ޚަބަރު

14 އަހަރަށްފަހު ދޮންއަދަރާދަ ހިނގުން ޢާންމުނަށް ހުޅުވާލައިފި


  • އެ މަގު ބަންދުކުރީ 2010 ވަނަ އަހަރު

  • އެތަނުގައި 17 އިންޖީނު ހިންގަމުން އައި

  • މިހާރު އެ އިންޖީނުތައް ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައި

  • މި މަގު ހުޅުވާލުމުން ޓްރެފިކްއަށް ބޮޑު ލުޔެއް ލިބޭނެ

  • މަގު ހުޅުވުމުގެ މަސައްކަތަށް 4.8 މިލިއަން ރުފިޔާ ޚަރަދުކުރި

ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، ސްޓެލްކޯގެ ބޭނުމަށް ބަންދުކުރި ދޮންއަދަރާދަމަގު 14 އަހަރަށްފަހު އާންމުނަށް ހުޅުވާލައިފިއެވެ. ސްޓެލްކޯގެ ބޭނުމަށް ދޮންއަދަރާދަ ހިނގުން ބަންދުކުރީ 2010 ވަނަ އަހަރުއެވެ.

ދޮންއަދަރާދަ ހިނގުމަކީ އަމީނީމަގުގައި ހުންނަ ސްޓެލްކޯގެ ހެޑް އޮފީހާއި އިންވެގެން އޮންނަ މަގެކެވެ. އެމަގު ބަންދުކުރުމަށްފަހު ސްޓެލްކޯގެ 17 އިންޖީނެއް އެތަނުގައި ބެހެއްޓިނަމަވެެސް، މިހާރު ވަނީ އެ އިންޖީނުތައް ހުޅުމާލެއަށް ބަދަލުކޮށްފައެވެ.

އެމަގު ރަސްމީކޮށް ހުޅުވާދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއާއި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މި ސަރުކާރު އާއިރު މާލޭގެ ޓްރެފިކްގެ މައްސަލައޮތީ ބޮއްސުންލާފައިކަމަށެވެ. އެހެންނަމަވެސް މި ސަރުކާރު އައިސް، ގަވާއިދާ ޚިލާފަށް އުޅަނދުތައް ރަޖިސްޓްރީ ކުރުން ހުއްޓުވައި، މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ހުރި ބައު އުޅަނދުތައް ނެގުމުގެ މަސައްކަތުގެ އިތުރުން މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ސަބަބުން މާލޭގެ ޓްރެފިކަށް ހެޔޮ ބަދަލުތަކެއް އަންނަމުން ދާތަން ފެންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

"ވަރަށް ޚާއްޞަކޮށް ޓްރެފިކް ފްލޯއަށް މި ސަރަހައްދަށް ވަރަށް ބޮޑު ލުއިފަސޭހައެއް ވެގެންދާނެ މި މަގު މިރޭ ހުޅުވިގެން ދިޔައީމައި" ވަޒީރު ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ފައިދާވާނެ ގޮތައް އަވަސް ހައްލެއް ގެންނަން ބޭނުންވެގެން ކުރަމުން ގެންދާ މަސައްކަތްތަކުގައި އޭގެ އެންމެ އަވަސް ދުވެލީގައި އެ މަސައްކަތް ކުރާ އެއް ކުންފުންޏަކީ ސްޓެލްކޯކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ދޮންއަދަރާދަމަގު ހުޅުވާލުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާއި އެކު ކުރެވުނު މަސައްކަތެއްކަމަށެވެ.

ފަހުމީ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ފަސޭހަވާނެ ހުރިހާކަމެއް ކުރުމަށް ރައީސް އިރުޝާދު ދެއްވާފައިވާކަމަށެވެ.

"މާލޭގެ ރައްޔިތުންނަށް ފަސޭހަވާނެ ހުރިހާ ކަމެއް ކުރުމަށް ރައީސް ވަނީ އަޅުގަނޑުމެންނަށް އިންޝްޓްރަކްޝަން ދެއްވާފައި. އެ އިރުޝާދާއި އެއްގޮތައް އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ. މީގެ ކުރިންވެސް އަޅުގަނޑުމެން ވާނީ މާލޭގެ މަގެއްގައި ހުރި ޓްރާސްފޯރމަރުތައް ނަގައި މާލޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ހިނގޭނެ އިންތިޒާމް ވާނީ ހަމަޖައްސާފައި" ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ދޮންއަދަރާދަމަގު ހުޅުވާލުމަށް ސްޓެލްކޯގެ ބަޖެޓުން 4.8 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ.

ދޮންއަދަރާދަ ހިނގުން ބަންދުކުރީ މާލޭގެ އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށްޓަކައި، ކެޕޭސިޓީ އިތުރުކުރުމަށް އޭރު ރާވާފައިވާ ފޯތު ޕަވަރ ޕްރޮޖެކްޓް ފެށުން ލަސްވެ، އެކަމަށް ހައްލެއް ހޯދުމަށްޓަކައި، ދޮންއަދަރާދަ ހިނގުމަށް ވާގޮތަށް އިންޖީނުގެއެއް އެޅުމަށެވެ.

ރޯދަމަހުގެ ކުރިން މާލޭގެ ޓްރެފިކަށް ލުޔެއް ހޯދައިދިނުމަށް އަޒުމް ކަނޑައަޅައި، ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރ 17 ގައެވެ.

ދޮންއަދަރާދަ ހިނގުން ހުޅުވާލާއިރު މަގުގެ ދެ ފަރާތުގައި އޮންނަ ބިމުގައި ސްޓެލްކޯގެ ޢިމާރާތްތައް ގުޅުވާލާފައިވަނީ ޕެޑްވޭ ބްރިޖަކުންނެވެ.