ޚަބަރު

ބަލިމީހުން އުފުލުމުގައި ލަސްވާ މައްސަލަ މާރިޗުން ފެށިގެން ނިމުމަކަށް އަންނާނެ: ޑރ. ޚަލީލް


  • އެއަރ އެންބިއުލާންސްގެ ޚިދުމަށް 1 މާރޗް ގައި ފަށާނެ

  • އެކަމަށް 2 އެއަރކްރާފްޓު ބޭނުންކުރާނެ

  • ބަލި މީހުން އަވަހަށް އުފުލުމަށް ވަނީ ޚާއްޞަ އުސޫލެއް އެކުލަވާލާފައި

ބަލި މީހުން އުފުލުމުގައި ލަސްވާ މައްސަލަ މާޗް މަހުގައި ޙައްލު ލިބިގެން ދާނެކަމަށް ސިއްހަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ސަރުކާރުން އަންނަނީ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާރިޗު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށްޓަވާނެކަން އިޢުލާންކުރައްވާފައެވެ. އަދި އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ތައިލެންޑާއި ޔޫއޭއީއަށް ބަލިމީހުން ފޮނުވުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޞިއްހަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ޙާލު ބޮޑު ބަލި މީހާ، ޓާޝަރި ފެންވަރަށް ޚިދުމަތް ލިބޭ ހޮސްޕިޓަލަކަށް އުފުލުމުގައި އެކިއެކި ސަބަބުތަކާހުރެ ލަސްވުމަކީ ޒަމާނުއްސުރެ ޙައްލު ހޯދަން ރާއްޖޭގެ ރައްޔިތުން އެދި އެދި ތިބި ކަމެއްކަމަށެވެ.
އެކަމަށް ޙައްލެއް ހޯދައިދެއްވުމުގެ ގޮތުން، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިކަމަށް ފުރިހަމަ ޙައްލު ހޯދުމުގެ މަސައްކަތް ފައްޓަވާފައިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް އެއަރ އެންބިއުލާންސްގެ ޚިދުމަށް 1 މާރޗް ގައި ތަޢާރަފް ކުރެވި ބަލި މީހުން އުފުލުމުގައި ލަސްވާ މައްސަލަ ނިމުމަކަށް އަންނާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، އެއަރއެމްބިއުލާންސްގައި ކުއްލި ހާލަތުގައި ފަރުވާ ދޭންޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރާނެކަމަށެވެ.

އެއަރ އެމްބިއުލާންސް ފެށުމާއި ގުޅޭގޮތުން ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބުނީ، އެއަރއެމްބިއުލާންގެ ޚިދުމަތް މާރިޗު 1 ވަނަ ދުވަހު ފެށުމަށް އެކުންފުނިން ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން ސިއްޙީ ވުޒާރާއިއެކު އަދި ކަމާގުޅުންހުރި ފަރާތްތަކާއި މަޝްވަރާކުރަމުން އަންނަކަމަށް މޯލްޑިވިއަނުން ބުންޏެވެ.

އެއަރ އެމްބިއުލަންސްގެ ޚިދުމަތް ރާއްޖޭގައި ދޭން ފެށުމަށްޓަކައި 2 އެއަރ އެމްބިއުލަންސެއް މިޚިދުމަތުގައި ބޭނުންކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. ވަޒީރު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ މި ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށައި، ރައްޔިތުންނަށް ލުއިފަސޭހަ ޞިއްހީ ޚިދުމަތެއް ފޯރުކޮށްދިނުން ކަމުގައި ވިދާޅުވެފައެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. އެގޮތުން ޞިއްޙީ ދާއިރާއަށް އެއަރ އެންބިއުލަންސްގެ ޚިދުމަތްތައް ފެށުމަކީވެސް އެމަނިކުފާނު ޚާއްޞަ އިސްކަމެއްދެއްވައިގެން ކުރައްވަން ނިންމަވާފައިވާކަމެކެވެ.