ޚަބަރު

ތަރިކަ ބެލެހެއްޓޭނެ ފަންނީ ދިވެހި ޒުވާނުންގެ ގްރޫޕެއް އުފައްދަނީ


  • ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި އާސާރުތައް އެބަހުރި

  • ދިރާސާ ކުރުމާއި އާބާތުރަފިލުމުގެ މަސައްކަތް މިހާރު ކުރަނީ ބޭރުގެ ފަންނީ މީހުން

  • 60 ޒުވާނުންގެ ގްރޫޕެއް އުފެއްދުމަކީ ސަރުކާރުގެ ޢަމާޒު

ރާއްޖޭގައި ހުރި އާސާރުތައް އާބާތުރަފިލުވާ އިއާދަކުރަން ދަންނަ ދިވެހިން ނެތުމަކީ މިއަދު އެކަމާމެދު ވަރަށް ބޮޑަށް ވިސްނާ ފިޔަވަޅު އަޅަންޖެހިފައިވާ ބޮޑު މައްސަލައެއްކަމަށް ދިވެހިބަހާއި ސަޤާފަތާ ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ މި ފަސް އަހަރު ނިމިގެންދާއިރު، ތަރިކަ ދިރާސާކޮށް އިއާދަކުރާނެ ދިވެހި ޒުވާނުންގެ ގްރޫޕެއް ރާއްޖޭގައި އުފެއްދުންކަމަށެވެ.

ދިވެހި ރާއްޖެއަކީ މުއްސަނދި ތަރީޚެއް އޮތް ޤައުމެކެވެ. ދިވެހި ތާރީޚުގައި ހިންގާފައިވާ މުހިންމު ގިނަ ހާދިސާތަކައި، ފެންނަން ހުރި ތަރިކަ އެކަންކަމަށް ހެކިދެއެވެ. ހޭލުންތެރިކަން ކުޑަވުމާއި، އެކަންކަމަށް ދޭންވާން ސަމާލުކަން ކުޑަވުމުގެ ސަބަބުން ބައެއް ރަށްރަށުގައި މިގޮތަށް ހުރި އެތަށް ތަރިކައެއް އުވިގޮސްފައިވެސްވެއެވެ.

ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާ ސަރުކާރުން އުފެއްދި އެންމެ މުހިންމު މަޤުޞަދަކީ ގެއްލެމުން ނެތެމުންދާ ދިވެހިންގެ ދިވެހި ވަންތަކަމާއި ދިވެހި ތާރީޚު އަލުން އިޢާދަކުރުމަށެވެ. ޤައުމީ ލޯބި ހިތްތަކުގައި އަށަގަންނުވާ، މިކަމަށް ދޭ ސަމާލުކަން އިތުރުކުރުމެވެ.

މި މަސައްކަތުގައި ސަރުކާރުން އެންމެ އިސްކަންދެއްވާ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ ތާރީޚާއި ތަރިކަ އިޢާދަކުރުމަށް ދިވެހި ޒުވާނުން އުފެއްދުން ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދި ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒާއި، އަދި އުފައްދަވަން ނިންމަވާފައިވާ ޤައުމިއްޔަތު ކޮލެޖުގެ އެންމެ ބޮޑު މަޤުޞަދަކީ މިއީއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދިވެހިބަހާއި ސަޤާފަތާ ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، ދިވެހިންގެ ތަރިކަ ބެލެހެއްޓުމާއި އިޢާދަކުރުމަށް މަސައްކަތްކުރާނެ ދިވެހި ޒުވާން ޖީލެއް ނެތުމަކީ، އެކަމާއި ވަރަށް ބޮޑަށް ވިސްނާ ފިކުރުކުރަން ޖެހިފައިވާ މައްސަލައެއްކަމަށެވެ.

ރާއްޖޭގައި ހުރި އާސާރު ދިރާސާކުރުމާއި އެތަންތަނަށް ފަރުވާދީ މަރާމާތުކުރުމުގެ ގިނަ މަސައްކަތްތައް މިހާތަނަށްވެސް ކުރިއަށްގެންދަނީ ބޭރުގެ ޤައުމުތަކުގެ ދިރާސާވެރިންކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ މި މަސައްކަތް ކުރާނެ ތަޢުލީމާއި ތަމްރީން ލިބިފައިވާ ދިވެހި ޒުވާނުންގެ ގްރޫޕެއް އުފެއްދުމަށް ސަރުކާރުން ނިންމަވާ އެކަމަށް މަސައްކަތް ފަށްޓަވާފައިވާކަމަށެެވެ.

"35 އަހަރުން ދަށުގެ 60 އަކަށް ޒުވާނުން ނަގާނީ. އެއި ފުރަތަމަ ޑިގްރީ ޙާސިލްކޮށްފައި ތިބި ޒުވާނުން. ގާތްގަނޑަކަށް 5 އަހަރުގެ ތެރޭ މި ޒުވާނުން އެކަށިގެންވާ މިންވަރަށް ތަމްރީންކުރެވޭ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މީހުން އުފެއްދުމުގެ މަސައްކަތުގައި، ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ހޯދާނެކަމަށެވެ. އެގޮތުން ތަރިކަ ދިރާސާކުރުމުގެ ޢިލްމުތަކުގެ ތެރޭގައި ހިމެނޭ އެންތްރޮޕޮލޮޖީ އަދި އާކިއޮލޮޖީ ފަދަ ދާއިރާތަކުން ދިވެހި ފަންނުވެރިން އުފައްދަވާނެކަމަށެވެ.

"ދިވެހިން އެންމެ ރަނގަޅު ސުވާލު އުފައްދަން ދިވެހިންގެ އެންމެ މުޣައްދަސް ތާރީޚީ ބިނާ، ހުކުރު މިސްކިތް ބަލަހައްޓާނެ ޤާބިލުކަން ދިވެހި ޒުވާނުންގެ ކިބައިގައި ހުރުން މުހިންމު ނޫނީތޯ؟ އެތަނުގެ ގަލެއްގައި ފެހި ޖެހީމަ އެއަށް ގެއްލުން ނުދީ ރީތިކޮށްލަން އިނގޭ ބަޔަކު ތިބުން މުހިންމު ނޫންތޯ. ރައީސް ބޭނުންފުޅުވަނީ މި މަސައްކަތް ކުރާނެ ދިވެހި ޒުވާނުންގެ އުފެއްދުމަށް." ދިވެހިބަހާއި ސަޤާފަތާއި ތަރިކައިގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި ތަރިކަ ދިރާސާކުރުމާއި، އެތަންތަން އާބާރުތަފިލުވާ ފަރުވާ ދިނުމުގެ ގިނަ މަސައްކަތްތައް މިހާރުވެސް ކުރަނީ ބޭރުގެ ފަންނީ މީހުންގެ އެހީތެރިކަމާއެކުއެވެ.

ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒުގެ އިތުރުން، ޤައުމިއްޔަތު ކޮލެޖަކީވެސް މި މަގުން މަސައްކަތްކުރުމުގެ މަޤުޞަދުގައި އުފެއްދެވުމަށް ސަރުކާރުން ނިންމާފައިވާ ކޮލެޖެކެވެ.