ޚަބަރު

ރައީސް މުއިއްޒުގެ ވެރިކަމާއެކު ރާއްޖެއިން ޗައިނާއާއެކު ބާއްވާ ގުޅުމުގެ ބަދަހިކަން ހާމަވޭ: ސާޖިދާ


  • ޒަމާންވީ ގުޅުމުގެ ތެރެއިން ގިނަ ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާކަން ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން މިވީ ކުރު މުއްދަތުގެ ތެރޭގައިވެސް ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގެ ވަރުގަދަކަން ވަރަށް ބޮޑަށް ހާމަވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ޗައިނާ ސަރުކާރުން ކ.މާފުށީ ސްކޫލަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކުރުމަށް މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ ޗައިނާއަކީ ޒަމާނުއްސުރެ ރާއްޖެއާއެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެއްކަމަށެވެ. އަދި ސަރުކާރު ވެރިކަމާއި ހަވާލުވެ މިވީ މިދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ އެންމެ އިސްވެރިން ޗައިނާއަށް ވަޑައިގަތުމަކީވެސް ދެ ޤައުމުގެ ބަދަހި ގުޅުން ހާމަކޮށްދޭ ކަމެއްކަން ރައީސްގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.

"ޗައިނާއާއި ރާއްޖެއަކީ އަބަދުވެސް ވަރަށް ގާތް ދެޤައުމު. ވެރިކަމުގެ އެންމެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތް އެއް ޤައުމަކީ ޗައިނާ އަދި ރައީސްގެ ނައިބުވެސްވަނީ ޗައިނާއަށް މިމުއްދަތުގައި ވަޑައިގަންނަވާފައި. ކުރު މުއްދަތެއްގައި އެދެބޭފުޅުން ޗައިނާއަށް ވަޑައިގަތުމުން ދެޤައުމުގެ ގުޅުން ވަރަށް ބޮޑަށް ހާމަވެގެންދޭ." ސާޖިދާ ވިދާޅުވިއެވެ.

ރައީސްގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ވަނީ ޗައިނާއިން ފޯރުކޮށްދިން އެހީގެ ސަބަބުން މާފުއްޓަށް ފައިދާތަކެއް ލިބިގެންދާކަން ފާހަގަކޮށް، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގ ލީ ޒިންގ ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގައި ޚާއްސަ ބައިވެރިއެއްކަމަށެވެ. އަދި ދެޤައުމުގެ ގުޅުމަށް މިވީ 52 އަހަރުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ.

"ޗައިނާއިން ޚާއްސަ އަހަންމިއްޔަތުކަމެއްދޭ އަތޮޅުތަކުގެ ރަށްރަށުގެ ކައުންސިލްތަކާއި ގާތްގުޅުމެއް ބަދަހިކޮށް އެފަރާތްތަކަށް ބޭނުންވާ އެހީތައް ފޯރުކޮށްދިނުމަށް. ރައީސް ޑރ.މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅާއެކު ދެޤައުމުގެ ގުޅުމުގެ އައު ބާބެއް މިވަނީ ފެށިގެން ގޮސްފައި." ސަފީރު ވިދާޅުވިއެވެ.

ޗައިނާއިން މާފުށީ ސްކޫލަށް ހަދިޔާކުރި ތަކެތީގެ އަގު 625000 ރުފިޔާއަށް އަރައެވެ. އޭގެތެރޭގައި ކޮމްޕިއުޓަރާއި ލެޕްޓޮޕާއި ޕްރޮޖެކްޓަރ، ޕްރިންޓަރު، ގޮނޑިއާއި މޭޒުގެ އިތުރުން ބާސްކެޓް ބޯޅައާއި ފުޓްބޯޅަ ކުޅެން ބޭނުންވާ އެކި ސާމާނާއި، އައުޓްޑޯ ފިޓްނެސްއަށް ބޭނުންވާ ތަކެތިވެސް ހިމެނެއެވެ.