ޚަބަރު

ހުއްޓިފައި އޮތް ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި


  • މަސައްކަތް އަލުން ފެށީ ފައިސާއާއި އީ.އައި.އޭގެ ކަންކަން ހަމަޖެއްސުމަށްފަހު

  • މުޅި ޖުމްލަ 4 ހެކްޓަރުގެ ބިން ހިއްކާނެ

  • މަގުހެދުމުގެ ފޭސް 2 އަދި ޕިކްނިކް އައިލެންޑްގެ މަސައްކަތްވެސް ކުރާނެ

ހުއްޓިފައި އޮތް ހއ. ހޯރަފުށީ ބިން ހިއްކުމުގެ މަޝަރޫޢުގެ ޢަމަލީ މަސައްކަތް އަލުން ފަށައިފިއެވެ. މި މަސައްކަތަކީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް، އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ހޯރަފުށީ ދެކުނު ފަރާތު އެއަރޕޯޓް ހިމެނޭ ސަރަޙައްދުން ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުގައެވެ. އެހެންނަމަވެސް ބިން ހިއްކުމުގެ މަސައްކަތުގައި އެމް.ޓީ.ސީ.ސީން ބޭނުންކުރަމުންދިޔަ ޑްރެޖަރަށް ދިމާވި މައްސަލައަކާ ގުޅިގެން މިދިޔަ ސެޕްޓެމްބަރުމަހު މަސައްކަތް ވަނީ ހުއްޓިފައެވެ. އެފަހުން މި މަޝްރޫޢުގެ އެއްވެސް މަސައްކަތެއް ކުރިއަށްގެންގޮސްފައެއްނުވެއެވެ.

ދުވަސްތަކެއް ވަންދެން ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު، އެމް.ޓީ.ސީ.ސީ އަލުން މި މަސައްކަތް ފަށާފައިވާއިރު، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަނީ ސައިޓަށް ވަޑައިގެން މި މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. އަދި މަސައްކަތް ކުރިއަށްދާގޮތާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވަވާފައެވެ.

ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަވަމުން އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވީ، މި މަޝްރޫޢަކީ ކުރީ ސަރުކާރުން އީ.އައި.އޭ އެއް ހެދުމެއްނެތި މަޝްރޫޢަށް ބޭނުންވާ ބަޖެޓުވެސް ހަމަނުޖައްސާ ކުރިއަށްގެންދިޔަ މަޝްރޫޢެއްކަމަށެވެ.

އެހެންނަމަވެސް މި ސަރުކާރުން އަލުން މި މަސައްކަތް ފެށީ އެކަމަށް ބޭނުންވާ ފަންޑް ހަމަޖެހި، އީ.އައި.އޭ ރިޕޯޓުވެސް ނިންމާ ހޯދަންޖެހޭ ހުއްދަތައްވެސް ހޯދައިގެންކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިހާރު މިގޮތަށް މި މަސައްކަތް ފެށީމަކާ ދެނެއް ނުއެއް ހުއްޓޭނެ. މި މަސައްކަތް ދެން ހުއްޓޭނީ އަޅުގަނޑުމެން މި މަސައްކަތް ނިންމާފައި. ގާތްގަނޑަކަށް 4 ވަރަކަށް ހެކްޓަރު މި ހިއްކަނީ. މިއީ ސަރުކާރުންވެސް އިސްކަމެއްދެއްވާ އަދި ރައްޔިތުންވެސް ވަރަށް ބޮޑަށް ބޭނުންވެފައިވާ މަސައްކަތެއް އަލުން މި ފެށުނީ." މުޣުނީ ވިދާޅުވިއެވެ.

ހޯރަފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 4 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު 85 އިންސައްތަ ވަނީ ނިމިފައެވެ. އަދި އަމާޒަކީ މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލުންކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.

ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު، ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. މުޣުނީ ވިދާޅުވީ، އެ ޕްރޮޖެކްޓުގެ އެއްބަސްވުމުގައިވެސް ދާދި އަވަހަށް ސޮއިކުރެވި، ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ.

ހޯރަފުށީ މަގުހެދުމުގެ ދެވަނަ ފިޔަވަހީގައި 3 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް މުޣުނީ ވިދާޅުވިއެވެ.

"މަގު ހެދުމުގެ ފޭސް 2 ގެ މަސައްކަތްވެސް ނިމޭއިރުގައި ފޭސް އެކެއްގެ މަސައްކަތްތަކާ ހަމަ އެއް ފެންވަރަކަށް ހެދޭނީ. ފޭސް އެކަކާއި 2 ހަމަ ގުޅިފައި އޮންނާނީ. މި 2 ފޭސް އެއްކޮށް ނިމުމުން ރައްޔިތުންނަށް މަގު ބޭނުންކުރުމުގައި މިހާރަށްވުރެ ފަސޭހަވާނެ." މުޣުނީ ވިދާޅުވިއެވެ.

މި ދެ މަސައްކަތަކީ ހޯރަފުށީ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ދެ މަޝްރޫޢުކަން ފާހަގަކުރައްވާ މުޣުނީ ވިދާޅުވީ، އެމް.ޓީ.ސީ.ސީގެ އަމާޒުހުރީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުން އެދޭ ތަރައްޤީ، ބޭނުންވާ ސްޕީޑުގައި ރައްޔިތުންނާއި ހަމައަށް ގެނެސްދިނުންކަމަށެވެ.

މުޣުނީ ވިދާޅުވީ، ހޯރަފުށީ ރައްޔިތުންގެ އެދުމުގެ މަތިން އެރަށުގެ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަޝްރޫޢުގެ ތެރެއިން ރަށާއި ކައިރިން ދަތުރުދާނެ ތަނެއްގެ ގޮތުގައި ޕިކްނިކް އައިލެންޑެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެކަމަށެވެ.

ހޯރަފުއްޓަކީ ރާއްޖޭގެ އެންމެ އުތުރުގައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ އެއް ރަށެވެ. ރަށުގެ ބިން އިތުރުކުރެވި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ވެގެންދާނީ ރަށާއި، ރަށުން ބޭރުން ތަފާތު ޚިދުމަތްތަކަށް ހޯރަފުއްޓަށް އަރައިފައިބާ ފަރާތްތަކަށްވެސް ލިބިގެންދާނެ ބޮޑު ލުއިފަސޭހައެއްގެގޮތުގައި ސަރުކާރުންވެސް ފާހަގަކުރައްވައެވެ.