ޚަބަރު

ވިލިނގިލީގައި ބައިނަލްއަޤުވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރަން ހަވާލުކޮށްފި


  • މި މަސައްކަތް ހަވާލުކޮށްފައިވަނީ ބެލްޖިއަމްގެ ކުންފުންޏަކާ

  • އެއަރޕޯޓާއެކު ފަތުރުވެރިކަމުގެ މަޝްރޫޢެއް ހިންގާނެ

  • މިއީ 500-700 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤީކުރުމަށް ބެލްޖިއަމްގެ ކުންފުންޏަކާއި ސަރުކާރުން ހަވާލުކުރައްވައިފިއެވެ. މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ދެކުނަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި، ގއ.ވިލިނގިލީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރައްސްމިއްޔާތުގެ ތެރެއިންނެވެ.

ގއ.ވިލިނގިލީގެ ބިން ހިއްކުމާއި ރަށުގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤީކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެމަނިކުފާނު އެކަން އިޢުލާނުކުރެއްވީ ކެމްޕެއިންގެ ތެރެއިން މިދިޔަ އޮގަސްޓްމަހު ވިލިނގިއްޔަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ވިލިނގިލީ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ބްރިޖް ޚަލީފާ އެޅުމުގައި ހަރަކާތްތެރިވި ކުންފުންޏެއް ކަމަށްވާ، އެން.ވީ.ބީސިކްސް ކުންފުންޏާއެވެ. މިކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބުއެވެ. ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ ބީސިކްސް ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ މރ.ސަރވް ޑޮލްމަންސްއެވެ.

މިމަޝްރޫޢުގައި ކުރިއަށްދާނެ މައިގަނޑު މަސައްކަތަކީ ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި ގއ.އަތޮޅުގައި ޓޫރިޒަމް ސިނާޢަތު ކުރިއެރުވުމަށް އިންވެސްޓްކޮށް ތަރައްޤީކުރުމެވެ. މިމަޝްރޫޢުގެ ދަށުން 2.2 ކިލޯ މީޓަރުގެ ރަންވޭއަކާއި، ޓްރާންސިޓް ހޮޓަލެއްގެ އިތުރުން އިންޓަރނޭޝަނަލް އެއަރޕޯޓެއްގައި ހިމެނޭ ހުރިހާ ވަސީލަތެއް ތަރައްޤީ ކުރާނެއެވެ. މީގެ އިތުރުން މަތީ ފަންތީގެ ރިޒޯޓުތަކާއި، ހޮޓާތަކާއި ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. މިއީ 500މިލިއަން ޑޮލަރާއި 750 މިލިއަން ޑޮލަރާއި ދެމެދުގެ އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

މިޕްރޮޖެކްޓްގައި އެއަރޕޯޓް ތަރައްޤީކުރަނީ ރަށުގެ ފަޅުން ބިން ހިއްކައިގެންނެވެ. މި މަޝްރޫޢު ވެގެންދާނީ ރަށުގައި ހިންގޭނެ އެންމެ ބޮޑު މަޝްރޫޢަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ.

މުޅި ހުވަދުއަތޮޅުގައި ޑޮމެސްޓިކް 4 އެއަރޕޯޓް އަންނަނީ ހިންގަމުންނެވެ. އޭގެތެރެއިން ގއ.އަތޮޅުގައި ހިންގާ ހަމައެކަނި އެއަރޕޯޓް ކޫއްޑޫ އެއަރޕޯޓް ހިންގަމުންދަނީ އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ.

ރައީސްގެ ވިސްނުންފުޅަކީ ވިލިނގިލީގައި އެއަރޕޯޓް ތަރައްޤީކޮށް ބޭނުންކުރަން ފެށުމުން، މިހާރު މި ސަރަޙައްދުގައި ބޭނުންކުރަމުންދާ ކޫއްޑޫ އެއަރޕޯޓް ޓްރެއިނިން އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރުމަށެވެ.

އެއަރޕޯޓާއެކު މި ސަރަޙައްދުގައި ހިންގާ އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫޢުގެ ދަށުން 10000 އެނދު މި އަތޮޅުގައި ތަރައްޤީކުރުމަކީ އެމަނިކުފާނުގެ ވިސްނުންފުޅުކަމަށް ކެމްޕެއިން ތެރޭގައި ރައީސް ވަނީ ވިދާޅުވެފައެވެ. މިއީ ފަޅުރަށްތައްވެސް ގިނަ އަތޮޅެކެވެ.

މި އަތޮޅުގައި މީހުން ދިރިއުޅޭ 9 ރަށް އޮންނައިރު އަތޮޅުގެ އާބާދީ 10000އާއި ގާތްކުރެއެވެ. މި މަޝްރޫޢުތަކާއެކު ރަށާއި، އަތޮޅުގައި ތިބެގެން އާމްދަނީ ހޯދޭނެ ގިނަ ފުރުޞަތުތަކެއް ރައްޔިތުންނަށް ފަހިވެ އިޤްތިޞާދީގޮތުން ބޮޑެތި ކުރިއެރުތަކެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.