ޚަބަރު

ވީއައިއޭގެ އައު ޓަރމިނަލް ސެޕްޓެމްބަރަށް ނިންމޭނެކަމުގެ ޔަޤީންކަން އެބައޮތް: ސަޢީދު


  • ކުރީ ސަރުކާރުން ވީއައިއޭގެ ތަރައްޤީގެ މަސައްކަތްތަކަށް އިޙުމާލުވެފައިވާކަމަށް ވިދާޅުވި

  • އައު ޓަރމިނަލުގެ ފަސާޑުގެ މަސައްކަތާއި އެތެރޭގެ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށް

  • ފްލައިޓްތަކަށް އަރަން ބޭނުންކުރާ އެއިރޯ ބްރިޖްތައްވެސް ވަނީ އިންސްޓޯލްކޮށްފައި

ސަރުކާރުގެ އަމާޒާއި އެއްގޮތަށް ސެޕްޓެމްބަރުމަހުގެ ނިޔަލަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލްގެ މަސައްކަތް ނިންމޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އައު ޓަރމިނަލްގެ މަސައްކަތް އަވަސްކޮށް އޮޕަރޭޝަނަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ މަސައްކަތެކެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު މުޅިން އެހެން ހަރުފަތަކަށް ގެންގޮސްދޭނެފަދަ ބޮޑެތި ބަދަލުތަކަކާއެކު ކުރީގެ ރައީސް ޔަމީންގެ ވެރިކަމުގައި ފެށި މަސައްކަތެއްކަމަށެވެ.

އެހެންނަމަވެސް ރައީސް ޔަމީންގެ ވެރިކަމަށްފަހު ދެން އުފެދުނު އެމްޑީޕީގެ ވެރިކަމުގައި އިޤްތިޞާދީ މި ބޮޑު މަސައްކަތަށް ވަރަށް ބޮޑަށް އިޙުމާލުވެފައިވާކަމަށް ވަޒީރު ތުޙުމަތުކުރެއްވިއެވެ.

އެކަމުގެ މިސާލެއްގެ ގޮތުގައި ވަޒީރު ނެންގެވީ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލްގެ މަސައްކަތް ދިގުލައިގެންދިޔަ ދިއުމެވެ. ވަޒީރު ވިދާޅުވީ، 2015 މި މަޝްރޫޢު ފެށީ ހިސާބުތަކެއް ޖަހާފައި ވަކި މުއްދަތެއްގައި ނިންމާގޮތަށްކަމަށެވެ.

ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި މުޅި މަޝްރޫޢު އޮތީ ވަރަށް ބޮޑަށް ދޫކޮށްލާފައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މަޝްރޫޢުގެ އަގު އުފުލުން ފިޔަވާ، މަސައްކަތްތައް އެދެވޭ ސްޕީޑުގައި ގެންގޮސްފައިނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"2018 ގައި ވެރިކަމާއި ޙަވާލުވި ސަރުކާރުން ވަރަށް ބޮޑަށް މި މަސައްކަތް އޮތީ ދޫކޮށްލާފައި އިނގޭތޯ. ދެން އަނެއްކާ މުޅިންވެސް ގެންނަމުންދިޔައީ އެކިއެކި އަގު އިތުރުކުރުންތަކެއް ހަޤީޤަތުގައި. މަސައްކަތްތަކެއް ނުހިނގާ. އަގު އިންފްލޭޓްވަމުންދިޔައީ، ބެލޫންވަމުންދިޔައީ.. އެކަން އެބަހުރި ފެންނަން، އަގު މި ދެންނެވީ ވަރަށް ބޮޑުތަނުން. މި މަސައްކަތް ފެށިއިރު އޭރު އެމްޑީޕީން ފާޑުކިޔަމުންވެސް ދިޔަ ސަރުކާރުން މިހާ ބޮޑު ސަރަހައްދެއް ހަދަން ނުޖެހޭނެއޭ ކިޔާފަ. އެހެންވީމަކަމަށް ބޮޑަށް އަޅުގަނޑުމެންނަށް ލަފާކުރެވެނީ އެމްޑީޕީ ސަރުކާރުގައި މި މަޝްރޫޢަށް ދޭންވާ އަހައްމިއްޔަތުކަން ނުދިނީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އައު ޓަރމިނަލްގެ މަސައްކަތް ހިމެނޭހެން ވީ.އައި.އޭ ތަރައްޤީކުރުމުގެ މަޝްރޫޢު އަވަސްކުރުމަށްޓަކާ ޓްރާންސެޝަނަލް މުއްދަތުގެ ތެރޭގައިވެސް ކޮންޓްރެކްޓަރާއި ވާހަކަދެކެވި، ކަންކަން ރޭވި މަސައްކަތް ފެށިގެންދިޔަކަމަށެވެ.

އެގޮތުން ކުރެވުނު މަސައްކަތްތަކާއެކު ކާގޯ ޓަރމިނަލްވެސް ނިންމާ އޮޕަރޭޝަނަށް ގެނެވިފައިވާކަމަށާއި، ފިއުލް ފާމުގެ މަސައްކަތްވެސް ނިންމާ ހުޅުވުމާ ހިސާބަށް މަސައްކަތް ގެންދެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މިއަހަރުގެ ޕީކް ސީޒަން އަންނަންވާއިރަށް އައު ޓަރމިނަލްގެ މަސައްކަތް ނިންމާ އޮޕަރޭޝަނަށް ގެނައުމެވެ. ވަޒީރު ވިދާޅުވީ، މިހާރު މަސައްކަތްދާ ސްޕީޑަށް ބަލާނަމަ، އެ އަމާޒަށް ވާޞިލުވެވޭނެކަމާމެދު ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށެވެ.

"އައު އިންޓަރނޭޝަނަލް ޓަރމިނަލް ރައީސް ޑރ. މުޢިއްޒުގެ އަމާޒަކީ ސެޕްޓެމްބަރަށް ނިންމުން. އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރަށް ނިންމޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް. މިހާރު ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ފްލައިޓަށް ޓަރމިނަލުން ލިންކްވާ ބްރިޖުތަކާއެއްޗެހިވެސް ފެންނަން ފަށާފައި އެހުރީ. އަނެއްކާ ފަސާޑާއި އެތެރޭގެ މަސައްކަތްތައް އެދަނީ ބާރު ސްޕީޑުގައި ނިމެމުން." ވަޒީރު ވިދާޅުވިއެވެ.

ވީ.އައި.އޭގެ އައު ޕަސެންޖަރ ޓަރމިނަލަކީ، އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކޮމްޕޯނެންޓެވެ.

ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރާ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ. މި ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓަރމިނަލެކެވެ.

އައު ފަސިންޖަރ ޓާރމިނަލް ތަރައްޤީކުރެވިގެންދާނީ އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކުއެވެ. އެގޮތުން އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް މިތަނުގައި ހުންނާނެއެވެ. އައު ޓާރމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފިލުވައިދީ، "އެފް އެންޑް ބީ"ގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް މިތަނުގައި ޤާއިމުކުރެވިގެންދާނެއެވެ.