ޚަބަރު

ހޮޅުދޫ މީހުން ގެދޮރުވެރިކުރުވުމަށް "ހޮޅުމީދޫ" ތަރައްޤީކުރަނީ


  • ހޮޅުދޫގެ ބިން ވަނީ ފުރިފައި

  • ބޯހިޔާވަހިކަމާއި އިޤްތިޞާދު ފުޅާކުރަން ވަނީ ދަތިވެފައި

ށ.ހޮޅުދޫގެ އިޙުތިޞާސުގައި އޮތް "ހޮޅުމީދޫ" ކިޔާފަޅުރަށް ތަރައްޤީކޮށް، ހޮޅުދޫގެ ރައްޔިތުންނަށް އާބާދުވެވޭގޮތަށް އެ ރަށް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ،މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ނ.ހޮޅުދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި މިއަދު ދެއްކި ވާހަކަފުޅުގައެވެ.

ނ.ހޮޅުދޫ ރައްޔިތުންނާއި ބައްދަލުކުރައްވަން ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހޮޅުދޫ ރައްޔިތުން ބޭނުންވާ ތަރައްޤީ މި ފަސް އަހަރުގެތެރޭގައި ރަށަށް ގެނެސްދެއްވާނެކަމަށެވެ. އެގޮތުން ރަށަށް އެންމެ ބޮޑު މައްސަލައަކަށްވެފައިވަނީ ބިމުގެ ޖާގައިގެ ދަތިކަންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށުގެ ފަޅުތެރެއިން ހިއްކެން އޮތް ސަރަޙައްދު މުޅިން ހިއްކައިދޭނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށުގެ ރައްޔިތުން ގެދޮރުވެރިކުރުވުމަށް ހިންގާ އެންމެ ބޮޑު މަޝްރޫޢު ހިންގާނީ ހޮޅުދޫގެ އިޙުތިޞާސުގައި އޮތް ފަޅު ރަށެއްކަމަށްވާ ހޮޅުމީދޫގައިކަމަށެވެ. އަދި އެ ރަށް ތަރައްޤީކުރައްވާއިރު ހުރިހާ އަސާސީ ޚިދުމަތްތައް ރަނގަޅު ފެންވަރުގައި ޤާއިމުކުރައްވާނެކަމަށްވެސް ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވިއެވެ.

"ރަށުގެ އިޙުތިޞާދުގައި އޮތް ހޮޅުމީދޫ ރަށުގެ ބައެއްގެ ގޮތުގައި ހިމަނާ އެތަނަށް ބޭނުންވަ ހުރިހާ އިންފްރާސްޓްރަކްޗަރ ޤާއިމުކުރާނަން. އެތަނަށް ބޭނުންވާ ޕްލޭން ހަދާނަން. ބޯހިޔާވަހިކަން، ޔުޓިލިޓީ އަދި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ގެންނަން." ރައީސުލްޖުމްހޫރިއއްޔާ ވިދާޅުވިއެވެ.

ތައުލީމް ފޯރުކޮށްދޭތާ އެތައް ޒަމާނެއްވެފައިވާ ހޮޅުދޫ މޭނާ ސްކޫލާި ގުޅޭގޮތުން ވާޙަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ
މޭނާ ސްކޫލް އަލުން ބިނާކޮށް، މިހާރަށްވުރެ ފުޅާކޮށް ތަޢުލީމު ދެވޭގޮތަށް އިމާރާތެއް ތަރައްޤީކޮށްދެއްވާނެކަމަށެވެ. އަދި ރަށުގައި ތިބެގެން މަތީތަޢުލީމަށް ކިޔެވޭނެ ގޮތް ފަހިކޮށްދެއްވާނެކަމަށެވެ.

މީގެއިތުރުންވެސް ރަށްގިރުމުގެ މައްސަލައާއި ބަނދަރު މައްސަލަ ޙައްލުކުރުމާއި، މަގުހެދުމުގެ މަސައްކަތް އަވަސްކުރުމާއި ރަށުގެ ފެން ތަޣައްޔަރުވުމުގެ މައްސަލަވެސް ޙައްލުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.