ޚަބަރު

އައްޑޫގައި ފަތުރުވެރިކަމުގެ ޒޯންތައް ތަރައްޤީކުރަން ފަންޑު ހަމަޖައްސައިދޭނަން: ފައިޞަލް


  • އައްޑޫގައި ތިބި ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުންނާއި ވަޒީރު ބައްދަލުކުރެއްވި

  • ފަތުރުވެރިކަމަށް ބޭނުންވާ ފަންޑު ހަމަޖައްސައިދެއްވާނެކަމަށް ވިދާޅުވި

އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ އެކި ބޭނުންތަކަށް، ދޫކޮށްފައިވާ ސަރަހައްދުތައް ތަރައްޤީކުރުމަށް ފަންޑު ހަމަޖެއްސެވުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ. ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި، އެސީޓީގައި ތިބި ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުންނާއި އެދާއިރާގެ ގިނަ ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުން އެނގިވަޑައިގެންނެވި އެއްކަމަކީ ފަތުރުވެރިކަމުގެ އެކި ބޭނުންތަކަށް އައްޑޫން ދޫކޮށްފައިވާ ބިންތައް ތަރައްޤީކުރުމަށް މިދިޔަ ސަރުކާރުތަކުން އެންމެ އެދެވޭގޮތުގައި މަގުފަހިކޮށްދެއްވާފައި ނުވާކަން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިކަމަށް ހައްލެއް ގެނެސް، އެ ފަރާތްތަކަށް ބިން ތަރައްޤީކުރުމަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"[ސްޓޭކްހޯލްޑަރުން] އެބޭފުޅުން ފާހަގަކުރެއްވި އައްޑޫގައި ޓުއަރިޒަމް ޒޯންތަކެއްގެގޮތުގައި ކަނޑައަޅައި ދެވިފައިހުރި ބިންތަކެއްގެ ވާހަކަ. ބިންތައް ހުރީ ދެވިފައި އެހެންނަމަވެސް ފަންޑުގެ މައްސަލަ ދިމާވެފައި އޮތީ. އެ ތަންތަން ޑިވަލޮޕްކުރުމަށް ބޭނުންވާ ފަންޑު ސަރުކާރުގެ ތެރެއިން ހަމަޖެއްސުމުގެ މަސައްކަތް އަޅުގަނޑު ވަރަށް އަވަހަށް ފަށާނަން." ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ފައިޞަލް ވަނީ އައްޑޫގައި ކުރިއަށް ގެންދާ "އައްޑޫ އައްސޭރި ޓުއަރިޒަމް ޑިވަލޮޕްމެންޓް" ޕްރޮޖެކްޓާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. އައްސޭރި ޓުއަރިޒަމް ޕްރޮޖެކްޓަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއްކަމަށާ، އެމަނިކުފާނުގެ އިރުޝާދުގެ ދަށުން އެމަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އައްޑޫ އައްސޭރި ޓުއަރިޒަމް ޑިވަލޮޕްމެންޓް ޕްލޭން" އިފްތިތާޙުކުރެއްވީ ވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިންނެވެ. މިޕްލޭން އިފްތިތަޙުކުރެއްވީ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލާއި އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި "އައްޑޫ އައްސޭރި ޓުއަރިޒަމް ޑިވަލޮޕްމެންޓް ޕްލޭން" ކުރިއަށް އޮތް 5 އަހަރު އައްޑޫ ސިޓީގެ ޓުއަރިޒަމް ތަރައްޤީކުރުމަށް ހާސިލުކުރާނެ ކަންކަން ހިމަނާފައިވާނެކަމަށެވެ.