ޚަބަރު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ


  • މިއީ ފަތުރުވެރިކަމުގެ ދާއިރާއިން ދެވޭ އެންމެ ޝަރަފުވެރި އެވޯޑް

  • ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑަށް މިފަހަރުވެސް ނޮމިނޭޓްވެފައިވޭ

  • ވޯޓުލުމުގެ ފުރުޞަތު މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި

ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ)ގެ އިންޑިއަން އޯޝަން ކެޓެގަރީ 2024 ގައި ފާހަގަކޮށްލެވޭ 9 ކެޓަގަރީއަކަށް ދިވެހިރާއްޖެ ނޮމިނޭޓްވެއްޖެއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ދެމުން އަންނަ އެންމެ ޝަރަފުވެރި އެވޯޑެވެ.

1993 ވަނަ އަހަރު އުފެދުނު ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ރޮނގުން އެންމެ އިޙްތިރާމް ލިބިފައިވާ އެންމެ މަޤުބޫލު އެއް އެވޯޑުގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި އަދި ދަތުރުފަތުރުގެ ސިނާޢަތުގެ އެންމެ ފާހަގަކޮށްލެވޭ އެންޑޯސްމަންޓް ރަމްޒުކޮށްދޭ މި އެވޯޑްތަކުގެ މަޤްޞަދަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ދާއިރާއަކުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް އެވޯޑް ދިނުމެވެ.

ޑަބްލިއުޓީއޭ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ ނޮމިނޭޓްވެފައިވަނީ:

• އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަން
• އިންޑިއަން އޯޝަންސް ލީޑިންގ ބީޗް ޑެސްޓިނޭޝަން
• އިންޑިއަން އޯޝަންސް ލީޑިންގ ހަނީމޫން ޑެސްޓިނޭޝަން
• އިންޑިއަން އޯޝަންސް ލީޑިންގ ޑައިވް ޑެސްޓިނޭޝަން
• އިންޑިއަން އޯޝަންސް ލީޑިންގ ޓުއަރިސްޓް ބޯޑް
• އިންޑިއަން އޯޝަންސް ލީޑިންގ އެޑްވެންޗާ ޓުއަރިޒަމް ޑެސްޓިނޭޝަން
• އިންޑިއަން އޯޝަންސް ލީޑިންގ ކްރޫޒް ޑެސްޓިނޭޝަން
• އިންޑިއަން އޯޝަންސް ލީޑިންގ ގްރީން ޑެސްޓިނޭޝަން
• އިންޑިއަން އޯޝަންސް ލީޑިންގ ވެޑިން ޑެސްޓިނޭޝަން


މިކަމާގުޅިގެން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމް.އެމް.ޕީ.އާރް.ސީއިން ނެރުނު ބަޔާނުގައި ދަތުރުފަތުރުގެ ސިނާޢަތުން ލިބޭ މިފަދަ އެވޯޑްތައް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް މުހިއްމު ކަމަށެވެ. އަދި އެއީ އެހެން މަންޒިލްތަކާއި ތަފާތު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޤާއިމުވެފައި އޮތްކަން ހާމަކޮށްދޭ ކަމެއްކަމަށެވެ.

މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަރާތްތަކަށް ހަނދާން ނައްތާނުލެވޭފަދަ ތަޖުރިބާތައް ފޯރުކޮށްދިނުމަށް އިންޑަސްޓްރީއން ކުރާ މަސައްކަތް ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަކަން ދައްކުވައިދޭ ހެއްކެއްކަމަށްވެސް އެމް.އެމް.ޕީ.އާރް.ސީއިން ބުނެއެވެ.

ޑަބްލިޔު.ޓީ.އޭ ވޯލްޑްސް ކެޓަގަރީއަށް ވޯޓުލުމަށް ހުޅުވާލާފައިވަނީ މި ހިނގާ މާރިޗުމަހުގެ 31 ގެ ނިޔަލަށެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަފާތު ހަރަކާތްތަކާއި، ރިވެތި މެހެމާންދާރީ ދެނެގަނެ، ރާއްޖެއަށް ތާއީދުކޮށް، ދަތުރުފަތުރަށް ލޯބިކުރާ ފަރާތްތަކަށާއި، ސިނާޢަތުގެ ފަންނީ ފަރާތްތަކުގެ ވޯޓު ރާއްޖެއަށް ދިނުމަށް އެމް.އެމް.ޕީ.އާރް.ސީއިން ވަނީ އިލްތިމާސްކޮށްފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީން 9 އެވޯޑަކަށް ރާއްޖެ މިއަހަރު ނޮމިނޭޓްވެފައިވާއިރު، ފަތުރުވެރިކަމުގެ މަޤްބޫލު މަންޒިލްތަކާ ވާދަކޮށް ރާއްޖެއިން އަންނަނީ ފަހަކަށް އައިސް މި އެވޯޑުގައި ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއްވެސް ހޯދަމުންނެވެ. އެގޮތުން ފާއިތުވި 4 އަހަރުވެސް ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑް ޙާޞިލުކޮށްފައިވަނީ ދިވެހިރާއްޖެއިންނެވެ.