ޚަބަރު

ވަށަފަރު ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަށާނަން: ރައީސް


  • ބިން ހިއްކުން މަޝްރޫޢު އިސްކަންދޭ މަސައްކަތުގައި ހިމަނުއްވާނެކަމަށް

  • ރަށުގައި ޢިޤްތިޞަދީ ފުރުޞަތު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވި

  • ފެނާއި ނަރުދަމާ މަސައްކަތް އަވަސްކުރައްވާނެކަމށް ރައީސް ވިދާޅުވި

ވަށަފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އުތުރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަށަފަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، މި ދަތުރުފުޅުގެ ތެރެއިން ވަނީ ވަށަފަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވާފައެވެ. އަދި ރަށުގެ ރައްޔިތުންނާއި އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުޑަ ރަށެއް، ބޮޑު ރަށެއް ބެލުމެއްނެތި ސަރުކާރުން ފޯރުކޮށްދެންޖެހޭ ޚިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދެއްވާނެކަމަށެވެ. އެގޮތުން ވަށަފަރުގައިވެސް ގިނަ މަޝްރޫޢުތަކެއް ހިންގަވައިދެއްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ކައުންސިލުންވެސް އަދި ރައްޔިތުންވެސް ފާހަގަކުރައްވާގޮތުގައި އެ ރަށަށް މިވަގުތަށް އެންމެ ބޭނުންވެފައިވާ ކަމަކީ ބިމުގެ ޖާގައިގެ މައްސަލަ ޙައްލުވުންކަމަށެވެ. އަދި އެކަން ސަރުކާރުން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސް ވިދާޅުވިއެވެ.

ވަށަފަރަކީ ގާތްގަނޑަކަށް 900 އެއްހާ މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. އޭގެތެރެއިން އަމިއްލަ ބޯހިޔާވަހިކަން ބޭނުންވާ 160 އެއްހާ މީހުން މިހާރުވެސް ތިބިކަމަށް ކައުންސިލުންވެސް ފާހަގަކުރައްވައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަށަފަރަށް އިސްކަންދެއްވާ މަޝްރޫޢުގެ ގޮތުގައި ބިން ހިއްކަވާދެއްވާނެކަމަށާއި، އެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށްޓަވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ވިދާޅުވިއެވެ.

"ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ހިންގައިދޭނަން. ރައްޔިތުން އެދޭގޮތަށް މި ޕްރޮޖެކްޓް ގެންގޮސްދޭނަން. އަދި ރަށުގައި މަޑުޖެހިފައި އޮތް ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތްވެސް ވީހާވެސް އަވަހަށް ނިންމާ ޚިދުމަތް ލިބޭނެ ގޮތް ހަދައިދޭނަން." ރައީސް ވިދާޅުވީއެވެ.

މީގެއިތުރުން ރަށު ފެންވަރުގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރުމާއި، ސްކޫލްގެ މަލްޓި ޕަރޕަސް ހޯލްގެ މަސައްކަތާއި އަދި ކުނި މެނޭޖުކުރެވޭނެ ޒަމާނީ ނިޒާމު ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ވަށަފަރުގައި ރައްޔިތުންނަށް އާމްދަނީ ލިބޭނެ ޚިދުމަތްތަކެއް ޤާއިމުކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެ ފަހުން ފާސްކުރި ބަޖެޓުގައި މަޝްރޫޢުތަކަށް ހިމަނާފައި ހުރީ ވަރަށް ކުޑަ ފައިސާކޮޅެއްކަމަށެވެ. މީގެސަބަބުން އަހަރު ނިމިގެންދާއިރުވެސް ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ފެށިގެން ނުދާކަމަށެވެ. އައު ސަރުކާރުގައި ބަޖެޓުގައި ޕްރޮޖެކްޓްތައް ހިމަނާއިރު، ޕްރޮޖެކްޓްތައް އަވަހަށް ފުރިހަމަކުރެވޭނެ ފައިސާއާއެކު ހިމަނުއްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.