ޚަބަރު

ކެނދިކުޅުދޫގައި އީކޯ ޓޫރިޒަމްގެ ބޮޑު މަޝްރޫޢެއް ހިންގާނަން: ރައީސް


  • ރައީސް ވިދާޅުވީ ކެނދިކުޅުދޫއަކީ ގުދުރަތީ ވެށި ތަފާތު، ރީތި ރަށެއްކަމަށް

  • ކުޅިތައް ހިމެނޭ ސަރަޙައްދު ޙިމާޔަތްކޮށް އީކޯ ޓޫރިޒަމް ތަަރައްޤީކުރާނެ

  • ބޯހިޔާވަހިކަމުގެ މަޝްރޫޫޢު ހިންގަވާނެކަމަށް ވިދާޅުވި

ނ.ކެނދިކުޅުދޫގައި އީކޯ ޓޫރިޒަމްގެ ބޮޑު މަޝްރޫޢެއް ހިންގަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ކެނދިކުޅުދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ކެނދިކުޅުދޫއަކީ ރައީސް ރާއްޖޭގެ އުތުރުގެ 4 އަތޮޅުގެ 20 ރަށަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު ރަށެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކެނދިކުޅުދޫގެ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމޓީއާއި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. ކެނދިކުޅުދޫއަކީ 1400އަށްވުރެ ބޮޑު އާބާދީއެއް އޮތް ރަށެކެވެ.

ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ކެނދިކުޅުދޫގެ ގުދުރަތީ ވެށި އޮތްގޮތުން، މިއީ ރަށަށް އިޤްތިޞާދީ މަންފާ ވެއްދުމަށް ރަށުގެ ތިމާވެށީގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެ ރަށެއްކަމަށެވެ. މީގެސަބަބުން ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ގިނަ ފުރުޞަތުތަކެއް ރަށުގެ ރައްޔިތުންނަށް ފަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކެނދިކުޅުދޫއަކީ ރާއްޖޭގެ އެހެން ރަށްތަކާ އަޅާބަލާއިރު ގުދުރަތީ ވެށި ވަރަށް ރީތި އަދި ތަފާތު ރަށެއްކަމަށާއި އީކޯ ޓޫރިޒަމްގެ ވިޔަފާރި ފުޅާކުރުމުގެ ފުރުޞަތު ވަރަށް ބޮޑު ރަށެއްކަމަށެވެ.

ރައީސް ވިދާޅުވީ ވަޒީރުންގެ މަޖިލީހުގައި އުފައްދަވާފައިވާ "ވިޒިޓަރ އިކޮނޮމީ ކައުންސިލް"އަކީވެސް، ރާއްޖޭގައި ފަތުރުވެރިކަން ފުޅާކުރުމަށް ހުރި ފުރުޞަތުތައް ބަލާ އެމަގުން މަސައްކަތްކުރެއްވުމަށް އުފެއްދި ކައުންސިލެއްކަމަށެވެ. ކައުންސިލްގެ މަސައްކަތުގެ ތެރެއިން ކެނދިކުޅުދޫގެ އީކޯ ޓޫރިޒަމް މަޝްރޫޢު ކުރިއަށްގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ގުދުރަތީ ރީތިކަން ބަލާލަން އަންނަން ބޭނުންވާ ފަތުރުވެރިން، ސަޤާފީ އަދި ތާރީޚީ ކަންކަން ބަލާލަން އަންނަ ބޭނުންވާ ފަތުރުވެރިން އެބަތިބި. ރާއްޖޭގެ މިފަދަ "އެސެޓް" ބޭނުންކުރެވޭގޮތް ފަހިކުރަން އެބަޖެހޭ މިހާރު. ކެނދިކުޅުދޫގައިވެސް އީކޯ ޓޫރިޒަމްގެ ބޮޑު، ފުޅާ ޓޫރިޒަމް ފުރުޞަތެއް ހުޅުވާލާނަން. އޭރުން ބޮޑު އާމްދަނީއެއް ލިބޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރއްިޔާ ވިދާޅުވީ މިއަހަރު ތެރޭގައިވެސް ކެނދިކުޅުދޫގެ ޢުމްރާނީ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ފައްޓަވާނެކަމަށެވެ.

ކެނދިކުޅުދޫގައި ސަރުކާރުން ކުރިއަށްގެންދެވުމަށް ނިންމަވާފައިވާ މަސައްކަތްތަކުގެ ތެރޭގައި ރަށުގެ ބަނދަރުގެ މައްސަލަ ޙައްލުކުރުމާއި ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަވައިދެއްވާނެކަމަށެވެ. އެގޮތުން ސަރުކާރުން ހައުސިން ޔުނިޓް ތަރައްޤީކޮށްދެއްވުމާއި ގެދޮރުއެޅުމަށް ލުއި ލޯނުގެ ފުރުޞަތުވެސް ހުޅުވާލައްވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުރިހާ ރަށްރަށުގައިވެސް މަގުތައް ހެދުމާއި ޞިއްޙީ އަދި ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.