ޚަބަރު

ނޮޅިވަރަންފަރު ތަރައްގީކުރާނީ އެއް ފަސްކުރުމުގެ ވިސްނުން ބަހައްޓައިގެން: ރައީސް


  • ރައީސް ވިދާޅުވީ ނޮޅިވަރަންފަރަކީ އެއްފަސްކުރުމުގެ ސިޔާސަތު ފުރިހަމައަށް ތަންފީޒުކުރެވޭނެ ފުރުޞަތު އޮތް ރަށެއްކަމަށް

  • އިޤްތިޞާދީ އަދި ޢުމްރާނީ ގިނަ މަސައްކަތްތަކެއް އެރަށުގައި ކުރިއަށް ގެންދަވާކަމަށް ވިދާޅުވި

ހދ.ނޮޅިވަރަންފަރަކީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މީހުން ބަދަލުކުރެވޭނެ ރަށެއްކަމަށާއި، ސަރުކާރުން އެ ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގާނީ އެ ވިސްނުމުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންހދ.ނޮޅިވަރަންފަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައިސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ތަރައްގީގެ މަޝްރޫޢުތައް ހިންގާއިރު އެކަމުގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި، ވީހާވެސް ގިނަ ރައްޔިތުންނަށް ފޯރުކޮށްދެވޭގޮތަށް ޚިދުމަތްތައް ބައްޓަންކުރުމަކީ ސަރުކާރުގެ ޢަމާޒުކަމަށެވެ. އަދި ނޮޅިވަރަންފަރަކީ އެއްފަސްކުރުމުގެ ސިޔާސަތު، މެދުރާސްތާގައި އަދި ދުރުރާސްތާގައިވެސް ކުރިއަށްގެންދޭވެނޭ ފުރުޞަތު އޮތް ރަށެއްކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ. އެގޮތުން މިފަދަ ބޮޑު މަސައްކަތެއް ކުރުމަށް ބޭނުންވާ ބިމާއި އަދި ބޭނުންވާ ޝަރުތުތައް ރަށުގައި ފުރިހަމަވާކަންވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނޮޅިވަރަންފަރުގައި ދެން ކުރަން އޮތް މަސައްކަތަކީ ސަރުކާރުން ފޯރުކޮށްދޭންޖެހޭ ޢުމްރާނީ ވަސީލަތްތައް ރަށުގައި ޤާއިމުކުރުމާއި ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް ދޭނެ އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދިނުންކަމަށެވެ. އަދި މި ސިޔާސަތުގެ ދަށުން ރަށުގައި ޢުމްރާނީ ތަރައްޤީގެ ވަސީލަތްތައް ފުރިހަމަކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އެއްފަސްކުރުމަށް ވިސްނާއިރު އެބަ ބަލަން ބިމުގެ ޖާގަ އޮތް މިންވަރު، ބިން އިތުރަށް ބޮޑުކުރެވޭނެތޯ ޚިދުމަތްތަކާއި އިޤްތިޞާދު ރަށުގައި ކުރިއެރުވުމުގެ ފުރުޞަތު އޮތް މިންވަރު. އުމްރާނީ ތަރައްޤީއާއި ދެމެހެއްޓެވިނި ތަރައްޤީ ގެނެވޭނެ މިންވަރު އެބަ ބަލަން. މި ހުރިހާ ކަމެއް މު ރަށުގައި ފުރިހަމަވޭ، މިއީ އެކަމަށް އެންމެ ރަނގަޅު ރަށެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނޮޅިވަރަންފަރަކީ އާބާދީ އިތުރުވަމުން އަންނަ ރަށަކަށްވުމާއެކު ރަށުގައި ބޯހިޔާވަހިކަމަށް ބެނުންވާ މަޝްރޫޢުތައް ހިންގަވައިދެއްވާނެކަމަށެވެ. އަދި ރަށަށް ހިޖުރަކުރުމުގެ ވިސްނުން ގެންގުޅޭ ފަރާތްތަކަށް، ދުރު ރާސްތާގައި ސަރުކާރުގެ އެހީތެރިކަމާއެކު އެކަމަށް މަގުފަހިކޮށްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށުގައި ޓުއަރިޒަމް ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ 14 ހެކްޓަރުގެ ބިން، ކައުންސިލް މެދުވެރިކޮށް މަޝްރޫޢުތައް ހިންގުމަށް ދޫކުރެވޭނެގޮތަށް ބަދަލުކޮށްދެއްވާނެކަމަށެވެ.

ނޮޅިވަރަންފަރުގެ ތަރައްޤީއަށް ސަރުކާރުން ކުރެއްވުމަށް ނިންމަވާފައިވާ މަސައްކަތްތަކުގެ ތެރޭގައި ރަށުގެ ބަނދަރުން ލަފާފުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީގެއިތުރުން ރަށުގެ މަގުތައް ތާރު އަޅާ ތަރައްޤީކޮށްދެއްވުމާއި ސިއްޙީ ޚިދުމަތް ތަރައްޤީކުރުމާއި ސްކޫލްގެ ޖާގައިގެ މައްސަލަ ޙައްލުކުރުމާއި ރަށުގައި ތިބެގެން ބޭންކިން ޚިދުމަތް ލިބޭގޮތަށް ބޭކް ބްރާންޗެއް ޤާއިމުކުރުމުގެ އިތުރުން ކުޅިވަރު ކުޅެވޭ ރަނގަޅު ފެސިލިޓީއެއް ރަށުގައި ޤާއިމުކޮށްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނޮޅިވަރަންފަރަކީ މީގެކުރިންވެސް އެއް ފަސްކުރުމުގެ ސިޔާސަތުގެ ދަށުން މީހުން އާބާދުކޮށްފައިވާ ރަށެކެވެ. އެގޮތުން މައިވައިދޫ، ކުނބުރުދޫ އަދި ފަރިދޫ މީހުން އެރަށަށް ހިޖުރަކޮށް، އަންނަނީ ދިރިއުޅެމުންނެވެ. އެ 3 ރަށުގެ މީހުން ނޮޅިވަރަންފަރަށް ހިޖުރަކޮށްފައިވަނީ 2010 އަދި 2011 ވަނަ އަހަރުއެވެ..