ފުވައްމުލަކު ސިޓީ އެއަރޕޯޓް ބޮޑުކޮށް، ޖެޓް ޖެއްސޭ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށާއި، އެކަމަށްޓަކާ ބޭނުންވާ އިނީޝިއަލް ސަރވޭގެ މަސައްކަތްކުރާނެ ބަޔަކު ހޯދުމަށް ވަރަށް އަވަހަށް އިޢުލާންކުރާނެކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު އެއަރޕޯޓު ރަންވޭ ދިގުކޮށް، ޖެޓް ޖެއްސޭ ފެންވަރަށް ތަރައްޤީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ފުވައްމުލަކު އެއަރޕޯޓު ބޮޑުކޮށް، ޖެޓް ޖެއްސޭ ފެންވަރަށް ތަރައްޤީކުރުމާގުޅޭގޮތުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ވަނީ ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލުކޮށް، އެކަމުގެ މަޢުލޫމާތު ހިއްސާކޮށް މަޝްވަރާތައް ކޮށްފައެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވީ، ފުވައްމުލަކަކީ ގުދުރަތީގޮތުން ޚާއްސަ ސިފަތަކެއް ލިބިފައިވާ ސިޓީއަކަށްވެފައި، އެއަރޕޯޓުގެ ރަންވޭ މިހާރު އޮތްގޮތުން ފަޅު ހިއްކައިގެން ރަންވޭ އިތުރަށް ދިގުކުރެވެން ނެތްކަމަށެވެ. އަދި އެކަން ކުރެވެން އަންނަނީ ރަންވޭގެ އޮރިއެންޓޭޝަން ބަދަލުކޮށްގެންކަމަށްވާތީ، އެކަމަށް ހުރި އޮޕްޝަންތަކާގުޅޭ ކައުންސިލާއެކު މަޝްވަރާކުރެއްވިކަމަށް މުބީން ވިދާޅުވިއެވެ.
"ކައުންސިލާއި އަޅުގަނޑުމެން ހިއްސާކުރިން ރަންވޭގެ އޮރިއެންޓޭޝަން ޗޭންޖްވާއިރު އެ ސަރަޙައްދު ބަދަލުވެގެން އަންނާނެގޮތް. ބައެއް ގެތައްވެސް ނަގަންޖެހޭ. ފުވައްމުލަކަކީ ފަޅު ހިއްކައިގެން އިތުރަށް ރަންވޭ މިހާރު އޮތް އޮރިއެންޓޭޝަނުގައި ދިގުކުރެވޭކަށް އޮތްތަނެއްނޫން. އެހެންވީމަ އެ މަޝްވަރާތައް އަޅުގަނޑުމެންނަށް މިކުރެވުނީ ފުވައްމުލައް ސިޓީ ކައުންސިލާއެކު" މުބީން ވިދާޅުވިއެވެ.
މުބީން ވިދާޅުވީ، އެއަރޕޯޓުގެ ރަންވޭ އޮރިއެންޓޭޝަން ބަދަލުކުރާނަމަ، އާއްމުން ދިރިއުޅޭ ބައެއް ގެތައްވެސް ހިމެނޭހެން އެއަރޕޯޓު ހިމެނޭ ސަރަޙައްދާ ކައިރިން ބައެއް އިމާރާތްތައް ހުސްކުރަންޖެހޭކަމަށެވެ. އެހެންކަމުން އެއީ ރައްޔިތުން އެއްބަަސްވާނެކަމެއްތޯއާއި، ކައުންސިލުން މިކަމުގައި ހުރި ވިސްނުންތަކާގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށް މުބީން ވިދާޅުވިއެވެ.
މިކަމަކީ ޚަރަދުތަކެއްވެސް ހިނގާނެކަމަކަށްވާތީ، މިކަމުގެ އިނީޝިއަލް ސަރވޭ ކުރާނެ ފަރާތެއް ހޯދުމަށް އަންނަ ހަފްތާގައި އިޢުލާންކުރެވޭނެކަމަށް މުބީން ވިދާޅުވިއެވެ.
"ރައީސްގެ ވިސްނުންފުޅުހުރީ އެ އެއަރޕޯޓް ރަންވޭ ދިގުކޮށް ޖެޓް ޖެއްސޭ ފެންވަރަށް އެތަން ބަދަލުކުރުން. ފުވައްމުލަކީ ވަރަށް ތަފާތުތަނެއްވީމަ، އެކަން ކުރެވިދާނެތޯ އަޅުގަނޑުމެން މި ބަލަނީ އަޅުގަނޑުމެންގެ މި އިނީޝިއަލް ސްޓޭޖުގައި މި ހެދޭ ސަރވޭތަކުން. މި އަންނަ ހަފްތާގައި ރަސްމީކޮށް އިޢުލާންކުރެވޭނެ މި ސަރވޭ ހެދުމަށް ބަޔަކު ހޯދަން. ސަރވޭގެ މައްޗަށް ބަލާ ކިތައް ގެތޯ ދަނީ، ކިހާވަރެއްގެ ކޮސްޓެއް ދާނެތޯއާ އެކަންކަން އަޅުގަނޑުމެން ޖެހޭނީ މިކަމާ އެލައިންވާ މިނިސްޓްރީތަކާ ވާހަކަދައްކަން" މުބީން ވިދާޅުވިއެވެ.
މުބީން ވިދާޅުވީ، ފުވައްމުލަކު އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން، ފަތުރުވެރިކަމުގެ ފެސިލިޓީތައްވެސް ހިމެނޭހެން މުޅި އެއަރޕޯޓުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެއަރޕޯޓާއި އިންވެގެންހުރި ހުސްބިންތަކުން ފަތުރުވެރިކަމަށް ގާތްގަނޑަކަށް 200 އެއްހާ އެނދު އުފެއްދިދާނެކަމަށާއި، އެކަމަށްހުރި ފުރުޞަތުތަކާގުޅޭގޮތުންވެސް ކައުންސިލާއެކު މަޝްވަރާކުރައްވާފައިވާކަމަށް މުބީން ވިދާޅުވިއެވެ.
"ހުރިހާ އެއަރޕޯޓުތަކަކީވެސް އެތަންތަނުން ލިބެން ހުރި އާމްދަނީތަކަކީ ކޮބައިތޯ ބަލާ އެ މަސައްކަތް މިކުންފުނިން ވަރަށް ބާރަށް މި ކުރިއަށްގެންދަނީ. އެގޮތުން އެ ސަރަޙައްދުގައި ޓޫރިޒަމް ޑިވެލޮޕްކޮށް ގާތްގަނޑަކަށް 40 ރޫމްވަރު ހެދިދާނެކަމަށް ފެނޭ. ހަމައެހެންމެ އޭގެ ކުރިމަތީގައި އޮތް ހުސް ސަރަޙައްދުވެސް ހިމެނޭހެން ދެބައި އެއްކޮށް ގާތްގަނޑަކަށް 200 ބެޑް ހިމެނިދާނެ. އެހެންވީމަ މުޅިތަނުގެ މާސްޓަރ ޕްލޭނެއް ހެދޭނެ" މުބީން ވިދާޅުވިއެވެ.
ފުވައްމުލަކު އެއަރޕޯޓުގައި މިހާރު ބޭނުންކުރަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ. މި އެއަރޕޯޓް ތަރައްޤީކޮށް ހުޅުވާފައިވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން ރަންވޭގެ ޖާގަ 1600 ނުވަތަ 1800 މީޓަށް ބޮޑުކޮށް ޖެޓް ޖެއްސޭވަރަށް ތަރައްޤީކުރެވިގެންދާނެކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެއެވެ.
މީގެ އިތުރުން ޖެޓް ޕާކިންއަށް ޚާއްސަކޮށްގެން އޭޕްރެން ޖާގައިތުރު ކުރުމާއި، ޖެޓް ފިއުލް ލިބޭނެ އިންތިޒާމު ހަމަޖެއްސުންވެސް ހިމެނެއެވެ.