދުމަތްތަކަށްވެސް ގިނަ ބަޔަކު ކޮންމެ ދުވަހަކު މި ރަށަށް ދަތުރުކުރެއެވެ.
މުލީގައި ހޮސްޕިޓަލެއް ހުރިކަމުގައި ވީނަމަވެސް، ގިނަ ދުވަސްވުމުގެ ސަބަބުން އެތަން ވަނީ ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެފައެވެ. ހޮސްޕިޓަލުން އެކަށީގެންވާ ގޮތެއްގައި ޙިދުމަތް ލިބިގެން ނުދާކަމީ މުލީގެ އިތުރުން މުޅި އެ އަތޮޅުގެ ރައްޔިތުންގެވެސް ޝަކުވާއެކެވެ.
އަމިއްލަ ރަށުގައި ތިބެގެން ނުވަތަ އަމިއްލަ އަތޮޅުން ފެންވަރު ރަނގަޅު ޞިއްޙީ ޙިދުމަތެއް ލިބުމަކީ އެ ސަރަޙައްދުގެ ރައްޔިތުން ކުރާ އެންމެ ބޮޑު އެއް އުއްމީދެވެ. އެހެންކަމުން ސަރުކާރުން މިހާރު މިވަނީ މުލީގައި އައު ހޮސްޕިޓަލެއް އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއާ ހަވާލުކޮށް އެ މަޝްރޫޢުގެ އަމަލީ މަސައްކަތްވެސް ފަށްޓަވާފައެވެ.
މުލީގައި ތަރައްޤީކުރާ އައު ހޮސްޕިޓަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމް ވިދާޅުވީ މުއްޔަކީ އަތޮޅުގެ ވެރިކަން ކުރާ ރަށަށްވާއިރު ފެންވަރު ރަނގަޅު ޙިދުމަތްތައް ފަހިވެފައި ހުރުމަކީ މުހިންމުކަމެއްކަމަށެވެ.
ޤާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މުލީ އައު ރީޖަނަލް ހޮސްޕިޓަލްގެ މަސައްކަތް ނިމެންވާއިރު އެ ސަރަޙައްދަށް އައު ޙިދުމަތްތަކެއް ތަޢާރަފް ކުރުންކަމަށެވެ. މީގެ އިތުރުން ޤާބިލު މުވައްޒަފުން ތަމްރީނުކޮށް ދާއިރާއަށް ނެރުމަކީވެސް އެމަނިކުފާނުގެ އަމާޒެއްކަމަށް ޤާސިމް ވިދާޅުވިއެވެ.
"އަޅުގަނޑު ދައްނަވާލަން ބޭނުން މި އަތޮޅުގެ މި ހޮސްޕިޓަލްވެގެން ދާނީ މި ސަރަހައްދުގެ ވަރަށް ބޮޑު ހޮސްޕިޓަލަކަށް. ވަރަށް ގިނަ މުވައްޒަފުން ޙިދުމަތް ކުރައްވާ ހޮސްޕިޓަލަކަށް. އެހެންވީމަ މިހާރުންސުރެއް ތިބޭފުޅުންގެ ބޭފުޅުން ތަމްރީނުކޮށް ދެއްވާށޭ. ރަށުގައި ތިބެގެން ޙިދުމަތް ކުރެވޭނެ ފުރުޞަތެއް މި ލިބެނީ" ޤާސިމް ވިދާޅުވިއެވެ.
ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ހަމައެކަނި ހޮސްޕިޓަލް އިމާރާތެއް އެޅުން އެކަނިނޫންކަމަށާއި އެތަނަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުންވެސް ހޯދުމަށް ނިންމަވާފައިވާކަމަށެވެ.
އެމްޓީސީސީގެ ސީއީއޯ ޢަބްދުﷲ ޒިޔާދު ވިދާޅުވީ މުލީގައި އެޅުމަށް ހަމަޖެހިފައިވާ އައު ހޮސްޕިޓަލަކީ އަތޮޅުގެ އިތުރުން މުލީގެ ރައްޔިތުންނާއި ގުޅިފައިވާ މުހިންމު މަޝްރޫޢެއްކަމަށެވެ. އެހެންކަމުން އެމްޓީސީސީއާއި ހަވާލުކުރެވުނު މި މަސައްކަތް ކަނޑައެޅިފައިވާ މުއްދަތައް ނިންމާ ހަވާލުކުރާނެކަމަށް ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ މި މަޝްރޫއުގެ ދަށުން 33250 އަކަފޫޓުގެ ސަރަހައްދެއްގައި 4 ފަންގިފިލާގެ 50 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރެވިގެންދާނެކަމަށެވެ.
"މަޝްރޫއުގެ މަސައްކަތް ނިމުމުން އައު ޙިދުމަތްތަކެއް ލިބޭނެ. އައު ވަސީލަތްތަކެއް ލިބޭނެ. ބޭސްފަރުވާއަށް ކުރިން ކުރި ތަކުލީފުތައް ވަރަށް ބޮޑުތަނުން ލުއިވެގެން ދާނެ." ޒިޔާދު ވިދާޅުވިއެވެ.
މުލީ ކައުންސިލުން ވިދާޅުވީ އައު ހޮސްޕިޓަލްގެ ހުވަފެނަކީ އެ ރަށުގެ ރައްޔިތުން ޒަމާންތަކެއް ވަންދެން ދެކެމުންއައި ކުލަ ނުޖެހޭ ހުވަފެނެއްކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ރައްޔިތުންގެ އެ ހުވަފެނުގައި ކުލަޖައްސާ ރައްޔިތުންގެ މޫނުމައްޗައް ހިނިތުންވުން ގެނުވާފައިވާކަމަށް ކައުންސިލުން ވިދާޅުވިއެވެ. ކައުންސިލުން ވިދާޅުވީ ރައްޔިތުން ތިބީ ވަރަށް ހިތްހަމަ ޖެހިފައިކަމަށެވެ.
"އަޅުގަނޑުމެން ވަރަށް އުފާވެއްޖެ ހޮސްޕިޓަލްގެ ބިނގާ އެޅިގެން ދިޔުމުން. އަބަދުވެސް މި ވާހާކަ ދެކެވޭ. އެކަމަކު ދުވަހަކުވެސް އަމަލީ މަސައްކަތް ފެށޭ ވަރެއް ނުވޭ. އެކަމަކު މިއަދު ވަރަށް އުފާވެއްޖެ." މުލިން ވާހަކަދެއްކި ރައްޔިތަކު ފާހަގަކުރިއެވެ.
ސަރުކާރުގެ ބަޖެޓުން 185 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އައު ހޮސްޕިޓަލެއް އަޅަން ނިންމާފައިވަނީ އެރަށުގައި މިހާރު ހުރި ހޮސްޕިޓަލް ގިނަ ދުވަސްވެ އިމާރާތް ވީރާނާވެފައިވާތީއެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ، އަލަށް އިމާރާތްތަކުރާ ހޮސްޕިޓަލްތަކަކީ ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ޙާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ހޮސްޕިޓަލްތަކެކެވެ.
މީގެ އިތުރުން ހޮސްޕިޓަލުން ބޭނުންކުރާ ހަކަތައަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި ސޯލަރ ޕީވީ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.