ޚަބަރު

މިދިޔަ އަހަރު މާފަރު އެއަރޕޯޓަށް 353 ޕްރައިވެޓް ޖެޓް، މިއީ ރެކޯޑު އަދަދެއް


  • 2022 ވަނަ އަހަރު ޖައްސާފައިވަނީ 228 ޖެޓު

  • މިދިޔަ އަހަރުތެރޭ އެއަރޕޯޓަށް 1934 ފަތުރުވެރިން އެތެރެވެފައިވޭ

  • އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އެތެރެވެފައިވަނީ ޔޫރަޕުގެ ފަތުރުވެރިން

މިދިޔަ އަހަރުތެރޭ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ރެކޯޑު އަދަދަކަށް ޕްރައިވެޓު ޖެޓު ޖައްސާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް މެނޭޖްކުރާ އައިލެންޑު އޭވިއޭޝަނުން ހާމަކުރި ގޮތުގައި މިދިޔަ އަހަރުތެރޭ އެ އެއަރޕޯޓަށް 353 ޕްރައިވެޓް ޖެޓް ޖައްސާފައިވާއިރު މިއީ 2022 ވަނަ އަހަރަށްވުރެ 125 ޖެޓުގެ އިތުރުވުމެކެވެ.

އައިލެންޑު އޭވިއޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް މިދިޔަ އަހަރު 1934 ފަތުރުވެރިން ރާއްޖެއަށް ވަނީ އެތެރެވެފައެވެ. އަދި 2082 ފަތުރުވެރިން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އެތެރެވެފައިވަނީ ޔޫރަޕުގެ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް އައިސްފައިވަނީ މެދުއިރުމަތީގެ ޤައުމުތަކުގެ ފަތުރުވެރިންނެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވާފައިވާ މާފަރު އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

2020 ވަނަ އަހަރުން ފެށިގެން މާފަރު އެއަރޕޯޓަށް ޖެޓު ޖެއްސި މިންވަރު:


• 2020 ވަނަ އަހަރު - 115 ޖެޓު
• 2021 ވަނަ އަހަރު - 298 ޖެޓު
• 2022 ވަނަ އަހަރު - 228 ޖެޓު
• 2023 ވަނަ އަހަރު - 353 ޖެޓު

މިދިޔަ އަހަރުތެރޭ ރެކޯޑު އަދަދަކަށް މާފަރު އެއަރޕޯޓަށް ޖެޓު ޖައްސާފައިވާއިރު، އެ އެއަރޕޯޓު މެދުވެރިކޮށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އެތެރެވެފައިވަނީ އޭޕްރީލް އަދި ޑިސެމްބަރުމަހުއެވެ.

މާފަރު އިންޓަރނޭޝަލް އެއަރޕޯޓަށް ޖައްސާ ޖެޓުތަކުގައި އާއްމުގޮތެއްގައި އަންނަނީ ނ. އަތޮޅުގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިނެވެ. ނ. އަތޮޅަކީ މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް ހިންގަމުން އަންނަ އަތޮޅެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ނ. އަތޮޅުގައި 7 ރިސޯޓެއް ދަނީ ހިންގަމުންނެވެ. އަދި ރިސޯޓު ތަރައްޤީކުރުމަށް 13 ރަށެއް ދޫކޮށްފައިވެއެވެ. އެހެންކަމުން ކުރިމަގުގައި މާފަރު އެއަރޕޯޓަށް އޮންނަ ޑިމާންޑު މިހާރަށްވުރެ ބޮޑަށް އިތުރުވެގެންދާނެކަމަށް ލަފާކުރެވެއެވެ.

ނ. އަތޮޅުގެ އިތުރުން ބ. އަތޮޅުގެ ރިސޯޓުތަކަށް ޕްރައިވެޓު ޖެޓުތަކުގައި އަންނަ ފަތުރުވެރިންވެސް މާފަރު އެއަރޕޯޓު ބޭނުންކުރެއެވެ.

މާފަރު އެއަރޕޯޓު ތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ.

ސަރުކާރުން ދަނީ މާފަރު އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ރަންވޭ އަށް 650 މީޓަރު އިތުރުކޮށް، ރަންވޭގެ ދިގުމިން 2800 މީޓަރަށް ބޮޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު ބައިނަލްއަޤްވާމީ އުދުހުންތަކުގައި ބޭނުންކުރާ ބޮއިންގ 777 މަރުކާގެ މަތިންދާބޯޓުތަކަށްވެސް ރަންވޭއަށް ޖެއްސޭނެއެވެ.