ޚަބަރު

އިޤްތިޞާދީ ފުރުޞަތުތަކާއެކު ކަނޑިތީމުގައި ތަރައްޤީގެ ގިނަ ޕްރޮޖެކްޓްތައް ހިންގާނަން: ރައީސް


  • ރައީސް ވިދާޅުވީ މިފަހަރުގެ ބަޖެޓުން ލިބުނީ ހަނި ފުރުޞަތެއްކަމަށް

  • ކަނޑިތީމުގެ ބަނދަރާއި ސިއްޙީ ދާއިރާގެ މައްސަލަ ޙައްލުކޮށްދެއްވާނެކަމަށް

  • މަގުހެދުމާއި ކުޅިވަރު ފެސިލިޓީވެސް ޤާއިމުކޮށްދެއްވާނެކަމަށް ވިދާޅުވި

ޢިޤްތިޞާދީ ފުރުޞަތުތައް ހިމެނޭހެން، އިސްކަންދޭ ތަރުތީބުން ކަނޑިތީމުގެ ތަރައްޤީއަށް މިދަޢުރުގެ ތެރޭގައި ގިނަ މަސައްކަތްތައް ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ.ކަނޑިތީމަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވަނީ ކަނޑިތީމުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވާފައެވެ. އަދި ރަށުގެ ރައްޔިތުންނާވެސް ވަނީ ބައްދަލުކުރައްވާފައެވެ.

ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނިމުނު ސަރުކާރުން ހުށައަޅާ މިއަހަރަށް ކަނޑައެޅި ބަޖެޓުގައި، އައު ސަރުކާރަށް ލިބުނީ ވަރަށް ހަނި ފުރުޞަތެއްކަމަށެވެ. ކުރީގެ ސަރުކާރުން ބަޖެޓުގައި ގިނަ މަޝްރޫޢުތަކެއް ޖަހާފައިވީނަމަވެސް، ގިނަ ޕްރޮޖެކްޓްތައް ހިންގުމަށް ބަޖެޓުގައި ހިމަނާފައި އޮތީ ވަރަށް ކުޑަ ފައިސާކޮޅެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އައު މަޝްރޫޢުތައް ޢަމަލީގޮތުން ފެށުމާއި އަދި މިހާރު ރަށްރަށުގައި ފަށައިގެން ކުރިއަށްގެންދާ ގިނަ މަޝްރޫޢުތައް ނިމޭވަރަށްވެސް ބަޖެޓުގައި ފައިސާ ޖަހާފައި ނެތްކަމަށެވެ.

"އައު ސަރުކާރުން ކުރަން ބޭނުން ވަރަށް ގިނަ މަސައްކަތްތައް ބަޖެޓުގައި ހިމަނަން ހުށައެޅިން. އެހެންނަމަވެސް މަޖިލީހުން އެކަށީގެންވާ ގޮތުގައި އެ ފުރުޞަތު ނުލިބުނު. އައު ސަރުކާރުގެ މަޝްރޫޢުތައް ބަޖެޓުގައި ހިމަނަން ލިބުނީ ކުޑަ ފުރުޞަތެއް. މިދިޔަ ސަރުކާރުން ހިމެނި މަސައްކަތްވެސް ހުރީ ވަރަށް ކުޑަ ބަޖެޓަކާއެކު. މަސައްކަތްތައް ޢަމަލީގޮތުން ފަށާ، ނިންމޭވަރަށްވެސް ބަޖެޓު ނެތް ހިމަނާފަ." ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ކަނޑިތީމުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާނެ މަސައްކަތްތައް ރައްޔިތުނާއި ޙިއްސާކުރައްވާފައެވެ. ރައީސް ވިދާޅުވީ ކަނޑިތީމު ބަނދަރުގައި ހުރި މައްސަލަތައް ޙައްލުކޮށްދެއްވާނެކަމަށެވެ. އަދި ރަށުގެ ސިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ޑޮކްޓަރުންނާއި ޚިދުމަތްތައް އިތުރުކުރެއްވުމަށް އިސްކަންދެއްވާނެކެމަށެވެ.

މީގެއިތުރުންވެސް ރަށުގެ މަގުތައް ހެދުމާއި ސްކޫލަށް ބޭނުންވާ ޖާގަ އިތުރުކުރުމާއި ކުޅިވަރު ފެސިލީޓީ ޤާއިމުކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން އެ ސަރަޙައްދުގައި ރިސޯޓްތައް އިތުރުކުރުމާއި އިޤްތިޞާދީ ފުރުޞަތުތައް އިތުރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.