ޚަބަރު

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ގެމަނަފުއްޓަށް


  • ދެން އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް

  • ކުރިއަށްއޮތް 24 ގަޑި އިރު ވެސް ވިއްސާރަކުރާނެ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ގއ، ގެމަނަފުއްޓަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ ރިކޯޑްތަކުން ދައްކައިފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު ރެކޯޑުކުރަމުންނެވެ. މެޓް އޮފީހުން ވިދާޅުވީ ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ ގއ. ގެމަނަފުއްޓަށް އެއީ 101.8 މިލިމީޓަރުގެ ވާރެއެވެ. ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެއަށެވެ. އެއީ 90.3 މިލިމީޓަރުގެ ވާރެއެވެ. ތިންވަނައަށް އެންމެ ގިނަ އިން ވާރޭ ވެހިފައިވަނީ މާލެ އަށެވެ. އެއީ 90 މިލިމީޓަރުގެ ވާރޭއެވެ.

އިއްޔެއިން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާއިރު، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މެޓުން ދަނީ ސަމާލުތައް ނެރެމުންނެެވެ.

އެއިދާރާއިން ވިދާޅުވީ، ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖެއާ ކައިރިން އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން މޫސުން ގޯސްވާނެ ކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ޢަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ވިއްސާރަ ވިލާތައް އަތޮޅުތެރެއަށް ޖެހެމުންދާ ކަމަށެވެ. މީގެ ސަބަބުން ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރާއްޖެގެ އުތުރާއި މެދުރާއްޖެތެރެއަށް ވައި ގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އުތުރާއި މެދުރާއްޖެ ތެރޭގައި ވައި ހުންނާނެ ކަމަށް ލަފާ ކުރެވެނީ 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. ރާއްޖޭގެ ދެކުނަށް ވައި ހުންނާނެކަމށް ލަފާކުރެވެނީ 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ޖެހޭނެ ކަމަށް މޫސުމާ ބެހޭ ގަުމީ އިދާރާ ، މެޓޮ އޮފީހުން ލަފާކުރެއެވެ.