ޚަބަރު

އިމިގްރޭޝަންގެ ޚިދުމަތްތަކުން ޒަމާނީ ބޮޑެތި ބަދަލުތައް ކުރިއަށްއޮތް އަހަރު ފެންނާނެ: ޝަމްޢާން


  • 24 މަރޗްއަކީ އިމިގްރޭޝަންގެ އަހަރީ ދުވަހެވެ

  • ޝަމްޢާން ވިދާޅުވީ މުވައްޒަސާގައި ހީނާރުވެފައި އޮތް ގުޅުން އާލާކުރެވިފައިވާކަމަށް

  • އަތޮޅުތަކުގައި ޕާސްޕޯޓްގެ ޚިދުމަތް ފުޅާކުރައްވާފައިވާކަމަށް ވިދާޅުވި

ކުރިއަށް އޮތް އަހަރު ވެގެންދާނީ މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތަކަށް ޒާމާނާ އެއްގޮތަށް ބޮޑެތި ލުއިފަސޭހަ ބަދަލުތަކެއް ގެންނާނެ އަހަރަކަށްކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންސް މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

ކޮންޓްރޯލަރ ޖެނެރަލް މިހެން ވިދާޅުވީ މޯލްޑިވެސް އިމިގްރޭޝަންގެ 74 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.

މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ، އިމިގްރޭޝަނާ ހަވާލުވިއިރު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނުންސުރެ އެ މުއައްސަސާގެ ތެރޭގައި އޮތް ބަދަހި ގުޅުން ހީނަރުވެފައި އޮތް އޮތުންކަމަށެވެ. އެހެންކަމުން އެންމެ ޚާއްސަ އިސްކަމެއް ދެއްވައިގެން ފެއްޓެވި މަސައްކަތަކީ މުވައްޒަފުންގެ މެދުގައި ގުޅުން ރަނގަޅުކޮށް، މުއައްސަސާގެ ތެރޭގައި އޮންނަންޖެހޭ އެއްބައިވަންތަކަމުގެ ގުޅުން އަލުން އާލާކޮށް ދިރުވުމަށްކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.

ވޭތުވެ މަދު ދުވަސްކޮޅުގެ ތެރޭގައިވެސް އޭގެ ފޮނި ނަތީޖާ ފެންނަން ފަށާފައިވާކަމަށް ޝަމްޢާން ވަހީދު ވިދާޅުވިއެވެ. ޝަމްޢާން ވަނީ އިމިގްރޭޝަންގެ ޚިދުމަތްތައް ފުޅާވެގެން އައުމުގައި މުވައްޒުގެ ބުރަ މިންނެތް މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

ޝާމްއާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް މިވީ ކުރު މުއްދަތުގައިވެސް މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ.

އެގޮތުން ދިވެހި ޕާސްޕޯޓާ ގުޅޭ ޚިދުމަތް ލުއިފަސޭހަކުރުމާއި، ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ދިވެހިން ހޯދާ ޚިދުމަތްތަކަށް ލުއިފަސޭހަ ބަދަލުތަކެއް ގެންނަވާފައިވާކަމަށެވެ. އަދި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ އިމިގްރޭޝަންގެ އޮފީސްތަކުން ދެމުން އަންނަ ޚިދުމަތްތައް ދެގުނަ އަވަސްކޮށްފައިވާކަމަށެވެ.

މީގެއިތުރުން ރާއްޖޭގައި ޤަވާއިދާ ޚިލާފައި އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް، ސަރުކާރުގެ ކަމާގުޅުންހުރި މުވައްސަސާތައް ގުޅިގެން، ޚާއްސަ އިސްކަމެއް ދޭ މަސައްކަތެއް ގޮތުގައި އެ މަސައްކަތް ފައްޓަވާ ކުރިއަށްގެންދަމުންދާކަމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.

ޝަމްޢާން ވިދާޅުވީ އިމިގްރޭޝަންގެ ޚިދުމަތުގެ 75ވަނަ އަހަރު ގުންނަން ފަށާފައިވާއިރު، މިއީ މުޅިން އައު ފެށުމަށް ވެގެންދާނެކަމަށެވެ. އެގޮތުން މިއަހަރު ވެގެންދާނީ އިމިގްރޭޝަނާ ގުޅުންހުރި ދާއިރާއިން ޒަމާނީ ބަދަލުތަކާއެކު ޚިދުމަތްތައް ތަރައްޤީކޮށް ލުއިފަސޭހަކޮށް، ބޮޑެތި ބަދަލުތަކެއް ފެންނާނެ އަހަރަކަށްކަމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުޙައްމަދު ޝަންޢާން ވަޙީދު ވިދާޅުވިއެވެ. އަދި މުވައްޒަފުންނާ ގުޅުންހުރި ކަންކަމަށް އިސްކަންދީ، މުވައްޒަފުންގެ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށްވެސް ޝަމްޢާން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އިމިގްރޭޝަންގެ ޚިދުމަތް ފެށީ 1950ވަނަ އަހަރުއެވެ. އޭރުން ފަށައިގެން ޕާސްޕޯޓުގެ ޚިދުމަތާ، އިމިގްރޭޝަންގެ ޚިދުމަތްތަކަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ރާއްޖޭގެ ޕާސްޕޯޓަކީ ސަރަޙައްދީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ބާރުގަދަ ޒަމާނީ ޕާސްޕޯޓެކެވެ.