ޚަބަރު

މިލަދޫގެ ތަރައްޤީއަށް މި އަހަރު ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދާނަން: ރައީސް


  • މިލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވި

  • ރައީސް ވިދާޅުވީ ފަށާފައި ހުރި މަސައްކަތްތައް އަވަސްކޮށްދެއްވާނެކަމަށް

ނ.މިލަދޫގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިއަހަރުގެ ތެރޭގައި ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިހާރު އުތުރަށް ކުރައްވަމުންދާ ދަތުރުފުޅުގެތެރެއިން ނ.މިލަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިލަދުއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިލަދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވާފައެވެ. އަދި ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މިލަދޫގެ ތަރައްޤީއަށް މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ނަތީޖާ ނެރެދޭ ސަރުކާރަކަށް މި ސަރުކާރު ވާނެކަމަށެވެ. ރައީސް ވިދާޅުވީ ރަށުގައި ޢުމްރާނީ ތަރައްޤީއާއި އާމްދަނީ ހޯދޭގޮތަކަށް އިޤްތިޞާދީ މަސައްކަތްތައް ފުޅާކުރައްވާނެކަމަށެވެ. އެގޮތުން ރަށުގެ ޢުމްރާނީ ތަރައްޤީއަށް ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމާއި ރަށުގެ މަގުތައްވެސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެކަމަށެވެ.

"ވަރަށް މުހިންމު މަގުހެދުން ރަނގަޅު ފެންވަރަށް ކުރިއަށްގެންދިއުން، ރަށްގިރުން ޙައްލުކުރުން، ގެދޮރުވެރިކަން އަދި މީގެއިތުރުން މިނޫންވެސް ފަށާފައި ހުރި މަސައްކަތް ރަށުގައި އެބަހުރި. އެ ހުރިހާ ކަންކަން ކޮށްދޭނަން."ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި ތަރައްޤީގެ ގިނަ މަސައްކަތްކަތްތަކެއް ކުރިއަށްގެންދަވާނެކަމަށެވެ. އެގޮތުން ރަށުގެ ސިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމާއި ސްކޫލްގެ ތަރައްޤީއަށް ބޭނުންވާ މަސައްކަތްތަކާއި ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމުގެ އިތުރުންވެސް ގިނަ މަސައްކަތްތަކެއް މިދަޢުރުގައި މިލަދޫގައި ކުރިއަށްގެންދަވާނެކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މި ވޭތުވެދިޔަ 3 މަސްދުވަހުގެ ތެރޭގައި އެންމެ ބޮޑު މަސައްކަތެއް ކުރީ އިޤްތިޞާދު ރަނގަޅު ހާލަތަކަށް ގެންދިއުމަށްކަމަށެވެ. އަދި އެއާއި އެކުއެކީގައި އާމްދަނީ އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްކަކާއި ތަރައްޤީގެ ގިނަ މަސައްކަތްތައްވެސް ފަށާފައިވާކަން ރައީސް ފާހަަގަކުރެެއްވިއެވެ.