ޚަބަރު

ސަވާދީއްތަ ދަތުރުގެ ފުރަތަމަ މަންޒިލް ވ.ފުލިދޫއިން ސަޤާފީ ހޫނު މަރުޙަބާއެއް


  • މި ދަތުރުގައި 10 ޔޮޓަކުން 55 ދަތުރުވެރިން ބައިވެރިން ބައިވެރިވޭ

  • ޖުމްލަ 7 ރަށަށް ދަތުރުކުރާނެ

  • މިއީ ދިވެހިންގެ ދިރިއުޅުން ދައްކާލުމަށް ބާއްވާ ޔޮޓް ރެލީއެއް

"ސަވާދީއްތަ ދަތުރު"ގެ ފުރަތަ މަންޒިލް، ވ. ފުލިދޫއިން ދަތުރުވެރިންނަށް ދިވެހިވަންތަ ސަޤާފީ ހޫނު މަރުޚާބާއެއް ކިޔައިފިއެވެ. މި ޔޮޓް ރެލީގައި ރާއްޖޭގެ ދެކުނުގެ 7 ރަށަކަށް ދަތުރުކުރާނެއެވެ.

ސަވާދީއްތަ ދަތުރަކީ ދިވެހިންގެ ސަޤާފަތް ދައްކުވައިދޭ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރިއަށްގެންދާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ރެލީއެވެ. މިއީ ޔޮޓް ރެލީއެއްގޮތަށް ބާއްވާ މި ދަތުރުގެ 3 ވަނަ އެޑިޝަނެވެ.

10 ޔޮޓަކުން 55 ދަތުރުވެރިން ބައިވެރިވާގޮތަށް، ސަވާދިއްތަ ދަތުރު ފެށީ މާލެއަތޮޅު ކުޑަގިރިން މިމަމުގެ 10 ވަނަ ދުވަހުއެވެ. ރެލީގައި ބައިވެރިވަނީ އޮސްޓްރޭލިއާ، ޔޫކޭ، ޔޫއޭއީ، ފްރާންސް އަދި ފިންލޭންޑްގެ ޔޮޓްތަކެވެ.

ދަތުރުގެ އެންމެ ފުރަތަމަ މަންޒިލަކީ ވ. އަތޮޅު ފުލިދޫއެވެ. ފުލިދޫއަކީ އާބާދީގައި ތިންސަތޭކައެއްހާ މީހުން ދިރިއުޅޭ ރަށެކެވެ. ރަށް ކުޑަ ނަމަވެސް މިއީ ލޯކަލް ޓުއަރިޒަމްގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ރަށެކެވެ.

ސަވާދީއްތަ ދަތުރުގު ބައިވެރިންނަށް ފުލިދޫއިން ވަނީ ދިވެހިވައްތަ ސަޤާފީ މަރުޚާބާއެއް ކިޔާފައެވެ. އެގޮތުން ދިވެހިވަންތަ ހެދުމާއި ސަޤާފީ ނެށުމާއި އަދި ދިވެހި ކެއުންތައް ވަނީ ދައްކާލާފައެވެ. އަދި ރަށުގައި ހުރި ފާހަގަކޮށްލެވޭ ތަންތަނާއި، ރަށުގައި އާއްމު ޚިދުމަތްދޭ ތަންތަނާއި، ދިވެހިންގެ އާއްމު ދިރިއުޅުން ފަތުރުވެރިނަން ވަނީ ދައްކާލާފައެވެ.

މި ދަތުރުގައި ބައިވެރިވާ ފަތުރުވެރިން ހަނދާނީ ލިޔުމަކަށް ބޭނުންކުރާ "ސަވާދީއްތަ ޕާސްޕޯޓް"ގައި ފުލިދޫ ކައުންސިލުންވަނީ ސްޓޭމްޕްވެސް ޖަހާފައެވެ.

މީގެއިތުރުންވެސް މޫދު ކުޅިވަރާއި ރަށުގެ ފަރު ބަލާލުމުގެ ހަރަކާތެއް ވަނީ ބާއްވާފައެވެ. ފުލިދޫ ދަތުރު ނިންމާލާފައިވަނީ ދިވެހިންގެ ރަހަތަކާއެކު ބޭއްވި ރޭގަނޑުގެ ކެއުމަކާއި، އަދި ބޮޑުބެރުގެ ހަރަކާތްތަކާއެކުއެވެ.

ސަވާދީއްތަ ދަތުރުގެ ދެވަނަ މަންޒިލަކީ މުލަކަތޮޅު މުލިއެވެ. މީގެ އިތުރުން މި ދަތުރުގެ ތެރެއިން ލ. ގަން، ލ. ފޮނަދޫ، ގއ. ކޮލަމާފުށި، ގދ. ހޯނޑެއްދޫ، އަދި އައްޑޫ ސިޓީ ހިތަދޫއާއި ގަމަށްވެސް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

"ސަވާދީއްތަ ދަތުރު"ގެ 3 ވަނަ އެޑިޝަނ ކުރިއަށްދާނީ މިމަހުގެ 29 އާއި ހަމައަށެވެ. މިފަހަރުގެ ދަތުރަކީ، ރާއްޖޭގެ ބޮޑު 2 ކަނޑެއް ހުރަސްކުރުމުގެ އިތުރުން ފުރަތަމަ ފަހަރަށް އީކުއޭޓަރ ހުރަސްކުރާ ރެލީއަށްވާނެކަމަށް މި ހަރަކާތް އިންތިޒާމްކުރާ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެމް.އައި.ޓީ.ޑީ.ސީއިން ބުނެއެވެ.