ޚަބަރު

މި ސަރުކާރުގެ ހައުސިންގ މަޝްރޫޢުތައް ޖުލައި ފަހުކޮޅު ފެށޭނެ: ރައީސް


  • ރައީސްގެ ވަޢުދަކީ މަދުވެގެން 65 ހާސް ހައުސިންގ ޔުނިޓް ޤާއިމްކުރުން

  • 5 އަހަރު ނިމޭއިރު ބޯހިޔާވަހިކަން ކަށަވަރުނުވާ އެއްވެސް މީހަކު ނުހުންނާނެކަމަށް

  • ޗައިނާ ސަރުކާރުގެ އެހީގައި ހައުސިންގެ ގިނަ މަޝްރޫޢުތަކެއް ހިންގާނެ

ސަރުކާރުން ހިންގުމަށް ކަނޑައަޅަފައިވާ ހައުސިންގ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ޖުލައި މަހުގެ ފަހުކޮޅު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ 5 އަހަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަން ބޭނުންވެފައިތިބި އެންމެނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމެވެ. އެގޮތުން ހިނގަމުން މިދާ 5 އަހަރުގެ ތެރޭގައި 65000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ޤާއިމްކުރެއްވުމަކީ އެމަނިކުފާނުގެ ވަޢުދެކެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚައްޞަ އިންޓަރވިއުއެއްގައި، ގެދޮރުވެރިކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ޤަބޫލުފުޅުކުރައްވާގޮތުގައި ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ލިބެން ޖެހޭކަމަށާއި، ބޯހިޔާވަހިކަމުގެ ޢަމާޒު ކަނޑައަޅުއްވާފައިވަނީ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުންކަމަށެވެ.

ރައީސް ވިދާޅުވީ، މިހާރު ހިނގަމުންދާ ހައުސިންގ މަޝްރޫޢުތައް އަވަހަށް ނިންމާ އެ ގޯތިތަކާއި ފްލެޓުތައް އަވަހަށް ހަވާލުކުރުމުގެ މަސައްކަތްކުރިއަށްދާކަމަށާއި، އެކަން ފުރިހަމަކުރައްވާނެކަމަށެވެ. އެ މަސައްކަތް މިހާތަނަށް ލަސްވީ ފްލެޓްތަކާއި ގުޅޭ މައްސަލައެއް އޭސީސީން ބަލަމުން ދިއުމުންކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ފްލެޓުތަކުގައި އެއްވެސް މައްސަލައެއް ނެތްނަމަ ވަގުތުން ވަގުތައް އެ ފްލެޓުތައް ޙަވާލުކުރަން ބޭނުންފުޅުވާކަމަށެވެ.

ސަރުކާރުން އަލަށް ފެށުމަށް ނިންމާފައިވާ ހައުސިންގ މަޝްރޫޢުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބަޖެޓުގެ ތެރެއިން ކުރުމަށް ކަނޑައަޅުއްވާފައިވާ މަޝްރޫއުތައް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށެވެ. މިހާތަނަށް އެ މަޝްރޫޢުތައްވެސް ފެށުން ލަސްވަނީ ބަޖެޓުގައި އެ މަޝްރޫޢުތަކަށް ފައިސާ ކަނޑައެޅިގޮތުންކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ހުށައެޅިން މި މަޝްރޫޢުތައް ކުރީބާގައި ހިންގޭނެ ގޮތަކަށް ޢަދަދުތައް ހިމަނައިދޭން. އެހެންނަމަވެސް މަޖިލީހުގެ ކޮންޓްރޯލް އޮތީ އަޅުގަނޑުމެންގެ ޕާޓީއަކު ނޫން. އެމްޑީޕީގަ. އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮވެގެން ބޭނުމެއް ނުވި އަޅުގަނޑުމެންގެ މި ވަޢުދުތައް ފުއްދޭނެ މަގެއް ފަސޭހަގޮތެއްގަ ހޯދައިދޭކަށެއް. އެހެންވީމަ އެކަހަލަ ދަތިތައް އެބަހުރި." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަޖެޓުގައި ފައިސާ ކަނޑައަޅަފައިވަނީ މަޝްރޫޢުތައް ނުފެށޭވަރަށްކަމަށެވެ. މިއީ އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން ގަސްތުގައި ކުރެއްވި ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

"މިސާލަކަށް 50 ޔުނިޓުގެ ހައުސިންގ މަޝްރޫޢެއް ހިންގަން ގާތްގަނޑަކަށް 40ހަކަށް މިލިއަން ރުފިޔާ ބޭނުންވާކަމަށްވަންޔާ އަޅުގަނޑުމެން އެންމެ ކުޑަމިނުން އޭގެ ދެބައިކުޅަ އެއްބައި ބަޖެޓުގަ ހިމަނަން ބޭނުންވޭ. އޭރުން އެޑުވާންސް ޕޭމަންޓް ދީފަ މަސައްކަތް އެކަށީގެންވާ ވަރަކަށް މޭއި ޖޫން ހިސާބުގައި އެންމެ ލަސްވެގެން ފަށާލެވޭނެ. ނަމަވެސް ހިމަނާފަ މި އޮންނަނީ މަޝްރޫޢެއް ހިންގަންވެސް 5 މިލިއަން ރުފިޔާ މިސާލަކަށް. އެއީ މީގެ ކުރިން އެކަން ކޮށްފައޮތް ގޮތެއް ނޫން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޢާންމުކޮށް ކޮންމެ ބަޖެޓެއް ފާސްކުރާއިރުވެސް ޢަމަލުކުރާ އުޞޫލަކީ ހިނގަމުންދާ މަޝްރޫޢުތައް ނިންމޭވަރަށް ބަޖެޓުގައި ފައިސާ ހިމެނުންކަމަށެވެ. ނަމަވެސް މަޝްރޫޢުތައް ނިންމާ ވަރާ ގާތަށްވެސް މިއަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާދީފައި ނުވާކަމުގެ ކަންބޮޑުވުން ރައީސް ފާޅުކުރެއްވިއެވެ.

މިއީ އަންނަ އަހަރާ ހަމައަށް ލަސްކުރުމަށް މަޖުބޫރު ކުރުވާފައިވާކަމެއްގެ ގޮތުގައި ސިފަކުރައްވާ ރައީސް ވިދާޅުވީ، މިއީ ދުވަހަކުވެސް ދައުލަތުގެ ބަޖެޓު ފާސްކޮށްފައިވާ ގޮތެއްވެސް ނޫންކަމަށެވެ. މިހާރު މަޝްރޫޢުތައް ހުއްޓިފައިވާކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތައް ދެއްކުމަށް ފަސޭހަވަނީވެސް އެކަމުގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބަޖެޓުގައި ހިމަނާފައިވާ ހައުސިންގ މަޝްރޫޢުތައް އެންމެ ލަސްވެގެން މިއަހަރުގެ ޖުލައި މަހުގެ ފަހުކޮޅުގައި ފަށްޓަވާނެކަމަށެވެ. އެ މަޝްރޫޢުތަކުގެ ތެރޭގައި ޗައިނާއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޢިމާރާތްކުރާ ހައުސިންގ މަޝްރޫޢުތަކާއި، އެގްޒިމް ބޭންކް ފައިސާއާއި އެނޫންވެސް އެކި ލުއި ލޯންތަކުންނާއި، ޑިވެލޮޕަރ ފައިނޭންސް އުސޫލުންވެސް ގިނަ މަޝްރޫޢުތަކެއް ހިންގެވުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.