ޚަބަރު

މިފްކޯގެ މައްސަލަތައް ޙައްލުވުމާއެކު ބޭރުގެ އިންވެސްޓަރުން އަންނާނެ: ޝިޔާމް


  • މިފްކޯ ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތްދަނީ ކުރަމުން

  • މިފްކޯގެ މައްސަލަތައް ޙައްލުވުމުން ބޭރުގެ އިންވެސްޓަރުން މަސްވެރި ސިނާޢަތަށް ޝައުގުވެރިވާނެ

  • މިހާތަނަށް 522 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވޭ

ބޭރުގެ އިންވެސްޓަރުން، ޝައުގުވެރިވާ ސިނާޢަތަކަށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ހެދުމަށް މިފްކޯ ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އުތުރުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިހަވަންދޫގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ބަދަލުވެގެންދާނީ ސަރުކާރުގެ މަސްކުންފުނި، މިފްކޯއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރެވިގެންކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި މިފްކޯ ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިފްކޯގެ މައްސަލަތައް ޙައްލުވެގެންދާއިރު ބޭރުގެ އިންވެސްޓަރުން ޝައުގުވެރިވާ ސިނާޢަތަކަށް ދިވެހި މަސްވެރިކަމުގެ ސިނާޢަތް ވެގެންދާނެކަމަށެވެ.

"ކުރިއަށް މިއޮތް 5 އަހަރު ނިމިގެންދާއިރު އަޅުގަނޑުމެން މިފްކޯއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރާނަން. އެއީ ރާއްޖޭގައި އެންމެ ގިނައިން މަސްގަނެ މަސްބޭރުކުރާ ކުންފުނި، އެހެންކަމުން މިފްކޯ ރީސްޓްރަކްޗަރކޮށްނިމޭއިރު ބޭރުގެ އިންސްވެޓަރުން މަސްވެރިކަމުގެ ސިނާޢަތަށް އިންވެސްޓްކުރާނެ." ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާޢަތަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަސްވެރިންނަށް ނުދެވި ހުރި އެތައް ސަތޭކަ މިލިއަން ރުފިޔާގެ ބެކްލޮގްކަން ފާހަގަކުރައްވާ ވަޒީރުވަނީ އެކަމުގެ އެންމެ ފަހުގެ ތަފްޞީލު ހިއްސާކުރައްވާފައެވެ. އެގޮތުން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 24 ގެ ނިޔަލަށް 522 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެތެރޭގައި މަސްވެރިންނަށް ދޫކުރެވިފައިވާ ތެލާއި، ކްރެޑިޓަށް ދޫކުރެވިފައިވާ އައިސް ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކުވެސް މަސްވެރިކަން ކުރަމުން އަންނަ ރާއްޖޭގެ މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގެއް އަދިވެސް އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.