ޚަބަރު

ހުއްދަދޭނީ ރައްކާތެރިކަމުގެ މިންގަނޑު އެންމެ މަތީ ހެލިކޮޕްޓަރުތަކަށް: އަމީން


  • މި ޚިދުމަތް އަލުން ފެށުމަށް ރައީސް ވަނީ ނިންމަވާފައި

  • މި ޚިދުމަތް ފަށަން ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން

  • ބޭނުންކުރާނީ "ޓްވިން އިންޖީން" ހެލިކޮޕްޓަރު

ރާއްޖޭގައި ފަށަން ނިންމާފައިވާ ހެލިކޮޕްޓަރުގެ ޚިދުމަތުގައި ބޭނުންކުރާނީ ރައްކާތެރިކަމުގެ މިންގަނޑު އެންމެ މަތީ ހެލިކޮޕްޓަރުތައްކަމަށް މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން މިހެން ވިދާޅުވީ، ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް އަލުން ފެށުމަށް ސަރުކާރުން ނިންމަވާފައިވާތީ، އެކަމާއި ގުޅޭ އިތުރު ތަފްސީލްތައް ހާމަކުރައްވަމުންނެވެ.

ނަވަރާސަތޭކަ ނުވައިދިހައިގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން 1999 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ދިޔައީ ހެލިކޮޕްޓަރުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. ހަމިންބާޑުގެ ނަމުގައި އޭރު އޮޮޕަރޭޓްކުރަމުންދިޔަ ހެލިކޮޕްޓަރުގެ ޚިދުމަތް ހުއްޓާލީ އޭރު ދިމާވި ހިތާމަވެރި ހާދިސާތަކެއްގެ ސަބަބުންނެެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ގެންދަވަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތު ކުރިއަރުވައި، ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެެވެ. އެގޮތުން ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ތައާރަފުކުރުމަށް ނިންމަވައި، އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ފަށްޓަވާފައިވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށް ކުރިއަށްދާ މަސައްކަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، އެއަރޕޯޓްތައް ތަރައްޤީކުރަން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ރައްޔިތުންވެސް ބޭނުންވާކަމަށެވެ.

އަމީން ވިދާޅުވީ ހުރިހާ ސަރަހައްދެއްގައި އެއަރޕޯޓްތައް ތަރައްޤީކުރުމަށް ރައްޔިތުން ބޭނުންވަނީ ދަތުރުފަތުރު ފަސޭހަވުމުގެ އިތުރުން، ކުއްލި ޙާލަތްތަކުގައިވެސް އަަވަހަށް ކުރަންޖެހޭ ދަތުރުތަކަށް މަގުފަހިކުރުމަށްކަމަށެވެ. އެހެންކަމުން ހެލިކޮޕްޓަރުގެ ޚިދުމަތް ތައާރަފްވެގެން ދިއުމުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މީގެކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމުގައި ބޭނުންކޮށްފައިވަނީ ރާއްޖޭގެ "އެއަރ އޮޕަރޭޓަރ" ސެޓްފިކެޓެއްގައި އޮޕަރޭޓް ކުރަމުން ގެންދިޔަ ހެލިކޮޕްޓަރުތަކެއް ނޫންކަމަށެވެ. އެހެންކަމުން ސިވިލް އޭވިއޭޝަން އޮޓޯރިޓީގެ ބާރެއް އެކަމުގައި ނެތްކަމަށާއި ނަމަވެސް މިއަދުގެ ޙާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތްދޭން ސަރުކާރުން ނިންމާފައިވާއިރު، އެކަމުގައި އެންމެ ބޮޑަށް ވިސްނާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްކަމަށެވެ. އެގޮތުން މި ޚިދުމަތުގައި ބޭނުންކުރާނީ އެންމެ ރައްކާތެރި "ޓްވިން އިންޖީން" ހެލިކޮޕްޓަރުކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސްގެ ނިންމެވުމުގައި އަޅުގަނޑުމެން އެންމެންނަށް އިރުޝާދު ދެއްވީ މިކަހަލަ އައު އޮޕަރޭޝަންއެއް ފަށާއިރުގައި އެންމެ މުހިންމު ކަމަކަށްދޭންވާނެ ކަމަކީ ރައްކާތެރިކަމަށޭ. އިއްޔެ ނިންމެވި ނިންމެވުމުގައި ކަނޑައެޅިގެން އޮންނާނެ ނިންމަވާފައި ޓްވިން އެންޖީން ހެލިކޮޕްޓަރަށްށޭ ހުއްދަ ދޭންޖެހޭނީ. އަދި ޔޫކޭސީއޭގެ އޮންނާނެ ދިވެހިރާއްޖެއިން އެދިގެން ހަދާފައި ހެލިކޮޕްޓަރ އޮޕަރޭޝަންއަށް ވަރަށް އެކްސްޓެންސިވް ސްޓަޑީއެއް. އެ ސްޑަޓީގައި ހިމެނޭ ހުރިހައި ރެކޮމޮންޑޭޝަންސްތަކެއް މެންޑޭޓްކުރައްވާފައި. މިދެންނެވީ މަޖުބޫރު ކުރައްވާފައޭ އެ ހުއްދަ ކެބިނެޓުން ދެއްވީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އޭވިއޭޝަން ޤާނޫނުގެ ދަށުން އެކަންތައް ކުރުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. ނަމަވެސް އެ ޤާނޫނަކީ އޭވިއޭޝަން އިންޑަސްޓްރީ މިހާ ކުރިއަރަމުންދާ ދުވެއްޔަށް ބަލާފައި މިއަދުގެ ހާލަތައް ވަރަށް "މިސްފިޓް" ޤާނޫނެއްކަމަށެވެ. އެހެންކަމުން ޔޫރަޕިއަން ޔޫނިއަންގެ އެކްސްޕާޓުންގެ އެހީގައި މިހާރު ރާއްޖޭގެ ވައިގެ މަދަނީ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް އަލުން ޑްރާޕްޓް ކުރެވި އެޓާރނީ ޖެނެރަލް އޮފީހަށް ފޮނުވިފައިވާނެކަމަށެވެ.