ޚަބަރު

ފަޅުރަށްތައް ހޯދަން ހުއްދަ ނެގުން ކައުންސިލްތަކަށް ފަސޭހަކޮށްދޭނަން: ރައީސް


  • ފަޅު ރަށްތައް ދުކުރާ މުއްދަތު ވަނީ 10 އަހަރުން 25 އަހަރަށް އިތުރުކޮށްފައި

  • ރައީސް ވިދާޅުވީ ބޭނުންވަނީ ފުދުންރތެރި މުޖުތަމަޢުއެއް ބިނާކުރަންކަމަށް

  • ދިއްގަރުގައި 75 ހައުސިން ޔުނިޓްގެ ޕްރޮޖެކްޓެއް މިއަހަރު ފަށާނެކަމަށް ވިދާޅުވި

ރަށްރަށަށް އަމްދަނީ ލިބޭގޮތަށް ކައުންސިލްތަކުން ކުރިއަށްގެންދާ ވިޔަފާރީގެ މަސައްކަތްތަކަށް ފަސޭހައިން ހުއްދަ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މ.ދިއްގަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައްޔިތުންގެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ކޮންމެ ރަށަކީ އަދި އެ ރަށެއްގައި ދިރުއުޅޭ ރައްޔިތުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފުދުންތެރި ބަޔަކަށް ހެއްދެވުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ޢަމާޒުކަމަށެވެ. އެގޮތުން ކޮންމެ ރަށަކުން އިޤްތިޞާދީ މަސައްކަތްތަކަށް ބޭނުންކުރުމަށް ފަޅު ރަށް ހަމަޖައްސައިދިނުމަކީ މީގެ ދަށުން ކުރުމަށް ނިންމާފައިވާ އެންމެ ބޮޑު މަސައްކަތްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތަކަށް ފަޅު ރަށް ދޫކުރާ މުއްދަތު 10 އަހަރުން 25 އަހަރަށް އިތުރުކުރުމަށް މިހާރު ނިންމަވާފައިވާކަމަށެވެ. އަދި އިޙްތިޞާސުގައި ހިމެނޭ ރަށްތަކުން ފަޅު ރަށެއް ހޯދުން ނުވަތަ ކައިރީގައި ފަޅު ރަށް ނެތް ރަށްތަކަށްވެސް ފަޅު ރަށް ހޯދުމުގެ ފުރުޞަތު ހުޅުވާލާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތަށް ދޫކުރުމަށް މިހާތަނަށް 25 ރަށުގެ ލިސްޓެއް ސަރުކާރުން ވަނީ ގެޒެޓުކޮށްފައިކަމަށާއި އަދި އެ ލިސްޓަށް ރަށްތަށް އިތުރުކުރައްވަމުންދާނޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިގޮތަށް ދޫކުރާ ރަށްތަކުގައި ކައުންސިލް އަދި ރަށުގެ ރައްޔިތުން ބައިވެރިވާގޮތަށް އިޤްތިޞާދީ މަސައްކަތް ކުރެވޭނެކަމަށެވެ. އެގޮތުން ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި އަތްތެރި މަސައްކަތްތަކާ ގުޅޭ ވިޔަފާރިތައްވެސް ކުރިއަށްގެންދެވޭނެކަމަށާއި ރަށްރަށް ހޯދުމާއި، އަދި ރަށްތަކުގައި ވިޔަފާރި ކުރުމަށް ހުއްދަ ދޫކުރުމުގައިވެސް ފަސޭހަ ގޮތްތައް ހަމަޖައްސަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކައުންސިލްތައް ގުޅިގެން އާމްދަނީ އިތުރުކުރުމާއި ފަރުދީ ވިޔަފާރި އިތުރުކުރަން ބޭނުންވޭ. މީގެކުރީގައި ކައުންސިލްތައް ވިޔަފާރިކުރުމާއި އާމްދަނީ ހޯދުމުގެ މަސައްކަތް ކުރުމަށް ހުއްދަ ހޯދުން ވަރަށް އުނދަގީ ކަމެއްގެ ގޮތުގައި. މި ދޫކުރާ ފަޅުރަށްތައް ފަސޭހައިން ލިބޭނެ ގޮތް ހޯދައިދީ، އަދި އެތަންތަނުގައި ވިޔަފާރިތައް ފެށުމަށް ފަސޭހައިން ހުއްދަތައް ލިބޭގޮތް ހަދައިދޭނަން. ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ކައުންސިލްތަކަށް ދޭނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިއްގަރުގެ ހިއްކި ބިމުގައި ވީހާވެސް އަވަހަށް މީހުންނަށް އާބާދުވެވޭނެގޮތަށް އެ ބިމުގައި އަސާސީ ޚިދުމަތް ޤާއިމުކޮށްދެއްވާނެކަމަށެވެ. އަދި މިއަހަރު ރަށުގައި 75 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުއެއް ފައްޓަވައިދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ރައްޔިތުން ބޭނުންވާ ގޮތަށް ރަށުގެ ބަނދަރަކާއި ހޮސްޕިޓަލެއް ތަރައްޤީކޮށްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސްކޫލްގެ ތަރައްޤީކުރުމާއި ރަށުގައި ތިބެގެން ބޭންކިން ނިޒާމުގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.