ޚަބަރު

ގިރާވަރު ފަޅު ހިއްކަން ހަވާލުކުރީ ވަރަށް ޚަރަދު ބޮޑުކޮށް، ފައިސާ ހަމަޖައްސާފައެއް ނެތް: ވަޒީރު


  • 50 ހެކްޓަރު ހިއްކަން ހަވާލުކުރީ 50 މިލިއަން ޑޮލަރު ދައްކަންޖެހޭގޮތަށް

  • އެއަށްފަހު ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ގެންދަން

  • ވަޒީރު ވިދާޅުވީ 30 މިލިއަން ޑޮލަރު އޮތީ ހަމަނުއްޖައްސާކަމަށް

ގިރާވަރު ފަޅު ހިއްކަން ކުރީ ސަރުކާރުން ހަވާލުކޮށްފައިވަނީ ވަރަށް ޚަރަދު ބޮޑުކޮށްކަމަށާއި، މަސައްކަތަށް ލަސްތަކެއް އައިސްފައިވަނީ ކޮންޓްރެކްޓަރަށް ދައްކަންޖެހޭ ފައިސާ ހަމަޖައްސާފައި ނެތުމުން ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.މުއްޠަލިބް ވިދާޅުވީ ގިރާވަރު ފަޅުގެ މަޝްރޫއަކީ ވަރަށް ޚަރަދު ބޮޑުކޮށް ފަށާފައިވާ މަސައްކަތެއްކަމަށެވެ. މިޕްރޮޖެކްޓް ހިންގަން ހަވާލުކޮށްފައި އޮތީ ދަޢުލަތުން ވަކި އަދަދަކަށް ފައިސާ ދެއްކުމުން، ބާކީ ބައި ކްރޮސްސަބްސިޑީ އުސޫލުން ކޮންޓްރެކްޓަރ ފައިނޭންސް ކުރާގޮތަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢުގައި ޖުމްލަ 160 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކޮށްފައިވެއެވެ. ވަޒީރު ވިދާޅުވީ އެއްބަސްވުން ޤާއިމުކޮށްފައިވަނީ ފުރަތަމަ 50 ހެކްޓަރު ހިއްކުމުން ކޮންޓްރެކްޓަރަށް 50 މިލިއަން ޑޮލަރު ދޭންޖެހޭގޮތަށްކަމަށެވެ. އަދި އެއަށްފަހު ކޮންޓްރެކްޓަރު ޕްރޮޖެކްޓަށް ޚަރަދުކޮށް، ފަހުން އެ ލޯނު ފައިސާ ބަހާލައިގެން ރާއްޖެއިން ދައްކަންޖެހޭގޮތަށެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު މުއްޠަލިބު ވިދާޅުވީ ފުރަތަމަ 50 ހެކްޓަރުގެ ބިން ކޮންޓްރެކްޓަރު ހިއްކާ ނިންމާފައިވާކަމަށެވެ. އަދި މަސައްކަތް މަޑުޖައްސާލާފައިވަނީ އެއްބަސްވުމުގައިވާގޮތަށް ފުރަތަމަ 50 ހެކްޓަރު ހިއްކުމަށް ސަރުކާރުން ކޮންޓްރެކްޓަރަށް އަދާކުރަންޖެހޭ 50 މިލިއަން ޑޮލަރު އެއްކޮށް ދައްކާފައި ނުވާތީކަމަށެވެ. އަދި އެފައިސާ އަވަހަށް ދެއްކުމަށް ކޮންޓްރެކްޓަރު ޑިމާންޑްކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދޭންޖެހޭ 50 މިލިއަން ޑޮލަރުގެ ތެރެއިން 30 މިލިއަން ޑޮލަރު އޮތީ ނުދީ ސަރުކާރު ބަދަލުވިއިރު. މިއީ ވަރަށް ބޮޑު އަދަދެއް. މިފައިސާ ހަމަޖައްސަން ޖެހެނީ ޑޮލަރުން. މިދަނީ ވީހާވެސް އަވަހަށް މި ފައިސާ ދައްކާ، ޕްރޮޖެކްޓް އަވަސްކުރުމަށް މަސައްކަތް ކުރަމުން." އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.މުއްޠަލިބު ވިދާޅުވިއެވެ.

ގިރާވަރު ފަޅު ބްރިޖުން ގުޅާލުމާއި ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އެ މަސައްކަތަކީ ކުރީ ސަރުކާރުން އެއްވެސް އެއްބަސްވުމެއް ހަދާފައިވާ މަސައްކަތެއް ނޫންކަމަށެވެ. މިކަމާ ގުޅޭ ވާހަކަތައް ކޮންމެވެސް ވަރަކަށް ދައްކާފައިވީނަމަވެސް، އެކަމާ ގުޅޭ އެއްވެސް ޢަމަލީ މަސައްކަތެއް ކޮށްފައިވާ ނުވާކަމަށެވެ. މުއްޠަލިބު ވިދާޅުވީ ސަރުކާރު މިވަގުތު އެންމެ އިސްކަމެއް ދެނީ މިހާރު ފަށާފައިވާ ތިލަމާލެ ބްރިޖްގެ މަސައްކަތް ނިންމުމަށްކަމަށެވެ. އެއަށްފަހު ގިރާވަރުފަޅާއި ގުޅިފަޅު ބްރިޖުން ގުޅާލުމުގެ މަސައްކަތްތައް ކުރިއަށްގެންދަވާނެކަމަށެވެ.

"މިހާރު އެފްކޮންސްއާއެކު އޮތީ ތިލަފުއްޓާ ހަމައަށް ބްރިޖުން ގުޅާލަން. ގިރާވަރު ފަޅު ގުޅާލަން އެއްވެސް ސްޓަޑީއެއް ހަދާފައެއް ނެތް. މިހާރު ކުރިއަށްދާ ތިލަމާލެ ބްރިޖްގެ މަސައްކަތް ނިމުމުން ގިރާވަރާ ގުޅިފަޅު ގުޅާލާ ބައިގެ މަސައްކަތް ގެންދާނަން." އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.

ގިރާވަރު ފަޅުން ޖުމްލަ 160 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، އެ ޕްރޮޖެކްޓަށް އިތުރު 50 ހެކްޓަރުގެ ބިން އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

ނިމުނު ސަރުކާރުގައި ވަނީ ގިރާވަރު ފަޅު ހިއްކާ އެތަނުން 5432 ގޯތި މާލޭގެ ރައްޔިތުންނަށް ދިނުމަށް ނިންމާފައެވެ. ނަމަވެސް އެ ޕްރޮޖެކްޓްގެ މާބޮޑު މަސައްކަތެއް ކުރިއަށްގެންގޮސްފައެއް ނެތެވެ.