ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް ބާއްވާ "ރިވެލި" ފެސްޓިވަލް މިއަދު ފަށަނީ


  • މި ފެސްޓިވަލް މިއަދާއި މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެ

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސްޓޭޖު ހަރަކާތްތައް ކުރިއަށްދާނެ

  • މަސައްކަތްތެރިކަން ދައްކާލުމުގެ މަޢުރަޒާއި، އެކި ކުޅިވަރުތައް އޮންނާނެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ފަންނުވެރިކަން އާންމުންނަށް ދައްކާލާ، އެފަރާތްތައް ބާރުވެރިކުރުމަށް "ރިވެލި" މި ބްރޭންޑްގެ ދަށުން ބާއްވާ ކާނިވަލް ފަށާނެއެވެ. މި ކާނިވަލް ކުރިއަށްދާނީ މިއަދާއި މާދަމާ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވީ މި ކާނިވާ ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުވެރިން ފާހަގަކޮށް، މި ހުނަރުވެރިކަމާއި، މަސައްކަތްތެރިކަން ދައްކާލުމަށް ލިބޭ ފުރުޞަތުތައް އިތުރަށް ފުޅާކޮށްދިނުމެވެ. އަދި މިފަދަ އިޖުތިމާޢީ ހަރަކާތެއްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއް ހޯދައިދިނުމެވެ.

މި ކާނިވާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި، ފެބްރުއަރީ މަހުގެ 15 އަދި 16 ގައި ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. މި ދެ ދުވަހުގެ ހަވީރު 16:00-18:00 އަށް އަދި ރޭގަނޑުގެ 20:00-22:00 އަށް ކާނިވަލްގެ ހަރަކާތްތައް ކުރިއަށްދާނެއެވެ. މި ކާނިވަލުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސްޓޭޖު ހަރަކާތްތަކާއި، މަސައްކަތްތެރިކަން ދައްކާލުމުގެ މަޢުރަޒާއި، އެކި ކުޅިވަރުތަކާއި، މަޢުލޫމާތު ޑެސްކްތަކުގެ ޒަރީޢާއިން ކަމާބެހޭ މަޢުލޫމާތު ދިނުން ހިމެނެއެވެ.

މިކާނިވަލުގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް އިޤުތިޞާދީ ގޮތުން ބާރުވެރިކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމަށް، ރާއްޖޭގެ އެކި ކުންފުނިތަކުގައި އެފަދަ ފަރާތްތަކަށް ހުރި ވަޒީފާގެ ފުރުޞަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދެވިގެންދާނެއެވެ. އަދި ސަރުކާރުގެ އެކި މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅުންހުރި މަޢުލޫމާތުތައް އެއް މާޙައުލަކުން ފޯރުކޮށްދެވިގެންދާނެކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެ ވުޒާރާއިން ވިދާޅުވީ މިހާތަނަށް ބޭއްވިފައިވާ "ރިވެލި" މައުރަޒުތަކުގައި އިސްކަމެއް ދެވިފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި މަސައްކަތްތެރިކަން ދައްކާލުމަށެވެ. ނަމަވެސް، މިއަހަރުގެ ރިވެލި ކާނިވަލަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގައި ޝާމިލްކުރުމުގެ މަސައްކަތް ފުޅާކޮށް، ޢާއިލީ ވެއްޓެއްގައި މުނިފޫހިފިލިވުމުގެ އެކި ހަރަކާތްތައް ހިމެނޭހެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ފުރުޞަތުތަކާއި، އެފަރާތްތަކަށް ބޭނުންވާ އެކި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދެވޭ ކާނިވަލެއްކަމަށް ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ކާނިވަލުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިޖުތިމާޢީ ހަރަކާތްތަކުގައި ޝާމިލްވެވޭ މިންވަރު އިތުރު ވެގެންދާނެކަމަށާއި އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހުނަރު ދައްކާލުމަށް އިތުރު މަގެއް ލިބި، އެފަރާތްތަކުގެ މަސައްކަތްތެރިކަން މާކެޓުކުރުމަށް ހުޅުވާލެވޭ މި ފުރުޞަތުގެ ސަބަބުން އެފަރާތްތަކަށް އިޤްތިޞާދީގޮތުން ފުދުންތެރި ބަޔަކަށް ވުމަށް މަގުފަހި ވުމަކީވުމަކީވެސް މި ކާނިވާ އިންތިޒާމްކުރުމުގެ އެއް ބޭނުމެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން ކަމާއި ގުޅުންހުރި އެންމެހާ މުއައްސަސާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލާބައާއި މަންފާއަށް މަސައްކަތްކުރާ އެކި ފަރުދުންނާއި ދެމެދު އޮންނަ ގުޅުން ހަރުދަނާވެ، މިފަދަ ހަރަކާތްތައް ކުރިއަށް އޮތްތާނގައި ހިންގުމަށް އިތުރު ހިއްވަރެއް ލިބިގެންދާނެކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.