ޚަބަރު

އެމެރިކާގެ އަސްކަރީ މަނަވަރު "ޔޫއެސްއެސް ހާލްސީ"އަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ސްކައުޓުންނަށް


  • މުޅި މަނަވަރު އެކުދިންނަށް ދައްކާލައި މަޢުލޫމާތު ދީފައިވޭ

  • މިއީ އެމެރިކާ އެމްބަސީއާއި އެމްއެންޑީއެފް ގުޅިގެން ކުރިއަތް ގެންދިޔަ ހަރަކާތެއް

  • މަނަވަރުގެ ފަޅުވެރިން ވަނީ އެމީހުންގެ ތަޖުރިބާތައް ދަރިވަރުންނާ ހިއްސާކޮށްފައި

މާލެ ސަރަހައްދުގެ ސުކޫލްތަކުގެ ސްކައުޓް ދަރިވަރުންނަށް އެމެރިކާގެ އަސްކަރީ އުޅަނދުތަކުގެ މައުލޫމާތު ފޯރުކޮށްދީ ތަޖުރިބާކޮށްލުމަށް ނޭވީ ޝިޕަކަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ދީފިއެވެ.

މި ތަޖުރިބާ ދަތުރުގެ ހަރަކާތަކީ ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީއާއި އެމްއެންޑީއެފް ގުޅިގެން ކުރިއަތް ގެންދިޔަ ހަރަކާތެކެވެ.

މި ޙަރަކާތުގެ ބޭނުމަކީ ދެ ޤައުމުގެ ޚާރިޖީ ގުޅުން ވަރުގަދަކޮށް ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައި އޮންނަ އެެއްބާރުލުން އިތުރުކުރުމެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް މައުލޫމާތު ބަދަލުކޮށް ބަދަހި ގުޅުމެއް ޤާއިމް ކުރުމަކީވެސް މި ހަރަކާތުގެ މަޤުސަދެއްކަމަށް އެމެރިކާ އެމްބަސީން ވިދާޅުވެއެވެ.

މި ތަޖުރިބާކޮށްލުމުގެ ހަރަކާތުގައި ސްކައުޓް ކުދިން ޒިޔާރަތްކުރީ އެމެރިކާގެ "ޔޫއެސްއެސް ހާލްސީ" ނަމަކަށް ކިޔާ އަސްކަރީ މަނަވަރަކަށެވެ. މުޅި މަނަވަރު އެކުދިންނަށް ދައްކާލައި މަޢުލޫމާތު ދީފައިވެއެވެ.

މި ޒިޔާރަތުގެ ތެރެއިން އެ އަސްކަރީ އުޅަނދު އޮޕަރޭޓްކުރާ ގޮތާއި ކުއްލި ހާލަތްތަކުގައި ކަންކަން ކުރާނެގޮތުގެ މައުލޫމާތުވެސް އެކުދިންނަށް ވަނީ ފޯރުކޮށްދީފައެވެ. އެ އުޅަނދުގައި ހަރުކޮށްފައިވާ މުހިންމު ހަނގުރާމަމަތީ އާލަތްތަކުގެ މައުލޫމަތުވެސް އެކުދިންނަށް ދީފައިވެއެވެ.

މަނަވަރުގެ ފަޅުވެރިން ވަނީ އެމީހުންގެ ތަޖުރިބާތައް ދަރިވަރުންނާ ހިއްސާކޮށްފައެވެ. މި މަނަވަރުގެ މައުލޫމާތުތައް ދަރިވަރުންނާ ހިއްސާކޮށްފައިވަނީ އެއުޅަނދުގެ އެގްޒެކެޓިވް އޮފިސަރާއި ކޮމާންޑް މާސްޓަރ ޗީފް އަދި ޕާސްޓް އެގްޒެކެޓިވް އޮފިސަރެވެ.

ފުރަތަމަ ބޮޑުހަނގުރާމައާއި ދެވަނަ ބޮޑުހަނގުރާމައިގައި އެމެރިކާގެ ނޭވީގައި ޚިދުމަތް ކުރެއްވި ފްލީޓް އެޑްމިރަލް ވިލިއަމް އެފް "ބުލް" ހާލްސީ (1882-1959)ގެ ޝަރަފުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ ދެ ބޯޓަކަށް ޔޫއެސްއެސް ހާލްސީގެ ނަން ދީފައިވެއެވެ. ދެ ބޯޓުގެ ވެސް ޕްރައިމަރީ ހަތިޔާރުގެ ގޮތުގައި ބޭނުންކުރީ ގައިޑްޑް މިސައިލެވެ.

ފުރަތަމަ ޔޫއެސްއެސް ހާލްސީ (ޑީއެލްޖީ-23) އަކީ 1963 އިން 1994 އަށް އެމެރިކާގެ ނޭވީގައި ޚިދުމަތް ކުރި ލީހީ ކްލާހުގެ ގައިޑްޑް މިސައިލް ކްރޫޒާއެކެވެ.

ދެވަނަ ބޯޓަކީ ޔޫއެސްއެސް ހާލްސީ (ޑީޑީޖީ-97) އަކީ 2004 ވަނަ އަހަރު ފޮނުވާލި 47 ވަނަ އާލީ ބާރކް ކްލާސް ގައިޑްޑް މިސައިލް ޑިސްޓްރޯޔަރ އެވެ.