ޚަބަރު

ރަށްރަށުގެ ހިއްކި ބިންތަކުގައި އަސާސީ ޚިދުމަތް ޤާއިމުކޮށް، މީހުން އާބާދުކުރާނަން: ރައީސް


  • ގިނަ ރަށްރަށުގައި ހިއްކާފައި ހުރި ބިމުގައި އެއްވެސް މަސައްކަތެއް ނުކުރެވޭކަން ފާހަގަކުރެއްވި

  • ބޭނުންވާ އަސާސީ ހިދުމަތްތައް ނެތުމަކީ އެންމެ ބޮޑު މައްސަލަ

ރަށްރަށުގައި ހިއްކާފައި ހުރި ބިންތަކުގައި މީހުން އާބާދުކުރުމަށް ބޭނުންވާ ހުރިހާ އާއްމު ޚިދުމަތްތައް މި ދަޢުރުގެ ތެރޭގައި ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދ.މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މީދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބިން ހިއްކުމުގެ މަޝްރޫޢުތައް ހިންގާފައި ހުރިނަމަވެސް، އެ ބިންތަކުގެ މަންފާ ރައްޔިތުންނަށް ލިބެމުން ނުދާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދ.މީދޫގައި ހިއްކާފައި އޮތް ބިމަކީވެސް 10 އަހަރު ވެފައިވާ ބިމެއްކަމަށެވެ. އެގޮތުން 17 ހެކްޓަރުގެ ބިމުން ކޮންމެވެސް ވަރަކަށް ގޯތި ދޫކޮށްފައި ހުރިނަމަވެސް މިހާތަނަށް އެ ބިމުގައި މީހުން އާބާދުވެވޭގޮތް ވެފައިނުވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ބިމުގައި މީހުން އާބާދުވެ ދިރިއުޅުމަށް ބޭނުންވާ ހުރިހާ އަސާސީ ޚިދުމަތްތައް، ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާނެކަމަށެވެ. އެގޮތުން ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކޮށް، އެތަނުގައި މީހުން އާބާދުވުމަށް ކުރަންޖެހޭ މަސައްކަތް އަވަސްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުުވިއެވެ. އަދި ރަށުގެ ކައުންސިލުންނާއި ރައްޔިތުން އެދިފައިވާގޮތަށް، މީދޫގައި މަދުވެގެން 200 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫއު ހިންގަވައިދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ،

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްތައް ހިމެނޭހެން ކުރިއަށްގެންދިއުމަށް ސަރުކާރުން ވަޢުދުވެފައިވާ 40000 ހައުސިން ޔުނިޓްގެ މަޝްރޫޢުއާ ގުޅޭ ފަންނީ އަދި އިދާރީ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން ފްލެޓާއި ގޯއްޗާއި އަދި ގެދޮރުއެޅުމަށް ލުއި ލޯނު ދޫކުރުމުގެ އުސޫލު އެކުލަވާލުމުގެ މަސައްކަތްވެސް ފަށައިގެން ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"ބިން ހިއްކިފަ އެބަހުރި. އެކަމަކު އެތަނުގެ ބޭނުން ހިފުނުކަމަށްވަނީ އެތަނުގައި މީހުން އާބާދުވެ ދިރިއުޅެން ފެށުނީމަ. އެކަމަށް ހުރަހަކަށްވަނީ އަސާސީ ޚިދުމަތްތައް އެ ސަރަޙައްދުގަތުތަކުގައި ޤާއިމުވެފައި ނެތުން. އެހެންވީމައި މިގޮތަށް ހިއްކާފައި ހުރި ހުރިހާ ބިންތަކުގައި ފެނާއި ނަރުދަމާ، ކަރަންޓު އަދި މަގުތައް ހަދައިދޭނަން. އޭރުން އެ ބިންތަކުގައި އާބާދު ކުރެވޭނީ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީދޫގެ ބިން ހިއްކިއިރު ފަޅުތެރެއިން ހިއްކާފައި އޮތް ބިންކޮޅުވެސް، ރަށާއި އެއްގަމު މަގުން ގުޅާލަދެއްވާނެކަމަށެވެ. އަދި މީދޫގެ ބަނދަރު ރައްޔިތުން ބޭނުންވާގޮތަށް ތަރައްޤީކޮށްދެއްވައި، ރަށުގައި އައިސް ޕްލާންޓެއްވެސް ތަރައްޤީކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ސްކޫލާއި ސިއްޙީ ފަރުވާ ހަރުދަނާކުރުމާއި ރަށުގައި ކުޅިވަރު ކުޅޭނެ ފެސިލިޓީތަކާއި ކުޑަކުދިންގެ ޕާކަކާއި އޭޓީއެމްގެ ޚިދުމަތާއި އާރްޓީއެލް ފެރީގެ ނިޒާމުވެސް ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށްރަށުގައި އަންހެނުންނަށް ޚާއްސަކޮށް ހޭންޑްބޯލް ކޯޓު އެޅުމުގެ މަސައްކަތްތަކެއް އަންނަ އަހަރު ފައްޓަވައިދެއްވާނެކަންވެސް އިއުލާންކުރައްވާފައެވެ.