ޚަބަރު

ރައްޔިތުންގެ މަޝްވަރާ ނުހޯދާ ރަށްރަށުގައި ޕްރޮޖެކްޓްތައް ފެށުމުގެ ގޮތް ދޫކޮށްލާނަން: ރައީސް


  • ރައީސް ވިދާޅުވީ ޙަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމު ހިންގަވާނެކަމަށް

  • ރައްޔިތުންގެ ޚިޔާލު ނުހޯދާ ޕްރޮޖެކްޓް ހިންގުމުގެ ސަބަބުން ފަހުން ބަދަލުގެންނަންޖެހޭ

  • މުލަކުގައި ހޮސްޕިޓަލާއި، ބަނދަރު ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވި

ރައްޔިތުންނާއި ކައުންސިލްތަކުގެ މަޝްވަރާއާއި ޚިޔާލު ނުހޯދާ، ވުޒާރާތަކުން ރާވައިގެން ރަށްރަށުގައި ޕްރޮޖެކްޓްތައް ފެށުމުގެ ސަޤާފަތް ދޫކޮށްލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ މުލަކަތޮޅު މުލަކު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މުލަކު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

މުލަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މީގެކުރީގައި މަޝްރޫޢުތައް ހިންގުމުގައި ރައްޔިތުންނާ ކައުންސިލްތަކުގެ ޚިޔާލު އެއްވެސް ވަރަކަށް ނުހޯދާވެސް މަސައްކަތްތައް ފަށާފައި އެބަހުރިކަމަށެވެ. އޭގެ ސަބަބުން މަސައްކަތްތައް އެކަށީގެންވާ ސްޕީޑްގައި ކުރިއަށްނުދިއުމާއި ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތުގައި އެކަންކަމުގެ ފައިދާ ކުރަމުން ނުދާކަމަށް ވިދާޅުވިއެވެ. އަދި ޕްރޮޖެކްޓްތައް ފަށާ ފަހުން ބަދަލުތައް ގެންނަންޖެހޭކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައްޔިތުންނާއި، ކައުންސިލްތަކުގެ މަޝްވަރާއާއި ޚިޔާލު ނުހޯދާ، ޕްރޮޖެކްޓްތައް ހިންގުމުގެ ސަޤާފަތް މިސަރުކާރުން
ދޫކޮށްލައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދަޢުރުގެ މިހާ ކުރީކޮޅުގައި ރައްޔިތުންގެ ގާތަށް ވަޑައިގެން ޙާލަތު ބެއްލެވުމުގެ ބެނުމަކީވެސް، ތަރައްޤީގެ މަސައްކަތްތައް ފެށުމުގެ ކުރިން އެކަންކަމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުންކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަށް ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތައް ބައްޓަންކުރެއްވުންކަމަށެވެ.

ރައީސް ވިދާޅުވީ ރަށްރަށަށް ދަތުރުކޮށް ކަންކަން އޮޅުންފިލުވުމުގެ ސަބަބުން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވި، ސިދާ ރައްޔިތުން ބޭނުންވާ ގޮތް ސާފުވެގެންދާކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ހަޤީޤީ ފައިދާ ރައްޔިތުންނަށް ލިބޭނަކަމަށެވެ.

"ގަނޑުގައި ލިޔެފައި އޮންނަ އެއްޗަކަށް ނުހަދާ ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމު ތަންފީޒުކުރާނަން. ކައުންސިލްތަކުންވެސް ވަރަށް ބޮޑަށް ފާހަގަކުރި މަޝްރޫޢުތައް ހިންގުމުގައި އެންމެ ރަނގަޅަށް މަޝްވަރާކޮށް ޚިޔާލު ނުހޯދާކަން. އެކަން ބަދަލުކުރާނަން. ރައްޔިތުން ބޭނުންވާ ކަންކަން ކައުންސިލްތަކާއި ރައްޔިތުންގެ ގާތުން އޮޅުން ފިލުވައިގެން ކުރިއަށްގެންދާނީ. ރައްޔިތުންގެ ބައިވެރިވުމާއެކު ގެންދާނީ." ރައީސް ވިދާޅުވިއެވެ.

މުލަކުގެ ތަރައްޤީއަށް ކުރިއަށްގެންދަވާނެ މަސައްކަތްތަކުގެ ގޮތުގައި ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުން އެދުނުގޮތަށް މުލަކުގައި 1400 ފޫޓުގެ ބަނދަރެއް ތަރައްޤީކޮށްދެއްވާނެކަމަށެވެ. އަދި މިއީ މަސްވެރި ސަރަޙައްދަކަށްވުމާއެކު މީމު މަސްބަނދަރުގެ މަސައްކަތްވެސް އަވަސްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫޢުވެސް އަވަސްކޮށްދެއްވާނެކަމަށެވެ. އަދި ރަށުގެ ޖެޓީ މަރާމާތުކޮށްދިނުމާއި ކުނި މެނޭޖުކުރާ ފެސިލިޓީ ޤާއިމުކޮށްދިނުމުގެ އިތުރުން ރަށްގިރުމުގެ މައްސަލައަށްވެސް ހައްލު ހޯއްދަވައިދެއްވާނެކަމަށެވެ.

އަދި ރަށުގެ ސިއްޙީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކޮށްދެއްވުމާއި ޔޫތު ސެންޓަރ އަދި އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށްދެއްވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.