ޚަބަރު

އައްޑޫ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އާރްޑީސީގެ އޮފީހެއް އައްޑޫގައި ހުޅުވައިފި


  • އާރްޑީސީގެ އޮފީސް ހުޅުވާފައިވަނީ ހިތަދޫގައި

  • އައްޑޫގެ 60 ކިލޯމީޓަރު މަގު ތާރު އަޅައިގެން އެކުންފުނިން ތަރައްޤީ ކުރާނެ

އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރް.ޑީ.ސީގެ އޮފީހެއް ހިތަދޫގައި ހުޅުވައިފިއެވެ.

މި އޮފީސް ހުޅުއްވައިދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ. މި ރަސްމިއްޔާތުގައި އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރާއި، އެކުންފުނީގެ އިސްވެރިންނާއި، ސަރުކާރު އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އާރް.ޑީ.ސީގެ އޮފީހެއް ހިތަދޫގައި ހުޅުވާފައިވާއިރު، އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް އާރް.ޑީ.ސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ކުރީ ސަރުކާރުން ފެށި އައްޑޫ 100 ކިލޯމީޓަރު މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރަން ސަރުކާރުން ވަނީ ނިންމަވާފައެވެ.

އޭރުގެ ސަރުކާރުން މަޝްރޫޢުގެ 60 ކިލޯމީޓަރު މަގު ހަދަން ނިންމާފައި އޮތީ ސިމެންތި ބޭސް ލޭޔަރ އަޅައިގެންނެވެ. ނަމަވެސް އެމަގުތައް ތާރު އަޅައި ނިންމަވައި ދެއްވާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ދާދި ފަހުން އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ވިދާޅުވެފައެވެ. އާރް.ޑީ.ސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތަށް ގާތްގަނޑަކަށް 18 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

މި މަޝްރޫޢުގެ އިތުރުން ލިންކް ރޯޑު މިހާރު ހިތަދޫކޮޅުން ނިމޭދިމާލުން އީދިގަލި ކިޅިއާއި ހަމައަށް ހިއްކުމަށްފަހު ގުޅާލުމުގެ މަސައްކަތްވެސް އެކުންފުންޏާއި ޙަވާލުކޮށްގެން ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.