ޚަބަރު

އައްޑޫ ސިޓީން ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން ފަށައިފި


  • ގުރުއަތުލުން ކުރިއަތް ދާނީ މިއަދާއި ހޮނިހިރު ދުވަހުވެސް ކުރިއަށްދާނެ

  • ފުރަތަމަ ބުރުގައި ޖުމްލަ 1000ގޯތި ދޫކުރާނެ

  • ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތިދޭނެ

އައްޑޫ ސިޓީން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯތިތަކުގެ ގުރުއަތުލުން މިއަދު ފަށައިފިއެވެ. މި ގުރުއަތުލުން ކުރިއަށްދާނީ މިއަދާ އަންނަ ހޮނިހިރުދުވަހުވެސް ކުރިއަށްދާނެއެވެ.

އައްޑޫ ސިޓީގެ އެކި ރަށްރަށުން ދޫކުރާ 1000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. ގޯއްޗަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވިއިރު 4،160 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މީގެ ތެރެއިން 4052 މީހެއްގެ ޝަރުތު ހަމަވާ ކަމަށާއި މިއެންމެންނަށްވެސް ގޯތި ދިނުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުންވަނީ ހާމަކޮށްފައެވެ.

ކައުންސިލުން ބުނީ މިފަރާތްތަކަށް ދޭނެ ގޯތި ކަނޑައެޅުމަށް މަސައްކަތް ކުރިއަށްދަނީ ގޯތި ލިބުނު މީހުންގެ ލިސްޓާ އެއްގޮތްވާ ގޮތުގެ މަތީން ކަަމަށެވެ. އެގޮތުން މިބުރުގައި ހިތަދޫން ދޫކުރާ 500 ގޯތީގެ ގުރުއަތުލުން ބުދަ ދުވަހު ފަށާފައިވާއިރު އޭގެ ތެރެއިން 150 ފަރާތުންވަނީ ގުރުއަތުނަގާފައެވެ. މިއަދުވެސް އިތުރު 150 ގޯތީގެ ގުރުއަތު ނަގާނެކަމަށް ކައުންސިލުން ހާމަކުރެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ހުޅުދޫން ދޫކުރާ 100 ގޯޗާއި މީދޫން ދޫކުރަން ނިންމާފައިވާ 100 ގޯތީގެ ގުރުއަތު ނެގުން މިހާރު ނިމިފައިވާކަމަށެވެ. އަދި ފޭދޫން ދޫކުރާ ގޯތިތަކުގެ ގުރުއަތުނަގާ ތާރީޚެއް އަދި ކަނޑައެޅިފައި ނުވާކަމަށް އައްޑޫ ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެއް އަވަށަށް ވުރެ ގިނަ އަވަށުން ގޯތި ލިބުމަށް ޝަރުތުހަމަވި ފަރާތްތަކުގެ ތެރެއިން ގޯތި ބޭނުންވާ އަވަށް އިޚްތިޔާރު ކޮށްފައިވާ ނުވާ ފަރާތްތަކަށް ގޯތި ދޭން ހަމަޖެހިފައިވަނީ އެމީހަކު ރަށްވެހިވެފައިވާ އަވަށުން ކަމަށެވެ. އަދި އެފަރާތްތައް އެލިސްޓުގައި ހިމެނުމަށްފަހު އެހެން ލިސްޓުތަކުން އެނަންތައް އުނިކޮށްފައިވާކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ގޯތި ދޫކުރަން ނިންމާފައި ވަނީ ދެ މަރުހަލާއަކަށް ކަމަށެވެ. އެގޮތުން ފުރަތަމަ މަރުޙަލާގައި ގޯތި ދޫކުރަން ނިންމާފައިވަނީ ގޯތި ދޫކުރުމަށް ފުރުސަތު ހުޅުވާލި ހަތަރު އަވަށުން ޖުމްލަ 1000ގޯއްޗެވެ. އެއީ ހިތަދޫން 500 ގޯތި، ފޭދޫން 300 ގޯތި، ހުޅުދޫން 100 ގޯތި، އަދި މީދޫން 100 ގޯއްޗެވެ.

އަދި ލިސްޓުގައި ހިމެނޭ އެހެން ފަރާތްތަކަށް ދެވަނަ މަރުހަލާގައި ގޯތި ދޫކުރާނީ އަވަށްތަކަށް އިތުރު ކުރި ބިންތަކުގެ ލޭންޑްޔޫޒް ޕްލޭން ހަދައި ސާވޭގެ މަސައްކަތް ފުރިހަމަ ކުރުމަށްފަހު ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އަމާޒަކީ 2024 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް މިހާރު އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ހުރިހާ އެންމެންނަށް ގޯތިދޫކޮށް ނިންމުމެވެ.

33000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީގެ 6 ރަށުގެ ތެރެއިން އެންމެ ބޮޑު އާބާދީއެއް އޮތީ ހިތަދޫގައެވެ. އެރަށުގެ އާބާދީ 16،000 އިން މައްޗެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާ މުޅި އައްޑޫ ސިޓީއަށް ބަލާއިރު ހިތަދޫން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ މީގެ 21 އަހަރު ކުރިން 2002ވަނަ އަހަރުއެވެ. އަދި، ހުޅުދޫއާއި މީދޫންވެސް ގޯތިދޫނުކުރާތާ 15 އަހަރުވެފައިވާއިރު، ފޭދޫން ގޯތި ދޫނުކުރާތާ 25 އަހަރު ވަނީ ވެފައެވެ.