ޚަބަރު

އައިޔޫއެމް އުނގޫފާރު ލަރނިންގ ސެންޓަރ ހުޅުވައިފި، މިމަހު ކޯސްތައް ފަށާނެ


  • އައިޔޫއެމްއާއި އެތަން ހަވާލުކޮށްފައިވަނީ މިދިޔަ ނޮވެމްބަރުމަހު

  • މި ޖެނުއަރީމަހު 5 ކޯހެއް މި ސެންޓަރުގައި ފަށާނެ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރ. އުނގޫފާރު ލަރނިންގ ސެންޓަރ ހުޅުވައިފިއެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި އިސްލާމީ މަތީ ތަޢުލީމު ފޯރުކޮށްދެވޭނެ އިންތިޒާމް ފުޅާކޮށް ފަހިކުރުމުގެ ގޮތުން އުނގޫފާރުގެ އިސްލާމިކް ސެންޓަރ އިސްލާމި ޔުނިވަރސިޓީގެ ސެންޓަރަކަށް ބަަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ.

އައިޔޫއެމްގެ ރ. އުނގޫފާރު ލަރނިންގ ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ. ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ ޑރ. އަފްރާޝީމުގެ އުފަން ރަށުގައި އައިޔޫއެމްގެ ލާނިންގ ސެންޓަރެއް ހުޅުވިގެން ދިޔުމަކީ އެމަނިކުފާނު ޔުނިވަރސިޓީއަށް ކޮށްދެއްވާފައިވާ ޙިދުމަތުގެ މަތިން ހަނދާން އާވެގެން ދިޔަ ކަމެއް ކަމަށެވެ.

އުނގޫފާރު ލަރނިންގ ސެންޓަރުގައި މި ފެށޭ ޖެނުއަރީ އިންޓޭކްގައި 5 ކޯސް ފެށުމަށްވަނީ ހަމަޖެހިފައެވެ.


އުނގޫފާރުގެ އިސްލާމިކް ސެންޓަރ އިސްލާމި ޔުނިވަރސިޓީގެ ސެންޓަރަކަށް ބަަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ވައިސް ޗާންސެލަރ ވަނީ ރ. އަތޮޅަކީ އާބާދީގެ ނިސްބަތުން ބޮޑު އަތޮޅަކަށް ވުމާއެކު އެސަރަޙައްދުގެ ގިނަ އަދަދެއްގެ ދަރިވަރުންނަށް މި ސެންޓަރުގެ ސަބަބުން މަތީ ތަޢުލީމް ޙާސިލުކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެ ކަމެއްކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ދެކުނުގައި އައިޔޫއެމްގެ ކެމްޕަސް ހިންގުމަށް ގދ. ތިނަދޫގައި ހުރި އިސްލާމީ މަރުކަޒުވެސް ދާދިފަހުންވަނީ އިސްލާމީ ޔުނިވަރސިޓީ އާއި ހަވާލުކުރައްވާފައެވެ. އަދި މި ޖެނުއަރީމަހު ތިނަދޫ ސެންޓަރުގައިވެސް ކޯސްތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.